ހުޅުމީދޫގައި ހުންނަ މިފްކޯގެ އައްޑޫ ކޮމްޕްލެކްސް ކުރިމަތީގައި މަސްވެރިން އިހުތިޖާޖު ކުރަނީ. އެމީހުން ޑިމާންޑް ކުރަމުންދަނީ ކިރާފައިވާ މަހަށް ވަގުތުން ފައިސާ ދިނުމަށް.

މަސްވެރިން

އައްޑޫ މަސްވެރިންގެ މުޒާހަރާ: ފައިސާ ނުލިބޭ ނަމަ ފެކްޓަރީ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި

ވީހާ ވެސް އަވަހަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، މުޒާހަރާގެ ތެރެއިން ތަކެއްޗަށް ގެއްލުން ނުދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި

މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ލިބުން ލަސްވެގެން އައްޑޫ ހުޅުމީދޫގައި މަސްވެރިން ކުރަމުންގެންދާ މުޒާހަރާގެ ތެރެއިން އެ ރަށުގައި ހުރި މިފްކޯގެ މަސް ފެކްޓަރީގެ ހިންގުން ހުއްޓުވާލާނެ ކަމުގެ އިންޒާރު މަސްވެރިން މިއަދު ދީފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރު ބަދަލުވި ފަހުން ކިރާ މަހަށް ފައިސާ ލިބުން ލަސްވާ މައްސަލާގައި މަސްވެރިން ވަނީ ގިނަ މުޒާހަރާތަކެއް ކޮށްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި، މަސްވެރިންނަށް ފައިސާ ދިނުމުގައި މައްސަލަތަކެއް ދިމާވެފައިވަނީ ވެރިކަން ބަދަލުވި އިރު މިދިޔަ ސަރުކާރުން މަސްވެރިންނަށް ދޫކުރަން ޖެހޭ 200 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައި ނުވާތީ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ތިން މަހެއްހާ ދުވަހުގެ ފައިސާ ނުލިބޭ ކަމަށް ބުނެ އިއްޔެއިން ފެށިގެން ހުޅުމީދޫގައި ކުރަމުންދާ އިހުތިޖާޖުގައި މިއަދު ވެސް މަސްވެރިން ދަނީ އަޑު އުފުލަމުންނެވެ.

ހުޅުމީދޫ ބަނދަރަށް އެއްވެފައިވާ 80 ވަރަކަށް މަސްވެރިން ޑިމާންޑް ކުރަނީ ކިރާފައިވާ މަހަށް ވަގުތުން ފައިސާ ދިނުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެ ލަސްވެގެން މަސް ކިރާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމުގެ ޔަގީންކަން ދިނުމަށެވެ.

އެ ޑިމާންޑްތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މިފްކޯގެ އައްޑޫ ކޮމްޕްލެކްސްގެ މަސައްކަތް ހުއްޓުވާލާނެ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން އިންޒާރުދީފައިވެ އެވެ. އެގޮތުން:

  • ފެކްޓަރީގެ ހުރިހާ އިސް މުއައްޒަފުން ފެކްޓަރީން ބޭރުކޮށްލާނެ ކަމަށް ބުނެފައިވޭ

  • ބަދިގޭގައި ކައްކަން ހުރަސް އަޅާނެ ކަމަށް ވެސް ބުނެފައިވޭ

މިނިސްޓަރުގެ ބަސް - ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް 'ދައުރު'އަށް ވިދާޅުވީ، އައްޑޫގެ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ކަންކަން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ މުއާމަލާތު ކުރެވެމުން ވެސް ދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އީދު ބަންދުގެ ސަބަބުން މިވަގުތު ފައިސާ ދޫކުރުމުގެ ރަސްމީ މުއާމަލާތްތައް މަޑުޖެހިފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ދޫކުރެވޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ޔަގީންކަމާ އެކު ބުނަން އެނގޭނީ ބަންދު ނިމުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑެއް ބޭނުމެއް ނުވޭ، ނޫނޭ މުޒާހަރާ ހުއްޓާލާށޭ މާދަމާ އަޅުގަނޑުމެންނަށް ފައިސާ ހަމަޖެއްސޭނޭ، އެހެން ދަންނަވާކަށް ނެތިން. އެއީ އެކަން އެހެން ވާން ނެތީމަ،" ޝިޔާމް ވިދާޅުވި އެވެ.

"ވަގުތުން އެކަން ކުރެވޭކަށް ނެތް މިވަގުތު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާ އެކީގައި އަދި މިފްކޯގެ ކޭޝް ފްލޯ ވެސް ނެތީމައާ އެކު."

ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ފެބްރުއަރީ މަހު ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރައްވަނީ. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

ނަމަވެސް، މަސްވެރިންނަށް ވީހާ ވެސް އަވަހަށް ފައިސާ ދިނުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އެގޮތުން: 

  • މިފްކޯ އިން މަސްވެރިންނަށް ފައިސާ ދިނުމަށްޓަކައި ޑޮމެސްޓިކް މާކެޓުން ނުވަތަ އެހެން ގައުމަކުން ނަމަވެސް ފެސިލިޓީއެއް ހޯދަން ދަނީ މަސައްކަތް ކުރަމުން

  • އެކަމުގެ އަޕްޑޭޓެއް ވެސް ލިބޭނީ މާދަމާ ސަރުކާރު ހުޅުވުނީމާ

މަސްވެރިންގެ ހައްގު ހޯދަން މުޒާހަރާ ކުރި ނަމަވެސް، އެކަމުގެ ތެރެއިން ދައުލަތުގެ މުދަލަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ޝިޔާމް މުޒާހަރާގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.

"[އެފަދަ ކަމެއް ކޮށްގެން] އަޅުގަނޑުމެން ފިޔަވަޅު އަޅަންޖެހޭ ހާލަތަކީ އަސްލުގައި އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގެންނެވީ، އޮޕަރޭޝަންތައް ހުއްޓުވާ ނުލައި އަދި އެއްވެސް މުދަލަކަށް ގެއްލުމެއް ނުދީ ސުލްހަވެރިކަމާ އެކު މަސްވެރިންގެެ މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ.

ފާހަގަކޮށްލެވޭ - މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ ފެބްރުއަރީ މަހު މަސްވެރިން ވަނީ ގއ. ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި މި މަހު ވެސް މާލޭގައި ވަނީ މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާތައް ހުއްޓާލީ މަސްވެރިންނަށް މިފްކޯ އިން ދޭންޖެހޭ ފައިސާގެ ބޮޑު ބައެއް ދެއްކި ފަހުންނެވެ.

ނަމަވެސް، އެއަށް ފަހު އަނެއްކާވެސް ބެކްލޮގް ބޮޑުވެ، މަސްވެރިންނަށް ފައިސާ ދޫނުކުރާތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އެނގިފައިވާ ގޮތުގައި، މިފްކޯއަށް މަސްވެރިން ކިރާ މަހަށް ފައިސާ އެންމެ ފަހުން ފައިސާ ދިނީ 11 އޭޕްރީލްގަ އެވެ.

ކޮމެންޓް (2)

ސާރާ އަހްމަދު

22 ޖޫން 2024
ދެން އަހަރެން ވެސް ފިހާރައެއް ހުޅުވައިގެން މި އުޅެނީ. އަހަރެން ގެންނަ ހުރިހާ މުދަލެއް ސަރުކާރުން ގަތުމަށް ގޮވާލަން. އެއީ އަހަރުމެން ފިހާރަ ވެރިންނަށް ގެއްލުން ނުވާނެ އަގެއްގައި ގަތުމަށް. މިކަމާ ހުރިހާ ރަށެއްގެ ފިހާރަ ވެރިން ނުކުމެ މުޒާހަރާކޮށް ސަރުކާރުން ފައިސާ ނުދީފި ނަމަ ޓްރޭޑް މިނިސްޓްރީ ބަންދު ކުރަމާ؟ އަހަރުމެން ކުރާ އިގްތިސާދީ މަސައްކަތަކަށް ދެކޮޅު ނުޖެހުނީމަ ފައިސާ ދޭން ހުރި ތަނެއް ނޫން ސަރުކާރަކީ؟
0 0

ސައިމާ

22 ޖޫން 2024
މަސްވެރިންނަށް ދޭންހުރި ފައިސާ ދީފައި ޚަލާސްކުރަން އަވަސްވުމަށް ޝިޔާމަށް ގޮވައިލަން. އަދި އެއާއެކު، މިފްކޯއިން މަސްގަންނައަގު މާކެޓްރޭޓަށް ވަގްތުންވަގްތަށް ދޫކޮށްލުމަންވެސް ގޮވައިލަން. މަސްވެރިންނަށް ލިބެންވާހަމައަގަށް ތިރިކުރަންޖެހޭ. މުޒާހަރާއެއްކޮށްލާއިރަށް ދައުލަތް ކުޑަކަކޫމައްޗަށް ތިރިވުންއެއީ ހައްލެއްނޫން. މިވެރިން އިމަށް ވައްދާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް