ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)
އެސްޑީއެފް ބިލް ބޭރުކޮށްލީ އުސޫލާ ހިލާފަށް: ޕީޕީއެމް-ޕީއެންސީ
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ބިލް މަޖިލީހުން ބޭރުކޮށްލީ އުސޫލާ ހިލާފަށް، ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރެއިން ކަމަށް ވެރިކަންކުރާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.
މައްސަލައިގެ ފެށުން - އެސްޑީއެފް ބިލަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަތަމަ ބިލެވެ. އެ ބިލު މަޖިލީހުން ބޭރުކޮށްލާފައި ވަނީ އަންގާރަ ދުވަހުގެ ޖަލްސާގަ އެވެ. އެގޮތުން:
-
އެ ބިލު ބަލައިގަންނަން ނެގި ވޯޓުގައި ބައިވެރިވީ އެންމެ ދެ މެމްބަރުން
-
އޭގެ ތެރެއިން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވޯޓު ދެއްވީ ބިލް ބަލައިނުގަތުމަށް
-
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވޯޓު ދެއްވީ ބިލް ބަލައިގަތުމަށް
-
ވޯޓުގެ ނަތީޖާ އެއްވަރުވުމުން، މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވޯޓު ދެއްވީ އެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް
ފާހަގަކޮށްލެވޭ - ބިލުގެ ވޯޓަށް އެހިއިރު، މަޖިލީހުގައި ތިއްބަވާ ސަރުކާރު ތަމްސީލު ކުރާ މެންބަރު ތަޅުމުގައި ވަޑައިގެން ނެތެވެ. އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ އިތުރު މެންބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވަޑައިގެންފައެއް ނުވެ އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައާ ގުޅިގެން މިއަދު ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ޕާލިމަންޓަރީ (ޕީޖީ) ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެސްޑީއެފް ބިލު މަޖިލީހުން ބޭރުކޮށްލާފައިވަނީ އުސޫލާ ހިލާފަށް ކަމަށް ސަރުކާރު މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
ބުނީ ކީކޭ؟ - "އާންމު އުސޫލަކުން، ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރާ އުސޫލާ ހިލާފަށް އެ ދުވަހު ވަރަށް ގިނަ ކަންތައް ހިނގާދިޔަ،" ޕީއެންސީގެ ޕީޖީ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި އެވެ.
"އާންމު އުސޫލަކީ، ވޯޓަށް އެހުމުގެ ފަހުން، ވޯޓު ކުރިއަށް ދިޔުމުގެ ފަހުން މެދު ކަނޑާލުމަކީ ކުރާކަމެއް ނޫން. ވޯޓު ގަޑީގައި ނިޒާމީ ނުކުތާއެއް ވެސް ނުނެގޭނެ ގޮތަށް ހަރުދަނާކޮށް މަޖިލީހުގެ ގަވައިދުތައް ހެދިފައިވަނީ. އެހެން ނަމަވެސް، އެދުވަހުގެ ވޯޓު ކުރިއަށް ދަނިކޮށް ދިމާވި ކަމަކާ ގުޅިގެން ވޯޓު މެދުކަނޑާލާފައިވަނީ."
އެދުވަހު މަޖިލީހުގައި ކަން ހިނގާ ދިޔަ ގޮތަށް އަލިއަޅުވާލަމުން ސިރާޖު ވިދާޅުވި ގޮތުގައި:
-
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ބިލު ބަލައިގަތުމަށް ޕީއެންސީން ވޯޓު ދިން
-
ނަމަވެސް، ބިލު ދިރާސާކުރަން ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި، ބިލުގެ މަސައްކަތް އަވަސް ކުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން ފާސްވި
-
އެ ކޮމިޓީގައި ސަރުކާރަށް ތާއީދު ކުރާ އެއްވެސް މެމްބަރެއް ނުހިމެނޭ؛ އެކަމުގެ އިހުތިޖާޖުގައި ޕީއެންސީން މަޖިލީހުގެ ކޯރަމް ގެއްލުވާލި
-
އެސްޑީއެފް ބިލަށް ވޯޓަށް އަހާފައިވަނީ ޕީއެންސީގެ މެމްބަރުން ތަޅުމުން ނުކުމެ ކޮމިޓީ މައްސަލާގައި ޕީޖީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރަން ތިބި ވަގުތު
"އާންމު އުސޫލަކީ ... ކޯރަމް ގެއްލުނީމައި ވެސް ވޯޓު ރަނގަބީލު ޖަހާފައި، މަޖިލިސް ގްރޫޕުގައި މަޖިލިސް އޮންނާނެ ވާހަކަ ދަންނަވާފައި ކުރިއަށް ދާނީ. އެހެން ނަމަވެސް 15 ވަރަކަށް 20 ވަރަކަށް މިނެޓު ފަހުން ވޯޓަށް އަހާ ނިންމާލީ އަޅުގަނޑުމެންނަށް މަޖިލިސް އޮތް ކަމެއް ނާންގާ،" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީގެ މެމްބަރުން އޭރުވެސް ތިބީ މަޖިލީހުގަ އެވެ. ނަމަވެސް ތަޅުމުން ބޭރުގައި ތިބުމުން ރަނގަބީލު ޖެހި އަޑެއް ނީވޭ ކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންކަމުން:
-
އެ ވޯޓު ނަގާފައިވާ ގޮތާ މެދު ސިރާޖު ކަންބޮޑުވުން ފާޅުކުރެއްވި
-
މަޖިލީހުގެ %25 މެމްބަރުން ވޯޓުލާން ޖެހޭ އިރު އެންމެ ދެ މެމްބަރުން ވޯޓުގައި ބައިވެރިވާ ގޮތަށް މަޖިލިސް ހިންގުން ބަލައި ނުގަނެވޭ ކަމަށް ވެސް ވިދާޅުވި
-
ސިރާޖު މިހެން ވިދާޅުވި ނަމަވެސް އެވަގުތު ކޯރަމް ހަމަވާ ވަރަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ތިބި؛ ނަމަވެސް، އެ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވީ
ސިރާޖު ފާހަގަކުރެއްވި ގޮތުގައި އެސްޑީއެފް ބިލަކީ ރާއްޖެއަށް ދިމާވެފައި އޮތް ނުރައްކާތެރި ދަރަނީގެ ހާލަތުން އަރައިގަތުމަށްޓަކައި މުޅި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރަން ހުށަހަޅާފައިވާ ބިލެކެވެ.
"މި ބިލު ބޭރުކޮށްލުމަކީ އުސޫލުތަކާ ހިލާފަށް މަޖިލިސް އެ ވަގުތު އޮތްކަން އަޅުގަނޑުމެންނަށް ނާންގާ ވޯޓު ގަޑީގައި އޮންނަ އިޖުރާއަތްތަކާ ހިލާފަށް މެދުކަނޑާލުމަށް ފަހު، އަދި މެދުކަނޑާލުމަށް ފަހު ވެސް ހިނގާކަން ނާންގާ ކުރިއަށް ގެންގޮސް [ނެގި ވޯޓެއް. މިއީ] ވަރަށް ބިރުވެރި ކަމެއް. އަދި ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެސްޑީއެފް ބިލު ބަލައިގަންނަން ވޯޓަށް އެހުމުގެ ކަންކަން ހިނގާފައިޗަނީ ބޮޑު އޮޅުވާލުމެއް އަދި މަކަރުވެރިކަމެއްގެ ތެރެއިން ކުރިއަށް ގެންގޮސް، އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ތުހުމަތު ކުރެއްވި އެވެ.
އެނގުން މުހިއްމު - އެސްޑީއެފް ބިލުގެ ވޯޓުގެ ނަތީޖާއާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުންދާ ނަމަވެސް، މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިއްޔެގެ ޖަލްސާގައި ވިދާޅުވެފައި ވަނީ އެ ބިލުގެ ވޯޓަށް އެހުމުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
އެދުވަހު ރިޔާސަތުގައި އިންނެވި ނައިބު ރައީސް ސަލީމް އަމަލު ކުރެއްވީ ގަވައިދާ އެއްގޮތަށް
-
ވޯޓަށް އެހުމުގެ ކުރިން ވޯޓުގެ ރަނގަބީލު ވެސް ޖަހާފައިވޭ
އެސްޑީއެފް ބިލު ބަލައިގަތުމަށް އެހި ވޯޓުގެ ނަތީޖާ އަކީ އާދަޔާ ހިލާފު ނަތީޖާއެއް ކަމަށާއި، މަޖިލީހުގެ ތާރީހުގައި ވެސް އަދި އެފަދަ ވޯޓެއް ނެގުނުކަން ނޭނގޭ ކަން މަޖިލީހުގެ ރިޔާސަތުން ވެސް ފާހަގަކޮށްފައިވެ އެވެ.
"އަޅުގަނޑު މިއާއެކީ ފާހަގަކޮށްލަން ބޭނުންވޭ މި އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މި ދިޔައީ މިއަދު މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް. އަޅުގަނޑުމެންނަށް ފްލޯ އިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެންބަރަކު، ހަމަ އެއްވެސް މެންބަރަކު ވަޑައިގެން ނެތްކަން،" ސަލީމް ފާހަގަކުރެއްވި އެވެ.
ބިލުގެ މުހިއްމުކަން ސަރުކާރުގެ މެންބަރުންގެ ފަރާތުން ނުފެންނަ ކަމަށް ވިދާޅުވެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވައި، ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އެސްޑީއެފް ބިލު މަޖިލީހުން ބޭރުކޮށްލުމާ މެދު އަންގާރަ ދުވަހުގެރޭ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ބިލު ބޭރުކޮށްލީ އިދިކޮޅު މެމްބަރުންގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.
"ކޮބައިތޯ [އެ ބިލް ބޭރުކޮށްލުމުގެ] ސަބަބަކީ؟ އެއްވެސް ސަބަބެއް ނެތް. އެ އޮތީ އެކަން ވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީއްކުރަންތޯ މި ވިސްނުމުގައި ތިބި ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް އެ މަޖިލީހަށް ހޮވަންވީ؟" ރައީސް ސުވާލު އުފެއްދެވި އެވެ.
އެނގުން މުހިއްމު - ސަރުކާރުގެ ފަރާތުން ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލުގެ އެންމެ ބޮޑު މަގްސަދަކީ، އެ ފަންޑަށް ގާނޫނީ ބާރެއް ދިނުމެވެ.
މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލި އެ ބިލުގައިވާ ގޮތުން ސޮވަރިން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސްގެ ހުއްދަ ލިބިގެންނެވެ. އަދި ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށާއި އެއްވެސް ހަރަދެއް ކުރަންވާނީ ވެސް ބަޖެޓުގައި ހިމަނައިގެން ކަމަށް އެ ބިލުގައިވެ އެވެ.
ގަވަނިން ކައުންސިލް އެކުލަވާލައި މެމްބަރުން އައްޔަންކުރައްވައި ވަކިކުރައްވާނީ ވެސް ރައީސް އެވެ.