މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ބޭރުކޮށްލި އެސްޑީއެފް ބިލު އަލުން މަޖިލިހަށް ހުށަހަޅައިފި
މިދިޔަ 19 ވަނަ މަޖިލީހުން ބޭރުކޮށްލި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިއަދު އަލުން ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ނިމުނު މަޖިލީހުގައި ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި އެންމެ ދެ މެންބަރުން ބައިވެރިވެވަޑައިގެން، މަޖިލީހުގެ ރިޔާސަތުގެ ވޯޓާ އެކު އެ ބިލު މަޖިލީހަށް ބަލައިނުގަނެ އޮތީ ބޭރުކޮށްލާފަ އެވެ. އެ ވޯޓު ނެގި ދުވަހު ތަޅުމުގައި ޕީއެންސީގެ މެންބަރުން ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލު - އަލުން އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.
އަލުން ހުށަހެޅި ބިލުގައި އޮތީ ވެސް ހަމަ ކުރިން މަޖިލީހުން ބޭރުކޮށްލާފައި ހުރި ކަންކެމެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެސްޑީއެފްއަށް ގާނޫނީ ބާރު ދިނުމެވެ. އެގޮތުން:
-
އެ ފަންޑު ހިންގައި ބެލެހެއްޓުމައި ފަންޑުގެ ފައިސާ ބޭނުން ކުރުމާ ގުޅޭ އުސޫލުތަކާއި އެ ނޫން ވެސް ކަމާ ބެހޭ އުސޫލުތައް ބަޔާންކުރުން
-
ސޮވަރިން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން، ގަވަނިން ކައުންސިލްގެ ލަފައާ އެކު ރައީސްގެ ހުއްދަ ލިބިގެން
-
ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭނެ
-
އެއްވެސް ހަރަދެއް ކުރަންވާނީ ވެސް ބަޖެޓުގައި ހިމަނައިގެން
-
ގަވަނިން ކައުންސިލް އެކުލަވާލައި މެމްބަރުން އައްޔަންކުރައްވައި ވަކިކުރައްވާނީ ވެސް ރައީސް
މުހިންމު ނުކުތާތައް
-
މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ސޮވަރިން ފަންޑު ބަލަހައްޓަން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދާނެ؛ އެ އޮފީސް ހިންގާނީ މިނިވަންކޮށް އަދި މާލީ ހިންގުން ވަކިކޮށްފައިވާ އޮފީހެއްގެ ގޮތުގައި
-
އެ އޮފީހުގެ އެންމެ އިސް ފަރާތަކީ ގަވަނިން ކައުންސިލުން އައްޔަންކުރާ ސީއީއޯއެއް
-
ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭނެ؛ އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާ އާއި ހަރަދުތަކާއި އިންވެސްޓްމަންޓުތައް އަދި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެ
-
ފަންޑުގެ އަހަރީ ރިޕޯޓެއް އާންމުކުރާނެ
-
ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ ގަވަނިން ކައުންސިލްގެ ލަފައާ އެކު ރައީސް؛ މި މިންވަރު ކުޑަކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން
-
އެ މިންވަރު ހާސިލުވުމުން އިތުރުވާ ފައިސާ ޖަމާކުރާނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަޖެޓަށް
-
ފަންޑު އިތުރަށް ފުޅާކުރަން ގަވަނިން ކައުންސިލުން އެކުލަވާލައި އިންވެސްޓްމަންޓް ކޮމެޓީއަކަށް އިންވެސްޓް ކުރެވޭނެ؛ އިންވެސްޓް ކުރެވޭނީ އެ ކޮމެޓީން އެކުލަވާލާ އިންވެސްޓްމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން
-
މަރުކަޒީ ބޭންކު ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ މި ފަންޑުގެ ކަސްޓޯޑިއަން
-
ކަސްޓޯޑިއަންގެ ގޮތުގައި އެމްއެމްއޭގެ މަސްއޫލިއްޔަތަކީ ގަވަނިން ކައުންސިލުން އަންގާ ގޮތަށް އިންފްލޯ އަދި އައުޓްފްލޯ ރިޕޯޓު ތައްޔާރުކޮށް ހިއްސާކުރުން