މިފްކޯ އިން މަސްކިރުމުގެ މަސައްކަތް ކުރަނީ -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

މަސްވެރިން

މަސްވެރިންގެ ފައިސާ އަނެއްކާ ވެސް ފުނި ޖެހެނީ؛ 62 މިލިއަން ރުފިޔާ ނުދެވި

އެންމެ ފަހުން މަސްވެރިންނަށް ފައިދާ ދޫކުރި އިރު 22 މިލިއަން ރުފިޔާ ދޫކުރި ކަމަށާއި މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި

މިދިޔަ މަހުގެ 23 އިން ފެށިގެން މިއަދާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 62 މިލިއަން ރުފިޔާ ނުދެވި އެބައޮތް ކަމަށް ފިޝަރީޒްް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު އެ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭޕްރީލް 22 އާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީފައިވާ ކަމަށެވެ.

އެންމެ ފަހުން މަސްވެރިންނަށް ފައިދާ ދޫކުރި އިރު22 މިލިއަން ރުފިޔާ ދޫކުރި ކަމަށާއި މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދިނުމަށް ކަމަށާއި ނަމަވެސް މަސް ނިމެންދާއިރު މާލީ ގޮތުން މިފްކޯ އަށް ވެސް ދަތިތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު މި ކުރަނީ ވީހާ ވެސް އަވަހަކަށް، އަދި މަސް ނިމެމުންދާތިއްޔާ އެކީ މިފްކޯ އަށް ވެސް މާލީ ގޮތުން ހުންނާނެ މަސް ނިމޭއިރު ހުންނަ އުނދަގުލެއް. އެކަމަކު އަޅުގަނޑު އުއްމީދު މިކުރަނީ ވީހާވެސް އަވަހަކަށް މި ފައިސާ މަސްވެރިންނަށް ދައްކާ ހަލާސް ކުރުމަށް،"

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް މިފްކޯ އިން ވެސް އަދި ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ދައުލަތުގެ ހަރަދުކުޑަކޮށްގެން، ކުރަންޖެހޭ ހަރަދުތައް ވަކިން ހާއްސަކޮށް ދައްކަންޖެހޭ ބިލުތައް ދެއްކުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުގެ މާލީ ހަލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ އަލި މަގެއް ލިބިއްޖެ ނަމަ މިފްކޯ އަށް ވެސް ލުއިވާނެ ކަމަށެވެ. އެއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރަން އެ ކުންފުންޏަށް ފަސޭހަވާނެކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.

ފާހަގަ ކުރެވޭ - މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ ފެބްރުއަރީ މަހު މަސްވެރިން ވަނީ ގއ. ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މުޒާހަރާތައް ހުއްޓާލީ މަސްވެރިންނަށް މިފްކޯ އިން ދޭންޖެހޭ ފައިސާގެ ބޮޑުބަޔެއް ދެއްކި ފަހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް