ފްލައިޓެއްގެ ކޮކްޕިޓުތެރެ. ރާއްޖޭގައި ވަޒީފާ ނުލިބި ގިނަ އަދަދެއްގެ ކެޑޭޓު ޕައިލެޓުން އެބަތިބި (ދައުރު ފައިލް ފޮޓޯ)

ވަޒީފާ ނުލިބި ތިބޭ ޕައިލެޓުންގެ މައްސަލަ މުސްތަގުބަލުގައި ބޮޑުވާނެ: އަމީން

ޕައިލެޓުންނަށް ވަޒީފާ ދެނީ ރާއްޖޭގައި ޓީއެމްއޭ އާއި މޯލްޑިވިއަން އިން ކަމަށްވާއިރު އަހަރެއްގެ މައްޗަށް އެ ދެ ކުންފުނި އެއްކޮށް ވެސް ވަޒީފާާ އަށް ނެގެނީ 20-25 ޕައިލެޓުން

ރާއްޖޭގައި ޕައިލެޓުކަން ކިޔަވައިގެން ތިބި ގިނަ ބަޔަކު ވަޒީފާނެތި ތިބޭ މައްސަލަ ތަކުރާރުކޮށް ފާހަގަ ކުރައްވައި ކުރިއަށް އޮތް އަހަރުތަކުގައި އެ މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު -  މިދިޔަ ސަރުކާރުން އެންމެ ފަހުން ދިން މަތީ ތައުލީމާއި ތަމްރީނުގެ ސްކޯލާޝިޕް/ލޯނު ފުރުސަތުގައި 479 ކުދިންނަށް ޕައިލެޓް ލައިސަންސް ހޯދަން ކިޔެވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ވީ ކިހިނެއް؟ - ގިނަ ބަޔަކު ވަޒީފާ ނެތި ތިއްބާ، އަލުން އެ ދާއިރާ އިން ކިޔަވަން ފުރުސަތު ދީފައިވާތީ މިނިސްޓަރު އަމީން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަން އަމީން ސިފަކުރައްވަނީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ.

މިއަދު ވެސް އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވއި ކުރިއަށް އޮތްތަނުގައި އެ މައްސަލަ ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - އަމީން ވިދާޅުވީ ޕައިލެޓުކަން ކިޔަވައިގެން ގިނަ ބަޔަކު ރާއްޖެ އައިސް، ވަޒީފާ ނުލިބި ތިބި އިރު އެންމެ ގިނަ ޕައިލެޓުންނަށް ވަޒީފާ ދެނީ އައިލެންޑް އޭވިއޭޝަން އިން ކަމަށެވެ. އެ ކުންފުނީގެ ދަށުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ޕައިލެޓުން ނަގާއިރު ސިޔާސީ ނުފޫޒު ނޯންނާނެ ކަމަށާއި މުވައްޒަފުން ނަގަނީ މެރިޓު އުސޫލުން އިވެލުއޭޓު ކޮށްގެން ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަކޮށް ހިނގާފައި އޮތް ކަމެއް. ކެޑޭޓު ޕައިލެޓުންގެ އަދަދު ރާއްޖޭގައި ވަރަށް ގިނަވަމުން އެދަނީ. އެކަމަކު އެ އޮޕަޗިއުނީޓީ އެއް އެ ޖާގަ އެއް ރާއްޖެ އަކު ނެތް. އެއީ ބައެއް ގައުމުތަކުގައި ދިމާވެފައި އޮތް މައްސަލަ އެއް،" އަމީން ވިދާޅުވި އެވެ.

އަމީންް ވަނީ އެކަމަށް ނުވިސްނާ ކުރީ ސަރުކާރުގައި ލޯނު ދޫކޮޮށްފައި ހުރުމުން ތަކުރާރުކޮށް ކަންބޮޑުވުުން ފާޅުކުރައްވައިފަ އެވެ.

"... މިއީ ދައުލަތަކުން މި ކަންތައް ބައްޓަން ކޮށްގެން ގެންނަން ޖެހޭ ނިޒާމުގެ ތެރެއަށް ނުގެނައިމަ ލިބުނު ދެރަ. އެ ޕަބްލިކަށް ވެސް،" ޕައިލެޓުކަން ކިޔަވަން ގާތްގަނޑަކަށް 500 ފުރުސަތު މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ހުޅުވާލިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

29 މެއި 2024: ޓްރާންސްޕޯޓު މިނިސްޓަރު އަމީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"އާންމު ރައްޔިތުންނަށް ނޭނގޭނެ ވަޒީފާ ނުލިބޭނެ ކަމަކާ، ކެޑޭޓް ޕަައިލެޓުންނަށް ރާއްޖޭގައި ވަޒީފާ ލިބެނީ ރާއްޖޭގައި ކިހާ ވަރަކަށް ކަމާ ..."

އަމީން ވިދާޅުވީ އެތައް ސަތޭކަ ކުދިންތަކަކަށް ޕައިލެޓުކަން ކިޔެވުމުގެ ފުރުސަތު ދިން އިރު 250 އެއްހާ ކުދިން އެ ދާއިރާ އިން ކިޔަވަމުން ދިޔަ ކަމަށެވެ.

"250 އަކަށް ކުދިން އަމިއްލަ ގޮތުންނާ އެހެން ގޮތްގޮތުން އެކި ސްކީމުތަކުގައި ކިޔަވަން ތިއްބާ، 500 ކުދިންނަށް ފުރުސަތު ދިނީމާ މިހާ ގިނަ ކުދިން ޓްރެއިނިން ހަދައިގެން ރާއްޖެ އަންނަން ފެށީ،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި ކުދިންނަކީ އެންޓްރީ ލެވެލްގެ ބޭސިކް ކެޑޭޓު ޕައިލެޓުން. އެއްވެސް އެއާލައިނަކަށް ނެތް ގެންގުޅެވޭކަށް ހަމައެކަނި ކެޑޭޓު ޕައިލެޓުން ނަގައިގެން."

ރާއްޖޭގެ ތަފާސްހިސާބަށް ބަލާއިރު ކެޑޭޓް ޕައިލެޓުންނަށް ވަޒީފާ ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އިން ކަމަށާއި އަހަރެއްގެ މައްޗަށް ދެ ކުންފުނި އެއްކޮށް ވެސް ވަޒީފާާ އަށް ނެގެނީ 20-25 ޕައިލެޓުން ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ މަހު މޯލްްޑިވިއަން އަށް 4 ޕައިލެޓުން ހޯދަން އިއުލާން ކުރުމުން 90 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ.

މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫ (ފޮޓޯ/މޯލްޑިވިއަން)

"....ދެން ކުރާއިރު 200 މީހުން ކުރިމަތިލާނެ ކަންނޭނގެ،" އަމީން ވިދާޅުވި އެވެ.

"އެކަމަކު ކެޑޭޓު ޕައިލެޓުން އެކަނި ލައިގެން އެއާލައިނެއް ނުހިންގޭނެ. އަދި ކެޑޭޓް ޕައިލެޓުންނަކީ އެންޓްރީ ލެވެލްގެ ކުދިން. އެއާލައިނުގެ ފަސިންޖަރުންނާއި ސަލާމަތީ މިންގަނޑުތަކަށް ބަލާއިރު އެކަން ކުރެވޭ ގޮތަކަށް ނޫން މި އޮންނަނީ."

މި ހާލަތު ގޯސްވީ ޕްލޭން ނުކޮށް ކަންތައް ކުރުމުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ. 

"ދެން އަޅުގަނޑަކަށް ނޭނގެ މި ވަޒީފާ ނުލިބޭ ހުރިހާ ކުދިންނަށް ހަދާނީ ކިހިނެއްތޯ ދަންނަވާނެ ގޮތެއް،" އަމީން ވިދާޅުވި އެވެ. 

މިނިސްޓަރު ކަން ލިބިވަޑައިގަތުމުގެ ކުރިން ވެސް މި ކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތައް ކުރެއްވިކަން މީގެ ކުރިން ގައުމީ އެއާލައިނުގައި ވެސް މަސައްކަތް ކުރެއްވި އަަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕައިލެޓުކަން ކިޔަވަން ދާ ގިނަ ކުދިންނަކީ ސްކޫލު ދައުރުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިން ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު ވަޒީފާ ނުލިބި ދެރަގޮތް ދިމާވަނީ އެންމެ މޮޅު ކުދިންނަށް ކަމަށެވެ.

"ބައެއް ގައުމުތަކުގައި ގާނޫނު ވެސް ހަދާފައި އެބައޮތް، އެހެން ގައުމެއްގެ ކެޑޭޓު ޕައިލެޓުން އެ ގައުމެއްގެ ކުދިން ތިއްބާ ނުނެގޭ ގޮތަށް. އެހެންވީމާ އެހާ ވެސް ބެކްލޮގް ބޮޑު ކަމެކޭ މިއީ. އަޅުގަނޑުގެ އޭވިއޭޝަން ކެެރިއާގައި އަދި ނުދެކެން އެހެން ގައުމަކު ދިވެހި ކުއްޖަކަށް ކެޑޭޓު ޕައިލެޓެއްގެ ވަޒީފާ ލިބިފައި ހުއްޓާ." އަމީން ވިދާޅުވި އެވެ. 

ކޮމެންޓް (1)

ފުރެންޑު

29 މޭ 2024
ޔޫ ވަރަށް ކޮންސާންވޭ ދޯ މިކަމާ މިހާރު 🤭
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް