މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ބޯޓެއް: މިއަހަރު ޕައިލެޓުކަން ކިޔަވަން ދިނީ 10 ފުރުސަތު

މަތީ ތައުލީމު

ވަޒީފާ ނުއުފެދޭތީ ޕައިލެޓުކަން ކިޔަވަން މިއަހަރު ދިނީ 10 ފުރުސަތު

ޕައިލެޓުކަން ކިޔަވަން ދޭ ލޯނަށް 148 ކުދިން ކުރިމަތިލި؛ ބާކީ ކުދިންނަށް އެހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި

ޕައިލެޓުކަން ކިޔަވަމުންދާ ކުދިންނާ އެއް އަދަދަކަށް ރާއްޖޭގައި ވަޒީފާ ނުއުފެދޭތީ މި އަހަރު ޕައިލެޓުކަން ކިޔެވުމަށް ލޯނު ފުރުސަތު ދޭނީ 10 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތުގައި:

  • 1،709 އެޕްލިކޭޝަން ލިބުނު 

  • ޝަރުތު ހަމަވާ 1،015 މީހުންނަށް ލޯނު ދިން

ތަފްސީލް - ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ޕައިލެޓު ލައިސެންސިންއަށް ކިޔަވަން ޝަރުތު ހަމަވާ 148 ދަރިވަރުން މިއަދު ހުށަހެޅި ކަމަށެވެ. ނަމަވެސް، ޕައިލެޓުކަން ކިޔަވާ ކުދިންގެ އަދަދާ އެއްވަރަށް ވަޒީފާ ނުއުފެދޭތީ، އެކަމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުގެ ކަންބޮޑުވުންތައް ހުރުމާ އެކު، މިއަހަރު އެ ދާއިރާ އިން ދޭން ނިންމީ 10 ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ:

  • މިިދިޔަ އަހަރު ދިން 1،275 ލޯނު ފުރުސަތުގެ ތެރެއިން 500 ފުރުސަތަކީ ރާއްޖޭން ބޭރުން ޕައިލެޓު ލައިސެންސަށް ކިޔަވަން ދިިން ލޯނު

  • އެހާ ގިނަ ފުރުސަތު އެއް ދާއިރާއަކުން ކިޔަވަން ދިނުމުން ދަރިވަރުންނާއި ބެލެނިވެރިންނާއި ކަމާ ބެހޭ އެކިއެކި އިދާރާތަކުން ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްފައިވޭ

"ދަރިވަރުންނަށް ޕްލޭސްމެންޓާއި ވިސާ ލިބުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަ ކުރިމަތިވޭ. މިހާ ގިނަ ދަރިވަރުންތަކެއް އެއް ފަހަރާ އެއް ދާއިރާއަކުން ކިޔަވާ ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ޕައިލެޓް ލައިސެންސިންއަށް ކިޔެވުމަށް ލޯނު ދޭން ހުޅުވާލީ 10 ފުރުސަތު ކަމަށެވެ. އެ ފުރުސަތު ދޭނީ ރާއްޖޭގެ އޭވިއޭޝަން އެކެޑެމީގައި ކިޔަވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި 10 ފުރުސަތަށް އެދި ޝަރުތުު ހަމަވާ 148 ކުދިން ހުށަހަޅާފައިވޭ. އިސްވެ ދެންނެވި ކަންތަކާއި ރާއްޖޭގައި ހުރި ކެޕޭސިޓީއަށް ރިއާޔަތްކޮށް، މެރިޓު އުސޫލުން އެންމެ މަތިން މާކްސް ހޯދާ 10 ކުދިންނަށް ފުރުސަތު ދޭނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ޕައިލެޓު ލައިސެންސިންއަށް ކިޔަވަން ހުށަހެޅި ކުދިންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ އެހެން ކުދިންނަށް މި އަހަރު އިއުލާނުކޮށްފައިވާ ސްލޮޓުތަކުގެ ތެރެއިން ޝަރުތު ހަމަވާ ސްލޮޓުތަކަށް ބަދަލުވުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ފާހަގަ ކުރެވޭ ކަމެއް - ރާއްޖޭގައި ޕައިލެޓުކަން ކިޔަވައިގެން ތިބި ގިނަ ބަޔަކަށް ވަޒީފާ ނުލިބޭ މައްސަލަ ތަކުރާރުކޮށް ފާހަގަކުރައްވައި ކުރިއަށް އޮތް އަހަރުތަކުގައި އެ މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވެސް ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް