18 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުގައި ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި، ޔާމީން (ކ) އަދި އެ މަނިކުފާނުގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު.

ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރުން އަންގާރަ ދުވަހު

އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރު ހުކުމް ކުރަން ތާވަލުކުރި އިރު، ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދެ މައްސަލަ އަދިވެސް އެބަ އޮތް
25 ނޮވެމްބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފު މަރުހަލާ އެއްކޮށް ނިންމުމުގެ ގޮތުން، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރު 12ގަ އެވެ. ގާތްގަނޑަކަށް 30 ގަޑިއިރުގެ އަޑުއެހުންތަކަށް ފަހު، މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމާލީ އޮކްޓޫބަރު 5ގަ އެވެ.

ނަމަވެސް، ޔާމީންގެ ފަރާތުން ހުށަހެޅި ޑޮކިއުމަންޓަކާ ގުޅިގެން ބައެއް ކަންކަން ސާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ތަފްސީލް - އެ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބަލާ ބެންޗުން ވަނީ، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކަމަށް ވިދާޅުވެފަ އެވެ. 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި. މައްސަލައިގެ ހުކުމް އިއްވާ މަޖިލިސް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9އަށް ވަނީ ތާވަލްކޮށްފަ އެވެ.

މައްސަލައިގެ ފެށުން - ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ ލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެ ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެނގުން މުހިންމު - ވޮޑަމުލާ މައްސަލައިގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް އަންގާރަ ދުވަހު ނިމުމަކަށް އަންނަ އިރު، އެ މަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އަންނަނީ ހިނގަމުންނެވެ. އަދި އިއްޔެ ވަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއް ވެސް ޔާމީންގެ މައްޗަށް އުފުލައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް