ކުރީގެ ރައީސް އަބްދުالله ޔާމީން. (ދައުރު ފޮޓޯ/ އަޒްމީ)

އަޅުގަނޑު ޖަލުގައި ބާއްވަން ބޭނުންވަނީ ރައީސް މުއިއްޒު، ބެންޗު ހަމަވާނެ ކަމާ މެދު ސުވާލު އުފެދޭ: ޔާމީން

އެމަނިކުފާނު މިނިވަން ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވުމުން ޔާމީން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައި

އެމަނިކުފާނު ޖަލުގައި ބާއްވަން ބޭނުންފުޅުވަނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް މަނީ ލޯންޑަރިންގެ ކުށުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ނިޔަތާ މެދު ސުވާލު އުފައްދަވައި، މިއަދު އޮންނަ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗު ހަމަވާނެތޯ ވެސް ޔާމީން ވަނީ ސުވާލު އުފެއްދަވައިފަ އެވެ.

ވީ ކިހިނެއް؟ - ޔާމީން މި ތުހުމަތުތައް ކުރައްވާފައިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގަ އެވެ.

އެނގުން މުހިއްމު - ޔާމީންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ނުގޮސް ދިގުލައިގެން ދިޔުމަށް ފަހު އެ މައްސަލާގައި ހުކުމް ކުރުން މިއަދު މެންދުރު ފަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެއާ އެކު ޔާމީންގެ ޝަރީއަތް ލަސްކުރީ އިދިކޮޅު އެމްޑީޕީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވައިގެން ކަމަށާއި ދުއާއަކީ މިއަދު ޔާމީން މިނިވަންވުން ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ރައީސް މުއިއްޒުގެ މި ވާހަކަތަކާ ގުޅިގެން ރޭ ޔާމީން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ނަމަވެސް ހަމަ އެއާ އެކު ރައީސްގެ ނިޔަތާ މެދު ސުވާލު އުފައްދަވައި، ރައީސް އެ ދެއްކެވި ވާހަކަފުޅުގެ ފުން މާނައަށް ވިސްނަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

...އަޅުގަނޑަށް ތިޔަ އޮތީ ކިޔާފައި ކޯޓަށް، އެކަމަކު ތިން ބޭފުޅުން، ތިން ފަނޑިޔާރުން ތިއްބަވާ ބެންޗުން މާދަމާ ބެންޗު ހަމަވާނެތޯ؟ ނޫނިއްޔާ މީގެ ކުރީގައި ވެސް ބައެއް ބޭފުޅުން ސަލާމް ބުނެފައި ތިއްބަވާ ގޮތަށް ސަލާމް ވިދާޅުވެފައި ތިއްބަވާނީތޯ،" ޔާމީން ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ހާލަތުގައި ކަންކަން ހިނގާ ގޮތާމެދު ފާރަވެރިވާނެ ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަންވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ޔާމީން ވިދާޅުވީ ރައީސްގެ  ޝަރީއަތް އަވަސްވުމުން ކަންބޮޑުވާ ކަން ރައީސްގެ ވާހަކަތަކުން ދޭހަވާ ކަމަށެވެ.

"ރައީސް ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ރައީސް ޔާމީނުގެ ޝަރީއަތް މާދަމާ އެބަ ބޭއްވެއޭ. ދެން ރައީސް ޔާމީން މިނިވަންވުމަކީ ތިމަންނަގެ އުންމީދޭ." ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ބަނޑު ތެރޭގައި އޮތް މާނަ ދެން މި އަންނަނީ، ޅެންވެރިއެއް ވެއްޖެއްޔާ. އެކަމަކު އެމްޑީޕީން މިކަން ކުރުމަށްޓަކައި ނުފޫޒު ފޯރުވީތީ ހިތާމަ [ކުރަމޭ]. އެހެންވީމަ ކޮބައިތޯ ނިޔަތް،"؟

ޔާމީން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި:

  • ސަރުކާރުގެ އިސް ބަޔަކު ކޯޓަށް އަތް ބާނައިގެން އެމަނިކުފާނު މަޖިލިސް އިންތިހާބުގެ ކުރިން މިނިވަން ނުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް ދީފައިވޭ

  • އެެހެންކަމުން މިއަދަށް އަޑުއެހުން ތާވަލުވުމުން ރައީސް ހުންނެވީ ހިތްޕުޅާ ހަމަނުޖެހިފައި

ރޭ ރައީސް ދެއްކެވި ވާހަކަތަކަށް ތަކުރާރުކޮށް އަލިއަޅުވާލައި ޔާމީން ވިދާޅުވީ، އެމްޑީޕީން އެމަނިކުފާނުގެ ޝަރީއަތުގެ ތެރެއަށް ނުފޫޒު ވެއްދީމާ ހިތްހަމަ ނުޖެހޭ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ އަޑުއެހުން ތާވަލު ކުރުމުން ރައީސް ނުރުހޭ ކަމަށެވެ.

"އެހެންވީމާ އެމްޑީޕީއަށް ވުރެ ބޮޑަށް އަޅުގަނޑު ޖަލުގައި ބަހައްޓަން ބޭނުންވަނީ މިއިން އިންފާ [މާނަ] ކުރައްވާ ކަމަށްވާ ނަމަ ރައީސް މުއިއްޒު." ޔާމީނު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުން އޮންނާނީ މިއަދު 1 ޖަހާއިރު އެވެ.

  ޔާމީންގެ މައްޗަށް 25 ޑިސެމްބަރު 2022ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކުރީ 21 ފެބްރުއަރީ 2023ގަ އެވެ. އޭގެ ފަހުން:

  • 7 ޖޫން - މައްސަލަ ހުށަހަޅާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުން ކޯޓުގައި އަޑުއެހުންތައް ފެށި

  • އޭގެ ފަހުން މި މައްސަލާގައި ތިން އަޑުއެހުން ބޭއްވުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން ޖުލައި މަސް ތެރޭ އަޑުއެހުންތައް މަޑުޖެހުނު

  • 16 އޮގަސްޓު - އަޑުއެހުންތައް އަލުން ފެށުމަށް ފަހު ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުން 26 އޮކްޓޯބަރުގައި އަޑުއެހުންތައް އަނެއްކާ ވެސް މަޑުޖެހުނު

  • ނޮވެމްބަރު 9 - އަޑުއެހުންތައް ނުބާއްވާތާ މަސް ދުވަސް ފަހުން އަޑުއެހުންތައް އަލުން ފަށައި އެ މަހުގެ 21އަށް މުޅި އަޑުއެހުންތައް ނިންމާލާ ހުކުމް ކުރުމާ ހަމަޔަށް ދިޔަ

ހުކުމާ ހަމަޔަށް ގޮސް ހައި ކޯޓުގައި މަޑުޖެހިފައި އޮންނަތާ ހަތަރު މަސްވެފައިވާ މި މައްސަލައިގައި މިއަދު ހުކުމް ކުރަން ނިންމާފައިމިވަނީ، ހުކުމް ކުރުމުގެ މަރުހަލާގައި އެހާ ބޮޑަށް ލަސްވެފައިވާ މައްސަލަ ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މިފަހުން ވިދާޅުވެފައިވަނިކޮށެވެ.

ކޮމެންޓް (1)

profile-image-placeholder

މުންޖިޗޭ

18 އޭޕްރީލު 2024
ވައްކަންކުރީމަ ޖަލުގައި އޮންނަންޖެހޭކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރޭ، އެކިކަހަލަ އޮޅުވާލުންތަކުން ޙުކުމަށް ފިލުނަސް ރައްޔިތުންނަށް އެނގޭ ކުރި އަދި ކުރުވި ކަމެއްކަން، ޒިންމާ ނަގަންޖެހޭނެ، ރައްޔިތުންތިބީ ތިޔަދައްކާ ގޮތްކުޑަ ވާހަކަތައް ޤަބޫލުކުރާގޮތަކަށްނޫން، އެކަންފެންނާނެ ވަރަށް ފުރިހަމައަށް، ރާއްޖޭގެ ރައްޔިތުން ބަލައިގަތްތަނެއް ދެނެއް ނުފެންނާނެ، ހަމަ ގޯވާލަގޮވާލަ މަލީޙާއި ޖަމީލު ގޮވައިގެން އެދެމީހުންނެކޭ އެއްފަދައިން ރައްޔިތުންގެ މަޤުބޫލުކަން ގެއްލިފައިވާ މީހެއްގެގޮތުގައި ތެޅެންޖެހޭނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް