ތުރުކީގެ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އައިއޭސީގެ ޓީމު ބައިވެރިވަނީ

އެހީ ޖަމިއްޔާ އައިއޭސީގެ ބަސް: ރައްޔިތުންނަށް ދެފުށް ފެންނާނެ

ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް، ގިނަ ދިވެހިން ފައިސާ ހަދިޔާ ކުރަނީ އައިއޭސީގެ އެކައުންޓަށް؛ އޭގެ ތަފްސީލު އާއްމު ނުކުރާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން އެ ޖަމިއްޔާއަށް ފާޑުކިޔާ
23 އޮކްޓޯބަރު 2023
2

އެކި ގައުމުތަކުގައި އުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެއް ކަމަށްވާ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މަކަރާއި ހީލަތް ހަދާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިޔަސް، ހަރަދު ކުރާ ގޮތުގެ ދެ ފުށް، ރައްޔިތުންނަށް ފެންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެކި ގައުމުތަކުގައި އުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް، ސަދަގާތާއި ހައިރާތުގެ ގޮތުގައި ގިނަ ދިވެހިން ފައިސާ ހަދިޔާ ކުރަނީ އައިއޭސީ މެދުވެރިކޮށެވެ. އެ ޖަމިއްޔާއިން މިހާތަނަށް ވަނީ އެ ފައިސާއިން، ސީރިއާ އާއި ފަލަސްތީނުގެ ގާޒާ އާއި ތުރުކީ އާއި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް މަޝްރޫއުތައް ކުރިއަށް ގެންގޮސްފަ އެވެ. 

މިހާރު އިޒްރޭލުން ދޭ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ވެސް ދިވެހިންގެ އެހީ ފޯރުކޮށްދިނުމަށް މައިގަނޑު އިސް ދައުރެއް އަދާކުރަނީ އައިއޭސީންނެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާއަކަށް، ދިވެހިންގެ ފަރާތުން އެހީދެނީ (ފޮޓޯ/އައިއޭސީ)

ތަފްސީލު - ނަމަވެސް، މި ފަހުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އައިއޭސީގެ މަގްސަދާ މެދު ސުވާލު އުފައްދަމުންނެެވެ. އެ މީހުން އެންމެ ބޮޑަށް ފާހަގަ ކުރަނީ، ހަދިޔާ ކުރާ ފައިސާއިން ޖަމިއްޔާގެ އިދާރީ ހިންގުމަށް %12.5 ނަގާއިރު، އޭގެ ތަފްސީލު އާއްމު ނުކުރާ ކަމަށް ބުނެ އެވެ.

އެ މީހުން ބުނާ ގޮތުގައި:

  • އެހީގެ ގޮތުގައި ހަދިޔާ ކުރާ ތަކެތީގެ ތަފްސީލެއް ނޭނގޭ

  • އިދާރީ ހިންގުމަށް ނަގާ ފައިސާގެ ތަފްސީލެއް އާއްމެއް ނުކުރޭ

އައިއޭސީގެ ބަސް - ސޯޝަލް މީޑިއާގައި މީހުން ކިޔާ މި ފާޑުކިޔުންތަކަކަށް އައިއޭސީއިން މިހާތަނަށް ރަސްމީކޮށް ޖަވާބެއް ނުދެ އެވެ. އެކަމާ ގުޅޭ ގޮތުން 'ދައުރު' އިން ސުވާލު ކުރުމުން ޖަމިއްޔާގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ޕީއާރު އަޒްހަދު މުހައްމަދު ވިދާޅުވީ "ގޮތް ނޭނގޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކަށް ރައްދު ދިނުމަކީ ޖަމިއްޔާގެ ޕޮލިސީ ނޫން" ކަމަށެވެ.

އެނގުން މުހިއްމު - އައިއޭސީގެ މަގްސަދާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމު، އެކްސްގައި އެންމެ ބާރަށް ވާހަކަ ދައްކަނީ ކާކުކަން ކަށަވަރު ނުވާ އެކައުންޓަކުންނެވެ.

އަޒްހަދު ވިދާޅުވީ މިއީ ރައްޔިތުން ހަދިޔާ ކުރާ ފައިސާ ކަމަށް ވާތީ، އެ ހަރަދުކުރާ ގޮތުގެ ތަފްސީލާއި އޭގެ ދެ ފުށް މީހުންނަށް ފެންނަން ޖެހޭ ކަމަށެވެ. އެހެންވެ، ރައްޔިތުންނަށް ތަފްސީލު އޮޅުންފިލާނެ ގޮތަށް ކަންކަން ބެހެއްޓުމަށް ކުރެވެން އޮތްހާ ކަމެއް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެ ހުށަހަޅަމުން ގެންގޮސްފައިވާނީ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަންކުރާނީ އެހެން،" އަޒްހަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަރަދުކުރާ ގޮތުގެ ތަފްސީލު، ކުރިއަށް އޮތް ތަނުގައި މީޑިއާ މެދުވެރިކޮށް އާއްމު ކުރާނެ ކަމަށެވެ.

އެނގުން މުހިންމު - ގާޒާއަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކާއި އަމިއްލަ ގޮތުން މީހުން ކުރިއަށް ގެންދާ ހަރަކާތްތަކުން ލިބޭ ފައިސާ ޖަމާކުރަނީ އައިއޭސީގެ އެކައުންޓަށެވެ. އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭ ގޮތް، ދޭތެރެ ދޭތެރެއިން އައިއޭސީއިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކުރެ އެވެ. އެގޮތުން، ކާތަކެއްޗާއި ތެލާއި ޒަރޫރީ ސާމާނުގެ އިތުރުން ނަގުދު ފައިސާ ބަހާ މަންޒަރުތައް، ފޮޓޯ އާއި ވީޑިއޯގެ ޒަރީއާއިން އާއްމުކުރެ އެވެ.

ބައެއް ފަހަރު އައިއޭސީގެ އިސްވެރިން ވެސް އެ ގައުމުތަކަށް ގޮސް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

23 އޮކްޓޯބަރު 2023
ސީދާ މި ދަނޑިވަޅާއި ދިމާކޮށް މި ވާހަކައެއް ޓުވިޓާރގައި ފަތުރަމުންގެންދާ އެކައުންޓުގެ ފަހަތުގައި ފޮރުވިގެންތިބި މީހުންކަމަށް ބެލެވޭ މީހުންނާއި، 2008 - 2012 ގެ ވެރިކަމުގައި އިޒްރޭލާއި ދިވެހިރާއްޖެ ގުޅުންބަދަހިކުރުމަށް ކުރެވުނު މަސައްކަތްތަކާއި، މި 2 ކަންތައް އެއްކޮށްލީމާ، މި ވާހަކައެއް މި ދަނޑިވަޅާއި ދިމާކޮށް ޓުވިޓާރގައި ފަތުރަމުންގެންދާ މަގުސަދު ކޮންމެވެސް މިންވަރަކަށް ސާފުވެދާނެ..
1 1

އެދުރުބެ

23 އޮކްޓޯބަރު 2023
މިހާރަށް ވުރެ ބޮޑަށް ދެފުށް ފެންނަ ގޮތަށް ތަފުސީލު (12.5%) ވެސް އެނގޭ ގޮތަށް ދަތުރުތަކަށް ކުރެވޭ ޚަރަދުގެ މައުލޫމާތު ވެސް ހާމަކުރުން. މުހިންމު، ހެޔޮކަމަކުން ނުބައި ހީއަކަށް ފުރުސަތު ނުދިނުމަށް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް