ޕީއެންސީގެ މަޖިލިސް އިންތިހާބު ކެމްޕޭނު ހަރަކާތެއްގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ (ދައުރު ފައިލް ފޮޓޯ)

އެސްޑީއެފް ބިލު ބޭރުކޮށްލީ އިދިކޮޅު މެންބަރުން އިހުލާސްތެރިނޫން ވީމާ: ރައީސް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ އެންމެ ދެ މެންބަރުން. ވޯޓު ނެގިއިރު ސަރުކާރު މެންބަރުން ތަޅުމަކު ނެތް

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަތަމަ ބިލު މިއަދު މަޖިލީހުން ބޭރުކޮށްލީ އިދިކޮޅު މެންބަރުންގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ބިލު ބަލައިގަތުމަށް ފެނޭތޯ ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު، މަޖިލީހުގައި ތިއްބަވާ ސަރުކާރު ތަމްސީލު ކުރާ މެންބަރު ތަޅުމަކު ނެތެވެ. އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން ތަޅުމުގައި ތިބި ނަމަވެސް ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ވީ ކިހިނެއް؟ - އެސްޑީއެފް ބިލު ބަލައިގަތުމާ ގުޅޭ ވޯޓުގައި ބައިވެރިވީ އެންމެ ދެ މެންބަރުންނެވެ. ވޯޓު ދިނީ އެއް މެންބަރަކު އެއްކޮޅަށް އަދި އަނެއް މެންބަރު ދެކޮޅަށެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ސަލީމް އެކަން ސިފަކުރެއްވީ، މަޖިލީހުގެ ތާރީހުގައި ވެސް މިހާތަނަށް ނުފެންނަ، އާދަޔާހިލާފު ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު މިއާއެކީ ފާހަގަކޮށްލަން ބޭނުންވޭ މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މި ދިޔައީ މިއަދު މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް. އަޅުގަނޑުމެންނަށް ފްލޯ އިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެންބަރަކު، ހަމަ އެއްވެސް މެންބަރަކު ވަޑައިގެން ނެތްކަން،" ވޯޓު އެއްވަރުވުމުން، ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ރިޔާސަތުން ވޯޓު ދެއްވި ސަލީމް ވިދާޅުވި އެވެ.

ތަފްސީލު - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕޭނު ޖަގަހައެއް މާލޭގައި ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ހާއްސަ ގާނޫނެއް ފާސްކުރަން އެމަނިކުފާނު ބޭނުންފުޅުވީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު މަގަށް ގެންދިޔުމަށް އެކަން ކޮންމެހެން ކުރަން ޖެހޭތީ ކަމަށެވެ.

"އެ ބޭފުޅުންގެ (އެމްޑީޕީ) ސަރުކާރުން މި ފަންޑު ވިއްސިވިހާލި ކޮށްލެއްވީ. ފައިސާކޮޅު ހުސްކޮށްލެއްވީ. އަޅުގަނޑުމެން އަނބުރާ ޓްރެކަށް މި ގެނައީ. ރަނގަޅު މިސްރާބަށް ބަދަލު މި ކުރީ. ދިވެހިން އެދޭގޮތަށް ދިވެހިންގެ ރާއްޖޭގައި އެ ފަންޑު އޮންނަން ޖެހޭ ގޮތަށް މި ބަދަލު ކުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަންޑު ބަދަލުކޮށް އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް އެ ފަންޑު ހިމާޔަތް ކުރުމަށް ބިލެއް ހަދާ މަޖިލީހަށް ފޮނުވުމުން އެ ބިލު މަޖިލީހުން ބޭރުކޮށްލީ ސަބަބެއް ނެތި ކަމަށެވެ.

"ކޮބައިތޯ ސަބަބަކީ؟ އެއްވެސް ސަބަބެއް ނެތް. އެ އޮތީ އެކަން ވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީއްކުރަންތޯ މި ވިސްނުމުގައި ތިބި ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް އެ މަޖިލީހަށް ހޮވަންވީ؟"

ރައީސް ވިދާޅުވީ ސަރުކާރާއި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާ ގުޅޭގޮތުން ރައީސް ވިދާޅުވީިގޮތުގައި:

  • ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އެ ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު

  • މި އަހަރު ނިމޭއިރު އެ ފަންޑަށް 98 މިލިއަން ޑޮލަރު ޖަމާވާނެ ކަމަށް ލަފާކުރެވޭ

  • ފާއިތުވި ހަތަރު މަސް ތެރޭ 30 މިލިއަން ޑޮލަރު ޖަމާކުރި

  • މި ރޭޓުގައި ގެންގޮސް މި އަހަރު ނިމޭއިރު 100 ވަރަކަށް މިލިއަން ޑޮލަރު ރައްކާކުރުމަކީ އަމާޒެއް

އެނގުން މުހިންމު - ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުން ސަލާމަތް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ.

އެސްޑީއެފް އެންމެ ފުރަތަމަ ފެށީ ޑޮލަރުން ފައިސާ ބަހައްޓާ ފަންޑެއްގެ ގޮތުގައި ނަމަވެސް، ކޮވިޑްގެ ދަތިކަމާ އެކު 30 ޑިސެމްބަރު 2020 އިން ފެށިގެން އެ ފަންޑުގައި މިހާރު ހުންނަނީ މުޅިން ވެސް ރުފިޔާ އެވެ. ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ވަނީ މާރުކޮށްފަ އެވެ.

އެސްޑީއެފް ބިލު ބަލައިގަތުމާ ގުޅޭގޮތުން މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގަތީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

  • އިބްރާހިމް ޝަރީފް ވޯޓު ދެއްވީ ބިލް ބަލައިނުގަތުމަށް

  • އިބްރާހިމް ރަޝީދު ވޯޓު ދެއްވީ ބިލް ބަލައިގަތުމަށް

"ރައްޔިތުންގެ މަޖިލީހުގައި އެބަ ތިއްބަވާ ޖުމްލަ 80 މެންބަރުން. ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދަކީ 28. ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 1. ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު ވެސް އެއީ 1،" ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ސަލީމް އިއުލާނު ކުރެއްވި އެވެ.

"އަޅުގަނޑަކަށް ނޭނގެ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި އަދި މިފަދަ ވޯޓެއް މިގޮތަށް ނެގުނު ކަމެއް." 

ކޮމެންޓް (1)

ދެޓް

27 މާރިޗު 2024
މި ވަރުން ވެސް މުއިއްޒު ޑިމޮކްރެޓްސް ސަރުކާރަށް ނުގެނައީ. ބޮންޑާ އެކަނި ވޯޓު އެދިނިީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް