އަމިއްލަ ގޮތުން ވާދަ ކުރައްވައިގެން އިންތިހާބުވި ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރުމަށްފަހު، ރައީސްއާއެކު ފޮޓޯއަކަށް ހުއްޓިގެން (ފޮޓޯ/ ޕީއެންސީ)

އަމިއްލަ ގޮތުން ހޮވުނު 6 މެންބަރަކު ސޮއިކުރުމުން ޕީއެންސީއަށް 72 ގޮނޑި

މިއާއެކު ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކާއެކު ޖުމްލަ އަދަދު 76 އަކަށް އަރާނެ

އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ހަ ބޭފުޅަކު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވީ އިއްޔެ މުލިއާގޭގައި ރައީސް މުހައްމަދު މުއިއްޒު ކުރިފުޅުމަތީގަ އެވެ. އެ ބައްދަލުވުމުގައި ރައީސްގެ އިތުރުން، ކެބިނެޓް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަފްސީލު - ސޮއި ކުރެއްވި މެންބަރުންގެ ނަންތައް ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް 

  • 2-

    މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު  

  • 3-

    މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޒަމީރު 

  • 4-

    ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް  

  • 5-

    ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ 

  • 6-

     ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒް

ފާހަގަކޮށްލެވޭ ކަމެއް - އެ ހަ ބޭފުޅުންގެ ތެރެއިން ނައިފަރު ދާއިރާ އަދި ވިލިނގިލީ ދާއިރާއިން ހޮވިވަޑައިގެންނެވި ދެ ބޭފުޅުން ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް، ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި މެންބަރުންނެވެ. ޔާސީން އަދި އާޒިމްއަށް ސަރުކާރުން ތާއީދެއް ނުކުރެ އެވެ.

އެނގުން މުހިންމު - އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރުމާއެކު، 20 ވަނަ މަޖިލީހުގައި އެޕާޓީގެ މެންބަރުންގެ އަދަދަކީ 72 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 76 އަށް އަރާނެ އެވެ.

މަޖިީލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، 93 އެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް