ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާއަކަށް، ދިވެހިންގެ ފަރާތުން އެހީދެނީ (ފޮޓޯ/އައިއޭސީ)

ސަދަގާތުގެ ގޮތުގައި އެޗުޑީސީއިން އައިއޭސީގެ ގާޒާ ފަންޑަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި

އެޗުޑީސީން ދިން ފައިސާ ހަރަދުކުރާނެ ގޮތުގައި ތަފްސީލު ހާމަކުރާނެ ކަމުގެ ޔަގީންކަން އައިއޭސީއިން ވަނީ ދީފައި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)އިން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ތަފްސީލު - އައިއޭސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗުޑީސީއިން ސަދަގާތުގެ ގޮތުގައި ހަދިޔާކުރި އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާގެ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ލިބިފައިވާ ކަމަށެވެ.

އެކަމަށް ޝުކުރު އަދާކޮށް އައިއޭސީއިން ބުނީ އެ އެހީ އޭގެ ހައްގުވެރި ފަރާތަށް ފޯރުކޮށްދޭނެ ކަމަށާއި އޭގެ ތަފްސީލު ވެސް ހާމަކުރާނެ ކަމަށެވެ.

ގުޅުންހުރި ކަމެއް - އައިއޭސީއާ ގުޅިގެން ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެ، ހާލުގައި ޖެހިފައިވާ މުސްލިމް ގައުމުތަކަށް އެހީތެރިވުމަށް އެޗުޑީސީއިން މިދިޔަ އަހަރު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އައިއޭސީގެ މަގްސަދާ މެދު ސުވާލު އުފައްދައި، އެ ޖަމިއްޔާއިން މަކަރާއި ހީލަތް ހަދާ ކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ތުހުމަތުތަކެއް ކުރި އެވެ.

އެ މީހުން އެންމެ ބޮޑަށް ފާހަގަ ކުރަނީ، ހަދިޔާ ކުރާ ފައިސާއިން ޖަމިއްޔާގެ އިދާރީ ހިންގުމަށް %12.5 ނަގާއިރު، އޭގެ ތަފްސީލު އާއްމު ނުކުރާ ކަމަށް ބުނެ އެވެ.

އެ މީހުން ބުނާ ގޮތުގައި:

  • އެހީގެ ގޮތުގައި ހަދިޔާ ކުރާ ތަކެތީގެ ތަފްސީލެއް ނޭނގޭ

  • އިދާރީ ހިންގުމަށް ނަގާ ފައިސާގެ ތަފްސީލެއް އާއްމެއް ނުކުރޭ

އެ ތުހުމަތުތަކާ ގުޅިގެން އޭރު އެ ޖަމިއްޔާއިން ބުނީ ހަރަދުކުރާ ގޮތުގެ ތަފްސީލު، ކުރިއަށް އޮތް ތަނުގައި މީޑިއާ މެދުވެރިކޮށް އާއްމު ކުރާނެ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓު ހާމަ ކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް އަދި މިހާތަނަށް އައިއިރު އެ ޖަމިއްޔާއިން އެކަމެއް ނުކުރެ އެވެ.

ކޮމެންޓް (1)

ލަބީބު

16 އޭޕްރީލު 2024
ކުންފުނި ތަކަށް ދޭން ހުރި ފައިސާ ނުދީ ކޮން ސަކަރާތެއް ޖަހަނީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް