ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ބިލްތަކުން ޑިސްކައުންޓު ދިނީ ރައީސް އެދުނު ގޮތަކަށް ނޫން؛ އިސްލާހު ކުރަން ވާނީ އަންގާފައި: ހީނާ

މިހާތަނަށް ފެނަކަ އަދި ސްޓެލްކޯއިން ވަނީ ރައީސްގެ އެ އެންގުމާ އެގޮތަށް ރޯދަ މަހުގެ ހިދުމަތަށް ޑިސްކައުންޓު ދޭން ނިންމާފައި

ސަރުކާރު ޔުލިޓީ ކުންފުނިތަކުން ފެނާއި ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައި ވަނީ، ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ނޫން ކަމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ. އެއާއެކު އެކަން އިސްލާހު ކުރުމަށް މިހާރު އެ ކުންފުނިތަކަށް އަންގާފައިވާކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަކޮށްފައިވަނީ، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް. ފެނާއި ކަރަންޓު ބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއި ދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި،" ހީނާގެ ޕޯސްޓުގައި ލިޔުއްވި އެވެ.

ގުޅުން ހުރި - ރައީސްގެ އެ އެންގެވުމާ އެއްގޮތަށް މިހާތަނަށް ސްޓެލްކޯ އާއި ފެނަކަ ކުންފުނިން ވަނީ ރޯދަ މަހު ބޭނުންކުރި ހިދުމަތަށް ޑިސްކައުންޓު ދޭން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެކަމަކު އެމްޑަބްލިއުއެސްސީއިން އަދި ވަކި ގޮތެއް ނާންގަ އެވެ.

ފަސް މަންޒަރު - ރޯދަ މަހު ކަރަންޓާއި ފެން ބިލު އެހެން މަސްތަކަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެއްވަރެއްގައި ހިފެހެއްޓުމަށް ޑިސްކައުންޓެއް ސަރުކާރުން ދޭނެ ކަން ރައީސް މުއިއްޒު ހާމަކުރެއްވީ، ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ. ނަމަވެސް:

  • މިދިޔަ މާޗް މަހުގެ ބިލު ލިބެން ފެށުމާ އެކު، ބިލްތައް ތިން ގުނަ، ހަތަރު ގުނަ ބޮޑުވުމުން އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން ސަރުކާރަށް އަމާޒުވި

  • ދިފާއުގައި ސްޓެލްކޯ އާއި ފެނަކައިން ބުނީ، ޑިސްކައުންޓު ދީފައި ވަނީ ރޯދަ މަހު ލިބުނު ބިލަށް ކަމަށާއި ބިލުތައް ތައްޔާރުކޮށްފައި ހުރީ ރަނގަޅަަށް ކަމަށް

  • ރޯދަ މަހު ގިނަ ގޭބީސީތަކަށް ލިބުނު ބިލުގައި ރީޑިން ނަގާފައި ވަނީ ފެބްރުއަރީ މަހު މެދުތެރެއިން މާޗް މަހު މެދު ތެރެއަށް؛ އެހެންވެ، ބައެއް ގޭބިސީތަކަށް ރޯދަ މަހުގެ ބޮޑު ބައި އޮތީ ކަވަރު ނުވެ

ކޮމެންޓް (1)

profile-image-placeholder

ސަލްމާ އަހްމަދު

2 މޭ 2024
މިދެން އަރަތެއްނު. އެތައް ހާސް މުވައްޒަފުންނެއްގެ މުސާރަ ބޮޑުކޮށްފި. އެކަމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެން ދާކަށް ނުޖެހޭ. ގެއްލުމުގައި ހިންގާ ކުންފުނިތަކުން ރަނގަޅު މަގަށް އެޅެން ފުރުސަތެއް ދެވިގެން ނުވޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް