މިއަދު މުލިއާގޭގައި ރައީސް އެކު އިންތިހާބީ މެންބަރުން ބޭއްވި ބައްދަލުވުމަށްފަހު، އަބްުދުއްރަހީމް ނުކުމެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އަޅުގަނޑުގެ މަސައްކަތުގެ އަގުވަޒަން ކުރެއްވި ލީޑަރަކީ ރައީސް މުއިއްޒު: އަބްދުއްރަހީމް
ވަރަށް ގިނަ ލީޑަރުންނާ އެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް މަސައްކަތުގެ އަގުވަޒަން ކުރެއްވި ލީޑަރަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމަނިކުފާނު ނަން ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިއަދު ވަނީ ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާ މުލިއާގޭގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އޮތީ، ޕީއެންސީގެ ފަރާތުން މަޖިލީހުގެ ރައީސް އަދި ނާއިބު ރައިސް ކަމަށް ކުރިމަތިލައްވާނެ ބޭފުޅުންނާއި ޕާލިމަންޓްރީ ގްރޫޕުގެ މަގާމުތަކަށް އައްޔަން ކުރާ މެންބަރުން ކަނޑައެޅުމެވެ. އެގޮތުން:
-
މަޖިލީހުގެ ރައީސަކަށް ގެނައުމަށް އެމަނިކުފާނު ހުށަހެޅުއްވީ، ރައީސްގެ އެޑްވައިޒަރުގެ މަގާމުގައި މި ވަގުތު ހުންނެވި އަބްދުއްރަހީމް
-
ނައިބު ރައީސްގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު
-
އެ ދެބޭފުޅުންނަކީ ވެސް 20 ވަނަ މަޖިލީހުގެ ރައިސް ކަމަށް ވަޑައިގަތުމުގެ ޝައުގު އޮތް ދެ ބޭފުޅުން
ބުނީ ކީކޭ؟ - "އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް އިހުލާސްތެރި ޝުކުރެއް އެމަނިކުފާނަށް ދަންނަވަން. އެއީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔަކަށް އެމަނިކުފާނު އަޅުގަނޑު އިހްތިޔާރު ކުރައްވައި، އަޅުގަނޑަށް އެކުރެއްވި އިތުބާރަކީ ދުވަހަކު ވެސް އަޅުގަނޑު ހަނދާން ނައްތާލާނެ ކަމެއް ނޫން،" މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު އެތަނުގެ ބޭރުގައި ހުންނަވައި 'ދައުރު'ން ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ގިނަ ލީޑަރުންނާ އެކު މަސައްކަތްކޮށްފިން. އަޅުގަނޑަށް މިހާތަނަށް މަސައްކަތުގެ އަގު ވަޒަން ކުރައްވާ ބޭފުޅަކަށް ފާހަގަވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު،"
ތަފްސީލު - ކުރީގެ ރައީސް މައުމޫން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ، އޭނާއަކީ މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އޭނާ ހުންނެވި ޕާޓީއަކަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ، އޭނާ ކުރެއްވި އިހްލާސްތެރި މަސައްކަތްތަކެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.
"އެހެންވީމާ ރައީސް ޑރ. މުއިއްޒު އަޅުގަނޑުގެ މަަސައްކަތުގެ އަގު ވަޒަން ކުރައްވައި، އަޅުގަނޑަށް އިތުބާރު ކުރައްވައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަޅުގަނޑުގެ ނަން ހުށަހަޅައިދިން ކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" ރައީސް މުއިއްޒަށް ޕީއެންސީ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުގެ ބޮޑު ހިއްސާއެއް އޮތް އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސްއާ އެކު މިއަދު ބޭއްވި އިންތިހާބީ މެންބަރުންގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދަައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ:
-
އެ ބައްދަލުވުމުގައި އެމަނިކުފާނު އެދިވަޑައިގެންނެވީ 20 ވަނަ މަޖިލީހަކީ، ރައްޔިތުން ބަލައިގަންނަ ނަމޫނާ މަޖިލީހަކަށް ހައްދަވައިދެއްވުމަށް
-
ރައްޔިތުން ފައިދާ ހުރި މަސައްކަތްތައް ވީހާ އަވަހަކަށް ނިންމަމުން ގެންދިޔުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި
'ރައީސް ބޭނުންވާ ލަފައެއް ޕާޓީގެ ޕީޖީއަށް އެރުވުމަށް ހުރަހެއް ނެތް'
ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ރައީސް ބޭނުންފުޅުވާ ބޭފުޅަކު މަޖިލިސް ރައީސަކަށް ގެންނާތީ، އެކަމަށް އިދިކޮޅުން ކިޔާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން ދައްކާ ވާހަކަތަކާ މެދު މިހާރު ނުވިސްނަވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އެގޮތަށް ނުވިސްނާ ސަބަބަކީ، ރައީސް މުއިއްޒު މި ގައުމުގެ ހިންގުމުގެ މެންޑޭޓް ހަވާލު ކުރެއްވީ ރައްޔިތުން ކަމަށް
-
އަދި ރައީސް މުއިއްޒު ނިސްބަތްވާ ޕިއެންސީން ނުކުތް ކެންޑިޑޭޓުންނަށް އިންތިހާބުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ދެއްވީ އެ ރައްޔިތުން ކަމަށް
-
ރައްޔިތުން މަޖިލީޙުގެ މެޖޯރިޓީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެއްވީ، ރައްޔިތުންގެ އުންމީދުތައް އެމަނިކުފާނާ ގުޅިފައި އޮތީމަ؛ ރައްޔިތުންނާ ގުޅުން ހުރި ކަންތައް ކުރުމަށް އެމަނިކުފާނަށް ފަސޭހަ ކުރުމުގެ ގޮތުން
"އެހެންވީމާ މި ޕާޓީގެ ނިޒާމްގައި ޕާޓީއަށް އިތުބާރުކޮށްފައި ރައްޔިތުން ފުރުސަތު ދެއްވީމަ، ދެން ޕާޓީގެ ރައީސަށް ފެނިވަޑައިގަންނަވާ ވާހަކަފުޅެއް، ފެނިވަޑައިގަންނަވާ ގޮތަކަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕާ ހިއްސާ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް އޮންނަނާނެ،" ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ ގައުމުގެ ރައިސްގެ އިތުރުން ޕީއެންސީގެ ރައީސް ވެސްމެ އެވެ.
"ޕީއެންސީގެ އަސާސީ ގަވައިދާއި ޕާލިމަންޓްރީ ގްރޫޕުގެ ގަވައިދު އޮންނަ ގޮތުން ވެސް ޕާޓީގެ ރައީސަށް ޕާލިމަންޓްރީ ގްރޫޕަށް އެމަނިކުފާނު ބޭނުންފުޅުވާ ލަފާ ފުޅެއް ދެއްވޭ ގޮތަށް އޮންނަނީ." ކުރިން އެޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު ފުރުއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮމެންޓް (1)
ދޮން ހުސޭނު