ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާއަށްފަހު މަޖިލިހުން ނިކުމެވަޑައިގަތުން. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ސޮވަރިން ފަންޑް

އެސްޑީއެފް ބިލު: ފަންޑު ބޭނުންކުރުމުގެ ބާރު ރައީސާއި ހާއްސަ ކައުންސިލަކަށް

ސޮވަރިން ފަންޑުގެ ބިލުގައިވާ ގޮތުގައި އެ ފަންޑަށް ޖަމާވާ އާމްދަނީ އާއި ކުރާ ހަރަދުތައް ދައުލަތުގެ ބަޖެޓުގައި ހިމަނަން ޖެހޭނެ
21 ފެބްރުއަރީ 2024

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ހަރަދު ކުރެވޭނީ ރައީސްގެ ހުއްދަ އާއި އެމަނިކުފާނު އެކުލަވާލައްވާ ވަކި ހާއްސަ ގަވަނެންސް ކައުންސިލެއްގެ ލަފާގެ ދަށުން، ބަޖެޓުގައި ހިމަނައިގެން ކަމަށް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވި އެސްޑީއެފް ބިލުގައި ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެސްޑީއެފް ބިލަކީ މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ. އެ ބިލުގެ މައިގަނޑު މަގްސަދަކީ ސޮވަރިން ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި އުސޫލުތަކާއި ފަންޑު ހިންގުމާ ހަވާލުކުރާ ފަރާތްތަކުގެ ވާޖިބުތަކާއި ފަންޑުގެ ހިސާބުތައް އޮޑިޓްކުރުމުގެ ހަމަތައް ކަނޑައެޅުމެވެ.

ބުނީ ކީކޭ؟ - ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް 'ދައުރު'އަށް ވިދާޅުވީ ސޮވަރިން ފަންޑަށް ގާނޫނީ ބާރެއް ނެތުމާ އެކު އެކި ސަރުކާރުތަކުން ބޭނުން ކޮންމެ ކަމަކަށް އެ ފަންޑުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

މި ބިލުގެ އެންމެ ބޮޑު މަގްސަދަކީ، މެމްބަރު ވިދާޅުވި ގޮތުގައި، ގާނޫނީ ބާރެއް އެ ފަންޑަށް ދިނުމެވެ. އަދި އޭނާ ވިދާޅުވީ އެއީ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތުލުސްދޫ ދާއިރާ މެންބަރު އިބްރާހިމް ނަސީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

"ގައުމުގެ ހާލަތު ދަށަށް ދާކަން ބަޖެޓާއި ފައިނޭންޝަލް ސްޓޭޓްމަންޓްތަކުން މި ދައްކަނީ. ލޯން ރީޕޭމަންޓް ހަދާ މަހެއްގައި ކޭޝްފްލޯ މެނޭޖެއް ނުކުރެވޭ. ލޯނަށް ފައިސާ ދެއްކެނީ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ހިފަހައްޓާފައި،" ނަސީމް ވިދާޅުވި އެވެ.

"ގާނޫނީ ބާރު މި ފަންޑަށް ދެވުމަކީ ގައުމަށް ލިބޭ ބޮޑު ކުރިއެރުމެއް."

ސޮވަރިން ފަންޑުގެ ބިލު

އެ ބިލުގައިވާ ގޮތުން ސޮވަރިން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސްގެ ހުއްދަ ލިބިގެންނެވެ. އަދި ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށާއި އެއްވެސް ހަރަދެއް ކުރަންވާނީ ވެސް ބަޖެޓުގައި ހިމަނައިގެން ކަމަށް އެ ބިލުގައިވެ އެވެ.

ގަވަނިން ކައުންސިލް އެކުލަވާލައި، މެމްބަރުން އައްޔަންކުރައްވައި، ވަކިކުރައްވާނީ ވެސް ރައީސް އެވެ.

އެސްޑީއެފް ގަވަނިން ކައުންސިލް އެކުލެވިގެންވާ ގޮތް

  • މިނިސްޓަރު

  • މިނިސްޓްރީގެ ކަމާ ބެހޭ އިސް ދެ މުވައްޒަފުން

  • އެމްއެމްއޭގެ ގަވަރުނަރު

  • އެމްއެމްއޭގެ އިސް މުވައްޒަފެއް

  • އިކޮނޮމިކް މިނިސްޓްރީގެ އިސް މުވައްޒަފެއް

  • އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ދާއިރާއިން އައްޔަންކުރާ އާންމު މެމްބަރެއް (އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ މީހުންގެ ތެރެއިން ހޮވާ މީހެއް)

ކައުންސިލްގައި މިނިސްޓަރާއި ގަވަރުނަރުގެ ދައުރަކީ މަގާމުގައި ދެމިތިބޭހާ ދުވަހެކެވެ. އަދި އެހެން މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.

ފިނޭންސް މިނިސްޓްރީ އިމާރާތް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސޮވަރިން ފަންޑަށް ޖަމާކުރާނީ:

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކާ ޑިވިޑެންޑްގެ %10

  • ސޮވަރިން ގެރެންޓީ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ

  • ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރަން ރައީސް ކަނޑައަޅުއްވާ އެހެނިހެން ފައިސާ

ސޮވަރިން ފަންޑުން ހަރަދުކުރެވޭނެ ބޭނުންތައް

  • 1-

    ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ދަރަނި ދެއްކެން ނެތް ހާލަތުގައި ދަރަނި އަދާކުރަން

  • 2-

    ގައުމަށް ކުރިމަތިވާ އާދަޔާހިލާފު އިގްތިސާދީ ލޮޅުމަކުން އަރައިގަތުމަށް ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހަމަޖައްސަން

މުހިންމު ނުކުތާތައް

  • މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ސޮވަރިން ފަންޑު ބަލަހައްޓަން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދާނެ؛ އެ އޮފީސް ހިންގާނީ މިނިވަންކޮށް، އަދި މާލީ ހިންގުން ވަކިކޮށްފައިވާ އޮފީހެއްގެ ގޮތުގައި

  • އެ އޮފީހުގެ އެންމެ އިސް ފަރާތަކީ ގަވަނިން ކައުންސިލުން އައްޔަންކުރާ ސީއީއޯއެއް

  • ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭނެ؛ އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާ އާއި ހަރަދުތަކާއި އިންވެސްޓްމަންޓުތައް އަދި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެ

  • ފަންޑުގެ އަހަރީ ރިޕޯޓެއް އާންމުކުރާނެ

  • ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސް (މި މިންވަރު ކުޑަކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން)

  • އެ މިންވަރު ހާސިލުވުމުން އިތުރުވާ ފައިސާ ޖަމާކުރާނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަޖެޓަށް

  • ފަންޑު އިތުރަށް ފުޅާކުރަން ގަވަނިން ކައުންސިލުން އެކުލަވާލާ އިންވެސްޓްމަންޓް ކޮމެޓީއަކަށް އިންވެސްޓް ކުރެވޭނެ؛ އިންވެސްޓް ކުރެވޭނީ އެ ކޮމެޓީން އެކުލަވާލާ އިންވެސްޓްމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން

  • މަރުކަޒީ ބޭންކު އެމްއެމްއޭއަކީ މި ފަންޑުގެ ކަސްޓޯޑިއަން

  • ކަސްޓޯޑިއަންގެ ގޮތުގައި އެމްއެމްއޭގެ މަސްއޫލިއްޔަތަކީ ގަވަނިން ކައުންސިލުން އަންގާ ގޮތަށް އިންފްލޯ އަދި އައުޓްފްލޯ ރިޕޯޓު ތައްޔާރުކޮށް ހިއްސާކުރުން

މަރުކަޒީ ބޭންކް އެމްއެމްއޭގެ އޮފީސް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

މި ފަންޑު އުވާލެވޭނީ، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސް އެ ގޮތަށް ނިންމަވާ ހާލަތްތަކުގައި، މަޖިލީހުގެ ރުހުން ވެސް ލިބިގެންނެވެ. އުވާާލާ ހާލަތުގައި ފަންޑުގައި ހުރި ފައިސާ ޖަމާކުރާނީ ދައުލަތުގެ ބަޖެޓަށެވެ.

އެނގުން މުހިންމު - ސޮވަރިން ފަންޑަކީ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުން ސަލާމަތް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ.

ސޮވަރިން ފަންޑް އެންމެ ފުރަތަމަ ފެށީ ޑޮލަރުން ފައިސާ ބަހައްޓާ ފަންޑެއްގެ ގޮތުގައި ނަމަވެސް، ކޮވިޑްގެ ދަތިކަމާ އެކު 30 ޑިސެމްބަރު 2020 އިން ފެށިގެން އެ ފަންޑުގައި ހުރި ފައިސާ ދިވެހި ރުފިޔާއަށް ވަނީ މާރުކޮށްފަ އެވެ.

ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް