ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ކ) އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ނާމް ސަމިޓްގެ ހަވާސާގައި ބައްދަލުކުރައްވަނީ.

ރާއްޖެ-އިންޑިއާ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ

މި މަހު 8 އަށް މި ދަތުރު ތާވަލްކޮށްފައިވާ އިރު، މި މަހު 10ގެ ކުރިން އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ ހަފްތާގައި ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެ ގައުމުގެ ބައެއް ނޫސްތަކުން ވަނީ މިއަދު ރިޕޯޓުކޮށްފަ އެވެ.

ތަފްސީލު - ފޮރިން މިނިސްޓްރީން ވެސް 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި މި ދަތުރުފުޅު ތާވަލުކޮށްފައި ވަނީ މި މަހު 8 ވާ ބުދަ ދުވަހަށެވެ. މިއީ ތިން ދުވަހުގެ ދަތުރުފުޅެއްކަން އެނގިފައިވެ އެވެ.

ނަމަވެސް އެ ދަތުރުފުޅާ ބެހޭ އިތުރު ތަފުސީލެއް ފޮރިން މިނިސްޓްރީއަކުން ނުދެ އެވެ.  އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށެވެ. 

މިއީ މި ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާއަށް ކުރައްވާނެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖޭގެ ވެރިން އިންތިހާބުވުމަށް ފަހު އިންޑިއަށް ފުރަތަމަ ދަތުރުފުޅު ކުރެއްވުމުގެ ސަގާފަތާ ހިލާފަށް، ރައީސް މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅަކަށް ވަޑައިގެންނެވީ އިންޑިއާއާ ވާދަވެރި ޗައިނާ އަށެވެ.

ފާހަގަކޮށްލެވޭ ކަމެއް -  މި މަހު 8 އިން 10 އަށް މި ދަތުރުފުޅު ތާވަލުކޮށްފައިވާ އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު މި މަހު 10ގެ ކުރިން ފުރާނެ ކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިހާތަނަށް އިންޑިއާ ސިފައިންގެ ދެ ބެޗެއް ރާއްޖެއިން ފައިބާފައިވާ ކަމަށް ވެސް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އަސްކަރީ އުޅަނދުތައް ދެން ދުއްވާނީ އިންޑިއާގެ މަދަނީ މީހުންނެވެ.

ޗައިނާއާ އެކު މި ސަަރުކާރުން ބާއްވާ ގާތް ގުޅުމާ އެކު އިންޑިއާ-ރާއްޖެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެފަ އެވެ. އަދި މިފަހުން ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އަށާއި އެ ގައުމުގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދު ބަސް ރައްދު ކުރި މައްސަލައިގައި އެ ގުޅުން އިތުރަށް ގޯސްވި އެވެ. އިންޑިއާއިން ޑިމާންޑްކޮށްފައި ވަނީ، އެ ޑެޕިއުޓީ މިނިސްޓަރުން ވަކިކުރުމަށެވެ. ނަމަވެސް އެބޭފުޅުން އަދިވެސް ތިބީ ސަސްޕެންޝަންގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް