42 އަހަރުގެ ހިދުމަތަށް ފަހު ރާއްޖޭގެ ފުރަތަމަ އެއާލައިން ޕައިލެޓް ރިޓަޔާ ކުރެއްވުން (ދައުރު ފޮޓޯ/ހުސައިން ސުނައިން

ޕައިލެޓްކަން ކިޔަވައިގެން ވަޒީފާ ނެތި އެތައް ކުދިންނެއް، ގައުމީ މައްސަލައަކަށް ވެދާނެ: މިނިސްޓަރު

ޕައިލެޓުކަން ކިޔަވަން ލޯނު ލިބިފައިތިބި ކުދިންގެ ތެރެއިން ކިޔަވަން އަދި ނުފުރާ ތިބި ކުދިންނަށް ދާއިރާ ބަދަލު ކުރަން މިނިސްޓަރު ވަނީ ލަފާދެއްވާފައި

ޕައިލެޓްކަން ކިޔަވައިގެން ތިބި އެތައް ކުދިންނެއް ވަޒީފާ ނެތި ރާއްޖޭގައި އެބަތިބި ކަމަށާއި ކުރިއަށް އޮތްތަނުގައި އެއީ ގައުމީ މައްސަލައަކަށް ވެދާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވަނީ ރާއްޖޭގައި ވަޒީފާ އުފެދޭ އަދަދާ އަޅާ ބަލާ އިރު އެ ދާއިރާ އިން ކިޔަވަަން ސްކޯލާޝިޕް ދޭ އަދަދާއި ކިޔަވައިނިމި ވަޒީފާ ނެތި ތިބި މީހުންގެ އަދަދު އިތުރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެނގުން މުހިއްމު - މިދިޔަ ސަރުކާރުން އެންމެ ފަހުން ދިން މަތީ ތައުލީމާއި ތަމްރީނުގެ ސްކޯލާޝިޕް/ލޯނު ފުރުސަތުގައި 479 ކުދިންނަށް ޕައިލެޓް ސްޓަޑީސް ލައިސަންސް ހޯދަން ކިޔެވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ތަފްްސީލް - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ކުދިންގެ އަދަދަށް ބަލާ އިރު އެއީ ގައުމީ ބޮޑު މައްސަލައަކަށް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ގަބުލުކުރާ ގޮތުގައި ސިވިލް އޭވިއޭޝަންގެ ޒިންމާ ސިޔާސީ ގޮތުން އެކަހެރިކޮށްފައި، ނަންގަވާފައި އޮތް ނަމަ މި ހިސާބަކަށް ނުދާނެ،" އަމީން ވިދާޅުވި އެވެ.

ޕައިލެޓްކަން ކިޔަވަން ދީފައިވާ ލޯނު/ސްކޯލާޝިޕްތަކުގެ އަދަދާއި ކިޔަވައިގެން އައިސް ވަޒީފާ ނެތި ތިބި މީހުންގެ އަދަދު އަދި އެ ދާއިރާ ކުރިއަރަމުންދާ ނިސްބަތުގެ ހިސާބުތައް ވެސް މިނިސްޓަރު ހިއްސާ ކުރެއްވި އެވެ. 

އެގޮތުން؛

  • މިދިޔަ އަހަރުގެ ލޯނު/ސްކޯލާޝިޕް ސްކީމުގެ ތެރެއިން ޕައިލެޓް ޓްރެއިނިން އަށް 400 އަށް ވުރެ ގިނަ ފުރުސަތު

  • ޕައިލެޓުކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި 65-70 މީހުން އެބަތިބި

  • މިހާރު ވެސް 200 ކުދިން ދަނީ ޕައިލެޓް ލައިސަންސް ހޯދަން ކިޔަވަމުން

  • އެވްރެޖުކޮށް އަހަރެއްގެ މައްޗަށް ރާއްޖޭގައި މި ދާއިރާ އިން އުފެދެނީ ވަޒީފާގެ 30 ފުރުސަތު

އަމީން ވިދާޅުވީ ގައުމެއްގެ ނިސްބަތުން ސްކޯލާޝިޕް ސްކީމުތައް ދޭންޖެހޭނީ އެ ގައުމަކަށް ބޭނުންވާ ނޫނީ ކިޔަވައިގެން އަންނަ މީހުންނަށް ފުރުސަތުތައް ލިބޭނެހެން ކަމަށެވެ.

"އަޅުގަނޑުމެން ކެޑޭޓް ޕައިލެޓުކަން ހަދައިގެން އަންނަ ކުދިންނަށް ރާއްޖޭގައި ހުރި މިންގަނޑުން ކިހާވަރަކަށްތޯ ވަޒީފާ ދެވެނީ. އެއްވެސް އެއާލައިނަކަށް ހުރިހާ ކެޓޭޑް ޕައިލެޓުން ލައިގެންނެއް އެއާލައިނެއް ނުހިންގޭނެ،"

މިނިސްޓަރު ވިދާޅުވީ ކެޑޭޓް ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ ދެނީ މޯލްޑިވިއަން އަދި ޓީއެމްއޭ އިން އެކަނި ކަމަށެވެ.

"މި ދެ ބައިމީހުންގެ ސްޓެޓިސްޓިކްސް ވެސް އެވްރެޖުކޮށްލީމާ ގާތްގަނޑަކަށް 30 އަށް ވުރެ މައްޗަކަށް ނާރާ ވަޒީފާ ދެވޭ އަދަދެއް. ގްރޯތު ވެސް މި އުޅެނީ %6-%7ގައި." 

މިހާރު ވަޒީފާ ނުލިބި ތިބި ކުދިންނާއި އެ ދާއިރާ އިން ކިޔަވަމުންދާ 200 އެއްހާ ކުދިންނާ އަދި އަލަށް ކިޔެވުމުގެ ފުރުސަތު ލިބޭ 400 ކުދިންނާ އަޅާބަލާ އިރު ވަޒީފާގެ ފުރުސަތުތައް ނުއުފެދޭނެކަން މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ ދެންނެވީ ގައުމީ ބޮޑު މައްސަލައަކަށް ވެސް ވެދާނެ ކަމެކޭ [މިއީ]. އެގޮތަށް އަޅުގަނޑަށް ފޯކާސްޓް ކުރެވޭ ގޮތަކީ އަޅުގަނޑުގެ އޭވިއޭޝަންގެ ދިިގު ހިސްޓްރީގައި އަޅުގަނޑަކަށް ނޭނގެ ދުނިޔޭގެ އެއްވެސް ގައުމަކުން، ކެޑޭޓު ޕައިލެޓަކަށް ވަޒީފާ ލިބުނު ކަމެއް. ކޮންމެ ގައުމެއްގައި ވެސް ބޮޑު ބެކްލޮގެއް އެބަ އޮވޭ ވަޒީފާ ނެތް، ކެޑޭޓް ޕައިލެޓުންގެ،" މީގެ ކުރިން ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ވަޒީފާ ދޭއިރު އިސްކަން ދެނީ އެ ގައުމެއްގެ ކުދިންނަށް ކަމަށާއި އޭވިއޭޝަންގެ އެންޓްރީ ލެވެލްގެ ތަމްރީނާ އެކު ބޭރުގެ އެހެން ގައުމުތަކުން ވަޒީފާ ހޯދަން އުނދަގޫވާނެ ކަމަށެވެ.

"ކެޕްޓަނުންނަށް ވީމާ އެ އޮޕަޗިއުނިޓީ ކިތަންމެހާ ވެސް ބޮޑު. އެކަމަކު ކެޑޭޓު ޕައިލެޓުންގެ ގޮތުގައި ތިބޭއިރު މި ފުރުސަތެއް ނެތް. އަޅުގަނޑުމެންގެ ގައުމުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން މި ކުދިންނަށް ވަޒީފާ ދޭން މިޖެހެނީ."

ޕައިލެޓް ޓްރެއިނިން އަށް ދަނީ ރާއްޖޭގައި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިން ކަމަށާއި ހިޔުމަން އިންސާނީ ވަސީލަތުގެ ނަޒަރުުން ބެލި ނަަމަވެސް މިއީ ދެރަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ކިޔަވައިގެން އައިސް، ވަޒީފާ ނުލިބުނީމާ ކިހިނެއްތޯ ވާނީ؟ ވަރަށް ރަނގަޅު ޕްލޭނެއް އޮވެގެން ނޫނީ މިފަދަ ކަންތައް ނުކުރެވޭނެ،" ކުރީ ސަރުކާރުން އޭވިއޭޝަން ދާއިރާ އަށް ގިނަ އަދަދެއްގެ ލޯނު ފުރުސަތުތައް ހުޅުވާލީ ސިޔާސީ ބޭނުމަކަށް ކަމަށް އަމީން ތުހުމަތު ކުރެއްވި އެވެ.

ހިސާބު ކުރުމެެއް ނެތި، ބަލަންޖެހޭ މިންވަރަށް ނުބަލާ ސްކޯލާޝިޕް ފުރުސަތުތަކެއް ހުޅުވާލައިގެން ނުވާނެ ކަމަށާއި އެއީ މުސްތަގުބަލުގައި ގެއްލުން ވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ވާހަކަ ދެއްކުމަށް ފަހު، އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ އެ ސްކޯލާޝިޕް ލިބިފައި ތިބި ކުދިން، ހުރިހާ ކުދިން އަދި ފުރައިގެން ދިޔައީއެއް ނޫން. މި މައްސަލަ އެ ކުދިންގެ ބެލެނިވެރިންނަށް ވެސް އެ ކުދިންނަށް ވެސް ކިޔާދީފައި އެ ކުދިންގެ ފީލްޑު ބަދަލު ކުރަން ސަޖެޝަން [ހިޔާލެއް] މި ދެނީ."

ދާއިރާ ބަދަލު ކުރަން ބޭނުން ކުދިންނަށް ހަޔާ އެޑިއުކޭޝަންގެ ތެރެއިން ފުރުސަތު އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޕައިލެޓް ހަސަން

3 ޖެނުއަރީ 2024
ކޮންމެ ސަރުކާރެއްގައިވެސް ސިޔާސަތު ކަނޑައަޅަން ކޮންމެ ދާއިރާއެއްގައި ވަގުންގެ ޓީމެއް އޮވޭ. މިވީގޮތަކީ ވަރުގަދަ ވަގެއް އޮތީ ޕައިލެޓް ޓްރޭނިން ހަދާ ތަނަކާ ޑީލް ހަދާފަ. ވަގުކަލޭގެ ނުފޫޒު ބޭނުންކޮށް، އެޕްލައިކުރި އެންމެންނަށް ލޯނު ދިނީ. 400 ކުދިން ކިޔަވަންދިޔައީމާ ވަގުކަލޭގެއަށް މިލިއަނުން ލިބޭނެ. އޭނާއަށް އޯކޭވާނެ އެކަކަށް ވަޒީފާ ނުލިބުނަސް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް