އެންމެ ފަހުން ލިބުނު ކަރަންޓު ބިލުތައް ބޮޑުކަމަށް ބުނެ އާންމުން ދަނީ ޝަކުވާ ކުރަމުން (ދައުރު ފޮޓޯ)

ކަރަންޓު

ބިލުތަކުގައި މައްސަލައެއް ނެތް؛ ބޮޑުވީ ކަރަންޓު ހަރަދު: ޔުޓިލިޓީ ކުންފުނިތައް

މި އަހަރުގެ ރޯދަމަހުގެ ކަރަންޓާއި ފެން ބިލުތައް އާންމު މަސްމަހުގައި ހުންނަ މިންވަރަށް ކެޕްކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ބިލު ބޮޑުކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުން. ޔުޓިލިޓީ ކުންފުނިތަކުން ބުނާ ގޮތުގައި އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު ރޯދަމަހު ވަނީ އިތުރުވެފައި

ރޯދަމަހުގެ ކަރަންޓާއި ފެން ބިލުތައް، އާންމު މަސްމަހުގައި ހުންނަ މިންވަރަށް ކެޕްކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބިލުތައް އާދަޔާހިލާފަށް ބޮޑުކަމަށް އާންމުން ޝަކުވާ ކުރަން ފެށުމާ އެކު ޔުޓިލިޓީ ކުންފުނިތަކުން ބިލުކުރި ގޮތް ދިފާއުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުސްވި ރޯދަމަހުގެ (މާޗު މަހުގެ) ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.

އެގޮތުން ބައެއް ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލުތައް، އެހެން މަސްތަކާ އަޅާބަލާއިރު ތިން، ހަތަރު ގުނަ ބޮޑު ކަމަށް ބައެއް މީހުން ބުނެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯ އާއި ފެނަކައިން ވެސް ވަނީ އެ ކުންފުނިން ބިލުކުރި ގޮތް ދިފާއުކޮށްފަ އެވެ.

އެނގުން މުހިންމު - ރައީސް މުހައްމަދު މުއިއްޒު، 4 މާޗުގައި ބ. އޭދަފުށީގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ކޮންމެ ރޯދަމަހަކު ކަރަންޓާއި ފެން ބިލު އެހެން މަސްތަަކަށް ވުރެ ބޮޑުވާތީ އެކަމުގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކުގެ ޝަކުވާ ލިބޭ ކަމަށެވެ.

"މިފަހަރު އެހެނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެޔަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ފެން ބިލާއި ކަރަންޓު ބިލު ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ:

  • ފެނަކަ އާއި ސްޓެލްކޯއަށް އަދި އެމްޑަބްލިއުއެސްސީއަށް އެކަން އެގޮތަށް ކުރަން ދަންނަވާފައިވާނެ

  • ފެނާއި ކަރަންޓު ބިލުކުރާއިރު އެކަން އެގޮތަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ ދެ ކުންފުނިން ވެސް ވަނީ ދީފައި

  • ކުރިއަށް އޮތް ރޯދަ މަހުން ފެށިގެން ރޯދަމުހު ކިތަންމެ ލޯޑު ބޮޑުވިޔަސް ބިލަށް އިތުރަކަށް އެއްޗެއް ނުނަގާނަން

  • ސްޓެލްކޯއިން ފެނުގެ ހިދުމަތް ރަށްތަކަށް ދޭން ނަގާ 30ރ. ގެ ޗާޖު އުވާލާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައި

'ބިލުކުރާ މުއްދަތު ރޯދަމަހަށް ބަދަލެއް ނުކުރެވޭނެ'

ރޯދަމަހުގެ ކަރަންޓާއި ފެން ބިލުތައް، އާންމު މަސްމަހުގައި ހުންނަ މިންވަރަށް ކެޕްކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާތީ، އެކަމާ ބެހޭ ގޮތުން ނޫސްވެރިން ވަނީ މިއަދުގެ ބައްދަލުވުމުގައި ސުވާލުކޮށްފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ބިލިން ސައިކަލް (ބިލު ކުރާ މުއްދަތު) އޮންނަ ގޮތުންނާއި ކަސްޓަމަރުންގެ އަދަދު ގިނަކަމުން ރޯދަމަހުގެ ފެށޭ ދުވަހާއި ނިމޭ ދުވަހު ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި ޖުމްލަ ގޮތެއްގައި ބިލު ކުރާ މުއްދަތު ރޯދަމަހާ ދިމައެއް ނުވެ އެވެ.

"އިސްވެ ނުވަތަ ފަސްވެ އެކަހަލަ ގޮތަކަށް ރަމަޟާން މަސް މި އަންނަނީ. އެހެންވީމަ އެއްވެސް މަހަކަށް އަޅުގަނޑުމެން ނީންނާނެ ސީދާ ރޯދަމަހުގެ އެކަކުން ފެށިގެން 30އަށް ބިލުކުރެވިފައި. އެހެންވީމަ ބިލިން ޕީރިއަޑު އެޖަސްޓު ކުރުމުގެ ދަތިތަކެއް އެބަ އާދޭ،" ފަހުމީ ވިދާޅުވި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ. (ފޮޓޯ/ރައީސް އޮފީސް)

އޭނާ ވިދާޅުވީ ރޯދަމަހަކީ އާންމު މަސްމަހާ އަޅާބަލާއިރު ކެއުމާއި އެހެނިހެން ހަރަދުތައް ބޮޑުވާ މަހަކަށް ވާތީ، ސަރުކާރުގެ އަމާޒަކަށް ވެފައި އޮތީ އެ ހަރަދުތައް ކުރަން މަގުފަހިކޮށްދިނުން ކަމަށެވެ.

"އެ ކޭޝްފްލޯ އެޖަސްޓް ވުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދެވޭނީ ރަމަޟާން މަހު ލިބޭ ބިލަށް ލުޔެއް ދީގެން ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ އަދި ޕޮލިސީ ލެވެލްގައި މަޝްވަރާ ވެސް ކޮށްފައިވާތީ އެގޮތަށް އަމަލުކޮށްފައިވާނީ،" ފަހުމީ ވިދާޅުވި އެވެ.

ހޫނު ގަދަވުމާ އެކު ބޭނުންކުރި ވަރު ވެސް ބޮޑު: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ރީޑިން ނެގުމުގައި އެއްވެސް މައްސަލަ ނެތް ކަމަށާއި ބިލުކޮށްފައިވާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ވެސް އެއްގޮތަށް ކަމަށެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު. (ފޮޓޯ/ރައީސް އޮފީސް)

"ފާހަގަކުރެވިފައި އެބަހުރި، ރޯދަމަހާ ގުޅިގެން ކޮންސަމްޕްޝަން (ކަރަންޓު ބޭނުންކުރި މިންވަރު) ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މި އޮތީ. އެ ވެދާނެ ރޯދަމަހާ އަދި ހޫނު މޫސުމާ ގުޅިގެން، ވަރަށް ބޮޑަށް ރާއްޖޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ ކޮންސިއުމްކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެފައި މި އޮތީ،" މުއާޒު ވިދާޅުވި އެވެ.

"ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންސިއުމް ކުރާ އަދަދު އިތުރުވެގެން ގޮސް، މި ބިލުތައް ބޮޑުވެގެން ގޮސްފައި މި ހިރީ. މި ކަންކަމަށް ސަމާލުކަން ނޫނީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރަން ޖެހޭ."

ކޮމެންޓް (4)

profile-image-placeholder

މޮޔަނުގޮވާ މޮހެދޭ

28 އޭޕްރީލު 2024
ކަރަންޓް ބެނުންކުރާމިންވަރު އިތުރުވާއިރު ބިލްކުރާ ޔުނިޓުގެ އަގު ދާނީ ކޮންމެ ޔުނިޓަކުން ބޮޑުވަމުން. މިޒަމާނުގައި ކޮންމެގެއެއްގެ ކޮޓަރީގައި އޭސީހަރުކޮށް، ޓީވީ، މޯބައިލްފޯނުތައް، ކޮންޕިއުޓަރުތައް ބޭނުންކުރާލެއް ގިނަކަމީ ކަރަންޓު ބޭނުންކުރާވަރު އިތުރުވުން އަދި މިކަމަށް ކޮންމެހެން ބިލްކުރަން ރޭޓް ބޭންޑެއް ހަދާފައިވަނީ ކުރީގެ ސަރުކާރުތަކުންވެސް ރައްޔިތުންގެ އަތުން ބޮޑުއަގުގައި ކަރަންޓަށް ބިލްކުރުމަށް ނޫން ކޮންބޭނުމެއް އޮތް އެއްޗެއްތޯ ސުވާލުކޮށްލަބަލަ

އަލިބެ...

28 އޭޕްރީލު 2024
ފާޑުފާޑުގެ ޑިސްކައުންޓުގެ ވާހަކަ ދައްކާއިރު އަހަރެމެން އަމިއްލަ މަސައްކަތްކުރަމުންއައި ފަރާތްތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދޭތީ ވިޔަފާރި ބަގުރޫޓުވެ މަގުމަތިވެފައި މިތިބީ. ބޮޑެތި ވިޔަފާރިތަކަށް ކެއްކޮށްލެވުނަސް އަހަރެމެން ފަދަ ޢާދައގެ ރައްޔިތުން މިތިބީ ވަރަށް ޙާލުގައި. މިކަމާ ޒިންމާވާނެ މީހަކު، ވާހަކަ ދައްކާނެ ނޫސްވެރިއަކުވެސް ނެތް. މިދުވަސްވެސް ހިގައިދާނެ.

އިއްސެ

28 އޭޕްރީލު 2024
@އަލިބެ... ނިކަމެތިންނަށް މިރާއްޖޭގައި ޙިމާޔަތެއް ނޯންނާނެ. އަލިބެގެ ހިތާމަ އިޙްސާސް ކުރެވޭ. ބައިވެރިވަން

ރަތްބެ

28 އޭޕްރީލު 2024
@އިއްސެ ހުރިހާ ކަމެއްވެ އަަައީ ދުޤު ހަދަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް