ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ޕީއެންސީ)

ރައީސް އޮފީސް

މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން ވެބްސައިޓުން ނުފެންނަނީ އޮފީސްތަކުން މައުލޫމާތު ނުލިބޭތީ ކަމަށް ވެދާނެ: ހީނާ

ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ މައުލޫމާތު ހާމަނުކުރާތާ މިހާރު ތިން މަސް ވެއްޖެ؛ ހީނާ މިއަދު ވިދާޅުވީ ވަރަށް އަވަަހަށް އާއްމުކުރަން ފަށާނެ ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ މަގާމުތަަކަށް އައްޔަންކުރާ ބޭފުޅުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި ފެންނަން ނުހުނަންނީ ބައެއް އޮފީސްތަކުން އެ މައުލޫމާތު ރައީސް އޮފީހާ ހިއްސާނުކުރާތީ ވާކަމަކަށް ވެދާނެ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އާއްމު އުސޫލުގެ މަތިން ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ ތަފްސީލުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ފެންނަން ހުރެ އެވެ. ނަމަވެސް މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްލޯޑް ނުކުރާތާ މިހާރު ތިން މަސްވެއްޖެ އެވެ.

ވެބްސައިޓުން އެ މައުލޫމާތު ނުފެންނަ ސަބަބެއް ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައި ވަނީ "ޓެކްނިކަލް މައްސަލައަކުން" އެކަން ނުވެ އޮތް ކަމަށެވެ. އަދި އެ މައްސަލަ ހަފްތާއެއްގެ ތެރޭ ހައްލުކޮށް ވެބްސައިޓުގައި އެ މައުލޫމާތު އާއްމުކުރަން ފަށާނެ ކަމަށް އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މިދިޔަ މަހު ވިދާޅުވި އެވެ.

އޭގެ ފަހުން މަހެއް ވެގެން ދިޔަ އިރު ވެސް އެ މައުލޫމާތުތައް އަދިވެސް ވެބްސައިޓަކުން ނުފެނެ އެވެ. އަދި ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދެއް ވެސް މިހާތަނަށް ސަރުކާރުން އާއްމުކޮށްފައެއް ނުވެ އެވެ.

ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައުލޫމާތު އަދިވެސް ވެބްސައިޓުން ފެންނަން ނުހުންނަނީ ކީއްވެގެންތޯ 'ދައުރު'ން ސުވާލުކުރުމުން އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ މައުލޫމާތު އާއްމު ކުރަމުން ނުދަނީ ރައީސް އޮފީހާ ހަމަޔަށް ބައެއް މިނިސްޓްރީތަކުން އެ މައުލޫމާތު "ނުލިބޭތީ ކަމަށް ވެދާނެ" ކަމަށެވެ.

"ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާ އެކުއެކީގައި އޮވޭ ޕްރޮސެސްތަކެއް އިނގޭތޯ. މިސާލަކަށް ފަތްކޮޅު ލިބުމާ ހިސާބުން އިގުރާރުގައި ސޮއިކުރުމާ އަދި ހަމަ އެހެންމެ އެ އޮފީހަކަށް ސިޓީލިބި އެ އޮފީހަކަށް ނުކުންނަން ފެއްޓުމާއި، މިހެން ހިނގާ ޕްރޮސެސްތަކެއް ހުރޭ. އެހެންވީމާ ބައެއް އޮފީސްތަކުން އެ މައުލޫމާތުތައް ރައީސް އޮފީހާ ހަމަޔަށް ނުވަތަ ނުލިބި ހުރި ކަމަށްވާ ނަމަ އަޕްޑޭޓް ނުވެވެސް ހިނގައިދާނެ. ކުރިއަށް އޮތް ތަނުގައި އިރާދަ ކުރެއްވިއްޔާ އަޕްޑޭޓް ކުރަމުންދާނަން،" ހީނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް އަދި އޭގެ ކުރިން ވެސް ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އައްޔަންކޮށްފައިވާ އިރު، ތިން މަސްވެގެން ދިޔައިރު ވެސް އެ މައުލޫމާތު ނުލިބެނީތޯ ސުވާލުކުރުމުން ހީނާ ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ވެސް އުޅުނު ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ވަރަށް އަވަހަށް މައުލޫމާތު އަޕްޑޭޓުކުރަން ފަށާނެ ކަމަށެވެ.

އެނގުން މުހިންމު - ރައީސް އޮފީހުގެ ވެބްސައިޓަށް ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްޑޭޓުވަމުން ނުދަނީ، ބަައެއް އޮފީސްތަކުން މައުލޫމާތު ނުލިބިގެން ކަމަށް ދޭހަވާ މޭރުމަކުން ހީނާ ވާހަކަ ދެއްކެވި ނަމަވެސް، ސިޔާސީ މަގާމުތަކަކީ ގާނޫނުން ސީދާ ރައީސް އަށް ލިބޭ ބާރުގެ ދަށުން އެމަނިކުފާނު އައްޔަންކުރާ މަގާމުތަކެކެވެ. އެ މަގާމަށް މީހުން އައްޔަންކުރުމަށް ފަހު ހަވާލުކުރާ ލިއުމުގައި ސޮއިކުރައްވާފައި އޮންނަނީ ވެސް ރައީސް އޮފީހުގެ އިސް މިނިސްޓަރެކެވެ. 

ކޮމެންޓް (3)

profile-image-placeholder

އަހުސަން މަތީނު

29 އޭޕްރީލު 2024
ހެހެހެ.އެހެންވީމަ، މި އެނގެނީ ޤައުމުގެ މިސްރާބެއް ނެތްކަމެއް ނު.ރައީސުލް ޖުމްހޫރިއްޔާ އަައްޔަންކޮށް ފަތްދޭ މީހުންގެ މަޢުލޫމާތު ކީއްކުރަން އެހެން އޮފީހަކުން ހޯދަން ޖެހެނީ.ހުސްކޮސް ވާހަކަ ނުދައްކައި މަތިބަރު ސަރުކާރެއް ނުހިންގަބަލަ.ރައްޔިތުން 2029ގައި ޖަހާނީ ސީދާ ނޯ.

ހަނާ ވަލީއަހުދު

29 އޭޕްރީލު 2024
ސިޔާސީ މަގާމުތަކަށް މީހުން ނަގަނީ ވަކިވަކި މިނިސްޓްރީތަކުން އަމިއްލައަށްތަ؟ ރައީސް އައްޔަންކުރާ މަގާމުތަކެއްގެ މައުލޫމާތު އަންނަން ޖެހެނީ އެހެން މިިނިސްޓްރީތަކުންތަ؟

އައްޑާ

28 އޭޕްރީލު 2024
ރައީސް އައްޔަންކުރާ މަޤާމުތަކުގެ މަޢުލޫމާތު އެހެން އޮފީސްތަކުން ރައީސް އޮފީހާ ހިއްސާ ކުރާކަމަށް ވިދާޅުވީމާ، ނިޒާމު ހިނގަމުންދަނީ އެންމެ ރަގަޅަށްތޯ ސުވާލު އުފެދޭ. އަބަދުވެސް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނުކޮށް ވަކި ކުރަނީ ރައީސް އޮފީހުން، ޗިޓު ހަދާ އޮފީހުގައި ހުރިހާ މަޢުލޫމާތު ނެތުމަކީ މައްސަލައެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް