މިދިޔަ ޑިސެމްބަރު މަހު ޕީއެންސީއަށް ސޮއި ކުރެއްވި މެންބަރުން (ފައިލް ފޮޓޯ)
ސަރުކާރުން ހުށަހެޅި އެސްޑީއެފް ބިލަށް ވޯޓުލީ 2 މެންބަރުން؛ ރިޔާސަތުން ނިންމީ ބިލް ބޭރުކުރަން
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި އެންމެ ދެ މެންބަރުން ބައިވެރިވެ، މަޖިލީހުގެ ރިޔާސަތުގެ ވޯޓާ އެކު އެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގަތީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
-
ކެލާ ދާއިރާގެ މެންބަރު ވޯޓު ދެއްވީ ބިލް ބަލައިނުގަތުމަށް
-
މާފަންނު މެދު ދާއިރާގެ މެންބަރު ވޯޓު ދެއްވީ ބިލް ބަލައިގަތުމަށް
ތަފްސީލް - ވޯޓުގެ ނަތީޖާ އެއްވަރުވުމުން، މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ރިޔާސަތުން ވަނީ އެ މައްސަލާގައި ގޮތެއް ނިންމުމަށް ވޯޓު ލައިފަ އެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވޯޓު ދެއްވީ އެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ.
-
ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު
ބިލުގެ ވޯޓަށް އެހިއިރު، މަޖިލީހުގައި ތިއްބަވާ ސަރުކާރު ތަމްސީލު ކުރާ މެންބަރު ތަޅުމުގައި ވަޑައިގެން ނެތެވެ. އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ އިތުރު މެންބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވަޑައިގެންފައެއް ނުވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގައި އެބަ ތިއްބަވާ ޖުމްލަ 80 މެންބަރުން. ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދަކީ 28. ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 1. ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު ވެސް އެއީ1،" މިއީ އާދަޔާ ހިލާފު ނަތީޖާއެއް ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.
"އަޅުގަނޑަކަށް ނޭނގެ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި އަދި މިފަދަ ވޯޓެއް މިގޮތަށް ނެގުނު ކަމެއް،" މަޖިލީހުގެ ނައިބު ރައީސް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު މިއާއެކީ ފާހަގަކޮށްލަން ބޭނުންވޭ މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މި ދިޔައީ މިއަދު މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް. އަޅުގަނޑުމެންނަށް ފްލޯ އިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެންބަރަކު، ހަމަ އެއްވެސް މެންބަރަކު ވަޑައިގެން ނެތްކަން،" ބިލުގެ މުހިއްމުކަން ސަރުކާރުގެ މެންބަރުންގެ ފަރާތުން ނުފެންނަ ކަމަށް ވިދާޅުވެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވައި ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.
އެނގުން މުހިއްމު- ސަރުކާރުގެ ފަރާތުން ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލުގެ އެންމެ ބޮޑު މަގްސަދަކީ، އެ ފަންޑަށް ގާނޫނީ ބާރެއް ދިނުމެވެ.
މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލި އެ ބިލުގައިވާ ގޮތުން ސޮވަރިން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސްގެ ހުއްދަ ލިބިގެންނެވެ. އަދި ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށާއި އެއްވެސް ހަރަދެއް ކުރަންވާނީ ވެސް ބަޖެޓުގައި ހިމަނައިގެން ކަމަށް އެ ބިލުގައިވެ އެވެ.
ގަވަނިން ކައުންސިލް އެކުލަވާލައި، މެމްބަރުން އައްޔަންކުރައްވައި، ވަކިކުރައްވާނީ ވެސް ރައީސް އެވެ.
މުހިންމު ނުކުތާތައް
-
މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ސޮވަރިން ފަންޑު ބަލަހައްޓަން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދާނެ؛ އެ އޮފީސް ހިންގާނީ މިނިވަންކޮށް، އަދި މާލީ ހިންގުން ވަކިކޮށްފައިވާ އޮފީހެއްގެ ގޮތުގައި
-
އެ އޮފީހުގެ އެންމެ އިސް ފަރާތަކީ ގަވަނިން ކައުންސިލުން އައްޔަންކުރާ ސީއީއޯއެއް
-
ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭނެ؛ އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާ އާއި ހަރަދުތަކާއި އިންވެސްޓްމަންޓުތައް އަދި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެ
-
ފަންޑުގެ އަހަރީ ރިޕޯޓެއް އާންމުކުރާނެ
-
ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސް (މި މިންވަރު ކުޑަކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން)
-
އެ މިންވަރު ހާސިލުވުމުން އިތުރުވާ ފައިސާ ޖަމާކުރާނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަޖެޓަށް
-
ފަންޑު އިތުރަށް ފުޅާކުރަން ގަވަނިން ކައުންސިލުން އެކުލަވާލާ އިންވެސްޓްމަންޓް ކޮމެޓީއަކަށް އިންވެސްޓް ކުރެވޭނެ؛ އިންވެސްޓް ކުރެވޭނީ އެ ކޮމެޓީން އެކުލަވާލާ އިންވެސްޓްމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން
-
މަރުކަޒީ ބޭންކު އެމްއެމްއޭއަކީ މި ފަންޑުގެ ކަސްޓޯޑިއަން
-
ކަސްޓޯޑިއަންގެ ގޮތުގައި އެމްއެމްއޭގެ މަސްއޫލިއްޔަތަކީ ގަވަނިން ކައުންސިލުން އަންގާ ގޮތަށް އިންފްލޯ އަދި އައުޓްފްލޯ ރިޕޯޓު ތައްޔާރުކޮށް ހިއްސާކުރުން