ވިލާ އެއާގެ ޕައިލެޓުންތަކެއް (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މި ދާއިރާއިން ވަޒީފާއެއް ނެތަސް ކިޔަވަން ރެކޯޑު އަދަދުން ލޯނު

މިހާރު ވެސް އެތައް ބަޔަކު ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ އިރު، ތަމްރީން ނިންމުމަށް ފަހު ވަޒީފާ ނުލިބި ގިނަ ބަޔަކު އެބަ ތިބި

މަތީ ތައުލީމާއި ތަމްރީނަށް ސަރުކާރުން ދޭ ލޯނުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް މި މަހުގެ 1 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ފަހުރުވެރިކަމާ އެކު ފާހަގަކުރެއްވީ މިއީ "ރެކޯޑު އަދަދަކަށް" ޕައިލެޓް ޓްރެއިނިން އަށް ލޯނު ދޫކުރާ އަހަރަކަށް ވާނެ ކަމެވެ. ކުރީ އަހަރުތަކާ އަޅާބަލާއިރު، މި އަހަރު އެ ދާއިރާ އިން ފުރުސަތުތައް އިތުރު ކޮށްފައިވާނެކަން އޭނާ ވިދާޅުވި އެވެ.

"ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދީ، ވަގުތީ ނަތީޖާ ނެރޭ އިރުގައި، 479 ކުދިންނަށް ޕައިލެޓް ސްޓަޑީސް ލައިސަންސް ހޯދަން ފުރުސަތު ލިބިގެންދާނެ. މިއީ ރެކޯޑު އަދަދެއް،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާހިލާފު ހެޔޮ ބަދަލެއް ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމުގެ ސަބަބުން އަންނާނެ. އަދި އޭގެ ފައިދާ އަޅުގަނޑުމެން އާންމު ރައްޔިތުންނަށް އެތައް ގޮތަކުން ލިބެމުންދާނެ." 

ޕައިލެޓް ޓްރެއިނިން އަށް ލޯނުގެ ގޮތުގައި މީހަކަށް 1.7 މިލިއަން ރުފިޔާ އާއި 2.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރެ އެވެ. ކޯސް ފީ އަކީ 60،000-95،000 ޑޮލަރު (925,200 ރުފިޔާ - 1.46 މިލިއަން ރުފިޔާ) އެވެ.

ޕައިލެޓް ތަމްރީންތަކަށް މި އަހަރު އެކަނި ވެސް 470 އަށް ވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޭނެކަން އިއުލާންކުރި އިރު މިހާރު ވެސް އެތައް ބަޔަކު ޕައިލެޓް ޓްރެއިނިން ހަދަމުން އެބަދެ އެވެ. މައްސަލައަކީ ޓްރެއިނިން ނިންމުމަށް ފަހު ވަޒީފާ ނުލިބި ތިބެން ޖެހޭ ކަމެވެ.

ޓީއެމްއޭގެެ ޕައިލެޓުންތަކެއް (ފޮޓޯ/ޓީއެމްއޭ)

ކިޔަވަނީ 'ކުރާހިތްވާ ކަމަކަށް ވާތީ'

ޕައިލެޓް ޓްރެއިނިން ނިންމާ، ވަޒީފާއެއް ނުލިބި މި ވަގުތު ވެސް 60 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ހަތަރު އެއާލައިނަށް ޖުމްލަކޮށް ބެލިޔަސް، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ ވެސް ޕައިލެޓުންނަށް 60 ޖާގަ ނުއުފެދޭނެ ކަމަށް، ޓްރެއިނިން ނިންމާ، ވަޒީފާގެ އިންތިޒާރުގައި ތިބި މީހުން ވެސް ލަފާކުރެ އެވެ.

"މިހާރު ވެސް 100 އެއްހާ ކުދިން އެބަ ކިޔަވާ ޗެކް ރިޕަބްލިކް އަދި ފިލިޕީންސްގައި. އިތުރު އެހެން ތަންތަނުގައި ވެސް ކުދިން ތިބޭނެ،" ޓްރެއިނިން ނިންމާ، ވަޒީފާ ނުލިބި ހުރި ޕައިލެޓަކު، ނަން ނުޖަހަން އެދި ވާހަކަދައްކަމުން، ބުންޏެވެ.

އޭނާ ބުނީ ގިނަ މީހުން މި ދާއިރާ ހިޔާރުކުރަނީ ކުރާހިތްވާ ކަމަކަށް ވާތީ ކަމަށެވެ.

"ބައެއް މީހުންނަކީ އޭވިއޭޝަންއާ ގުޅުން ހުރި މަސައްކަތް ކޮށްފައި ފަހުން ޕައިލެޓް ޓްރެއިނިންއަށް ދާ މީހުން. ނޫނީ އަބަދުވެސް މި މަސައްކަތް ކުރަން ބޭނުންވާތީ ޕައިލެޓަކަށް ވާން ބޭނުންވެގެން ކިޔަވަނީ. މިއީ ވަރަށް އިންޓްރެސްޓިން ފީލްޑެއް ޓެކްނިކަލީ ބުނަންޏާ. ކުރިއަށްދާން މެންޓަލީ އަދި ފިޒިކަލީ ވެސް ވަރަށް ސްޓްރެންތު ބޭނުންވޭ،" އޭނާ ބުންޏެވެ.

އެކަމަކު މިހާރު މިކަމަށް ގިނަ މީހުން ކުރިމަތިލަނީ މިއީ ކިހާ ވަރެއްގެ ޑިމާންޑެއް އޮތް ވަޒީފާއެއްތޯ ބެލުމަކާ ނުލާކަން އޭނާ ފާހަގަކުރި އެވެ.

"ވަޒީފާގެ ފުރުސަތުތައް އުފެދޭ ވަރާއި ވަޒީފާއެއް ނުލިބި ހޭދަކުރަން ޖެހޭ މުއްދަތާއި ކިހާ ބަޔަކު ވަޒީފާ ނުލިބި މިހާރު ވެސް އެބަ ތިބިތޯ، މިކަހަލަ ކަންތައްތަކަކަށް ނުބަލާ،" އޭނާ ބުންޏެވެ.

މޯލްޑިވިއަންގެ ޑޭޝް-8 ގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ (ދައުރު ފޮޓޯ)

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި މިހާރު އެ އެއާލައިންގެ އޮޕަރޭޝަންތައް ހުރި ގޮތަށް ބަލާއިރު މޯލްޑިވިއަންގައި މި ވަގުތު މާ ގިނަ ފުރުސަތުތަކެއް ނެތެވެ.

"ލޯންގް ހޯލް ފްލައިޓުތައް ފެށިއްޖެއްޔާ ފުރުސަތުތައް ފަހިކޮށްދެވިދާނެ. އެކަމަކު 60 އަށް ވުރެ ގިނަ [ޕައިލެޓުންނަށް] ކޭޓާ ކުރަން ރާއްޖޭގައި ވަޒީފާގެ ފުރުސަތުތަކެއް ނުއުފެދޭނެ،" މިހާދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފުރުސަތު ނެތް ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ބަލާއިރު މި ދާއިރާގައި ފުރުސަތުތައް އެބަ ހުއްޓެވެ.

"އިންޓަނޭޝަނަލީ ބަލާ ނަމަ، މިހާރު ވެސް 90،000 އަށް ވުރެ ގިނަ ޕައިލެޓުން އެބަ ބޭނުންވާ ކަމަށް ހަބަރުތައް ބުނަނީ. އެކަމަކު ރާއްޖޭގެ އޭވިއޭޝަން ދާއިރާ އޮތް ހިސާބަށް ބަލާއިރު، އެ [ޕައިލެޓުކަން ކިޔަވަމުން އަންނަ] ހުރިހާ އެންމެނަށް މި ވަގުތު ރާއްޖެއިން ފުރުސަތު ލިބޭނެއެކޭ ނުދެންނެވޭނެ،" މިހާދު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ 6 އޮކްޓޯބަރު 2022ގައި ހުޅުވުމާ އެކު، އެ ތަނުން އޮޕަރޭޓުކުރި މަންޓާ އެއާގެ ފުރަތަމަ ފްލައިޓުގެ ދަތުރު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރާއްޖެއިން ބޭރުގައި ޕައިލެޓުންނަށް ވަޒީފާ ދޭ އިރު ޝަރުތުތަކުގެ ފެންވަރު މައްޗެވެ. ކުރިން ވާހަކަ ދެއްކި ޕައިލެޓް ބުނިގޮތުގައި އެކަމަށް އަގުބޮޑު ތަމްރީންތައް ވެސް ބޭނުންވެ އެވެ. އޭނާ ބުނީ، މިސާލަކަށް، ޓައިޕް ރޭޓިންއާ އެކު އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީއެލް) އަންފްރޯޒެން 1،500 ގަޑިއިރުގެ އުދުހުން ހަމަކުރަން ޖެހޭ ކަމަށެވެ.

"ޓައިޕް ރޭޓިން އަށް އެކަނި ވެސް އެބަ ހޭދަވޭ 30،000 ޑޮލަރު ވަރު. ފުރަތަމަ ޕައިލެޓް ޓްރެއިނިން ނިންމާއިރު، ޓައިޕް ރޭޓިންއެއް ނުލިބޭ،" އޭނާ ބުންޏެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި މޯލްޑިވިއަންގެ ޕައިލެޓަކު ވެސް ބުނީ މިހާރު ވެސް އެތައް ސަތޭކަ ދަރިވަރުން ޕައިލެޓްކަން ކިޔަވަމުން އަންނަ އިރު އެ އެންމެންނަށް ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނެތް ކަމަށެވެ.

"އަނެއްކޮޅުން ބައެއް އެއާލައިންތަކުން އެބަ ގެނޭ ރާއްޖެއިން ބޭރުން ޕައިލެޓުން. ލަންކާ، ސައުތު އެފްރިކާ ޕައިލެޓުން ރާއްޖޭގައި ގިނަ. ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުބުނޭ މިގޮތަށް ވަޒީފާ ދޭއިރު ދިވެހިންނަށް އިސްކަން ދޭން،" އެ ޕައިލެޓް ބުންޏެވެ.

"ކުންފުނިތަކުން ބޭރު މީހުން ވަޒީފާއަށް ގެންނަނީ މިސާލަކަށް ސްޓްރައިކަކަށް ދިޔަޔަސް އޮޕަރޭޝަންސް ނުހުއްޓި ކުރިއަށްދާނެ މަލްޓި ކަލްޗަރަލް ވޯކް ފޯސްއެއް އޮތިއްޔާ. އެކަމަކު ދިވެހިންނަށް ވުރެ އެމީހުންނަށް ކުރަން ޖެހޭ ހޭދަ ބޮޑުވާނެ. މިސާލަކަށް އެމީހެއްގެ ހައުސިންއަށް އެކަނި ވެސް ހާހެއްހާ ޑޮލަރު ދޭނެ. އަނެއްކާ ދިވެހިންނަށް ވުރެ މުސާރަ ބޮޑުވާނެ. ރާއްޖެ އަންނަން ޓިކެޓު ދޭން ޖެހޭނެ. ޗުއްޓީއަށް ދާން ވެސް ޓިކެޓު ދޭން ޖެހޭނެ." 

މިހާދު ވިދާޅުވި ގޮތުގައި މޯލްޑިވިއަން އިން އިސްކަންދެނީ ދިވެހިންނަށް ފުރުސަތުތައް ދިނުމަށެވެ.

"ޓްރާންސިޝަނަލް ހާލަތެއްގައި، ވަރަށް މަޖުބޫރުވެގެން ނޫނީ [ބިދޭސީން] ނުނަގާ،" އޭނާ ވިދާޅުވި އެވެ.

ހަމައެކަނި ޕައިލެޓުން އުފައްދައިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ކުރިއެރުން ނާންނާނެކަން ވެސް މިހާދު ފާހަގަކުރެއްވި އެވެ.

"އޭވިއޭޝަން ދާއިރާ ކުރިއަރާނީ ޕެސެންޖާ ޓްރެފިކް ވެސް އިތުރު ކުރެވިގެން. އަދި އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ޓެކްނިކަލް އެހެން ދާއިރާތަކުން ވެސް މީހުން ތަމްރީނު ކުރެވިގެން،" އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭގެ ކްރޫ މަސައްކަތުގައި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ވަޒީފާގެ އިންތިޒާރުގައި ހުރި ޕައިލެޓް ގަބޫލުކުރާ ގޮތުގައި ކެޑޭޓް ޕައިލެޓުން ތަމްރީނު ކުރުމުގައި ރާއްޖެއަކީ ވަރަށް ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ގައުމެކެވެ.

"މޯލްޑިވިއަން، ޓީއެމްއޭ އިން އެކަން އެބަ ސާބިތުކޮށްދޭ. ޕައިލެޓުން ތަމްރީނު ކުރަން، ޕްރޮޮފެޝަނަލީ އެމީހުން ބަޔަކަށް ހަދަން ކުރާ މަސައްކަތަކީ، ފާހަގަކުރެވޭ ވަރުގެ މަސައްކަތެއް. މައްސަލައަކީ، ސުވާލަކީ މި 400 އަށް ވުރެ ގިނަ ދަރިވަރުން. އެމީހުންނަށް ކޭޓާ ކުރާނީ ކިހިނެއްތޯ؟ ކޮން ތާކުތޯ؟" އޭނާ ބުންޏެވެ.

މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫ (ފޮޓޯ/މޯލްޑިވިއަން)

ޕައިލެޓް ތަމްރީނަށް 470 އަށް ވުރެ ގިނަ މީހުންނަށް ލޯނު ދޭން ނިންމީ ރާއްޖޭގެ އެއާލައިންތަކާ މަޝްވަރާކުރުމަށް ފަހުތޯ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓަރު ހަސަންއާ ސުވާލު ކުރުމުން ޖަވާބެއް ނުލިބެ އެވެ. 

ބޮޑު ހަރަދެއް ކުރަން ޖެހޭ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރަށް ހިތްވަރުކޮށްގެން ކިޔަވާ މި ޓެކްނިކަލް ދާއިރާއިން ރާއްޖޭގައި ވަޒީފާ އުފެދޭ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މީހުން ތަމްރީންވުމަށް ލޯނު ދޫކުރުމަކީ ދެކޮޅުނުޖެހޭ ކަމަކަށް ވެދާނެ އެވެ.

ނަގާ ލޯނަށް ފައިސާ ކަނޑަން ފަށާއިރު ވެސް، ވަޒީފާއެއް ނެތި، ވަޒީފާއެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބީ މާޔޫސްކަންމަތީގަ އެވެ.

ކޮމެންޓް (5)

ޢައިނު ރާ

24 ޖޫން 2023
“ހަޔާ އެޑިއުކޭޝަން” މި ލިޔަނީ ކީއްވެބާ؟ ޒަމާނުއްސުރެން ލިޔަމުން އައި، އަދި ރައީސް އޮފީހުން ތަން އުފެއްދި އިރު ނަން ކީ ގޮތަށް “ހަޔަރ އެޑިޔުކޭޝަން” ކީމަ ކަމުނުދަނީ ކީއްވެބާ؟
1 0

ބުރުގާ

22 ޖޫން 2023
މިތާ ކުދިން ޕައިލެޓުކޯސް ހަދަނީ މަޖަލަކައް، ޕައިލެޓު ޔުނީފޯމުލާހިތުން، ސަޅިވާހިތުން. ހުރިހާ ފޮނިމީރުކަމެއް ލިބެނީ ބިދޭސީން ޕައިލެޓުންނައް. ދިވެހި ޕައިލެޓުކުދިން ކޯސްހަދައިގެން ތިބެންޖެހެނީ ގޭގަ ޕަބްޖީކުޅެން.
4 1

ޕައިލެޓް ނައީމާ

21 ޖޫން 2023
އެވަރަށް މުސާރަ ބޮޑުވެފަ، މި ކިޔަވަން ހަމަ އޯލެވެލް ބޭނުންވަނީ، މަސައްކަތް ކޮށްފިނަމަ އަހަރަކުން ކިޔަވާ ނިމޭ. މީ އެންމެންވެސް މިކަމާ މިވަރުން އުޅޭ ސަބަބަކީ.
8 0

ޕައިލެޓް

21 ޖޫން 2023
ހެހެ ގިނަކުދިން ޕައިލެޓްކަން ކިޔަވަނީ ސްކޫލުގައި ނުކިޔެވިއަސް ފަހުން ބޯކޮސް ލިބޭތީ ތި ހަދައިގެން
10 2

ހިތަދޫ 2

21 ޖޫން 2023
@ޕައިލެޓް ތިބުނީ ރަނގަޅަށް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް