ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫއޫ ރައީސް ބައްލަވާޅައްވަނީ

ފ. ނިލަންދޫ

ނިލަންދޫ އެއާޕޯޓް އަޅަން ބިން ހިއްކަން ފަށައިފި

ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މި މަޝްރޫއު ހިނގާ ގޮތް ބައްލަވާލެއްވި

ފ. ނިލަންދޫގައި މި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ރަށާ ޖެހިގެން 10 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ފ. މަގޫދޫގައި ކުރީ ސަރުކާރުން އަޅަން ފެށި އެއާޕޯޓްގެ މަސަކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް، މި ސަރުކާރުން އިއުލާން ކުރި ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެވެ.

ތަފްސީލު - ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ފެއްޓިކަން އެނގުނީ، ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ތެރެއިން އެ ވާހަކަ ވިދާޅުވުމުންނެވެ. އޭގެ ކުރިން އެމްޓީސީސީން ވެސް އެކަން އިއުލާންކޮށްފައެއް ނުވެ އެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ބިން ހިއްކުމުގެ މަޝްރޫއު ހިނގާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވެސް ވަޑައިގެންފަ އެވެ.

އެ މަޝްރޫއަކީ ކިތައް މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެއްްކަން ސަރުކާރުން ވެސް އަދި އެމްޓީސީއަކުން ވެސް ނުބުނެ އެވެ. އެ މަޝްރޫއުއާ ގުޅޭ ގޮތުން އެ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުން:

  •  އެބަސްވުވުމުގެ ދަށުން މި މަސައްކަތް 390 ދުވަހުގެ ތެރޭ ނިންމަން ޖެހޭ

  • މި އެއްބަސްވުމުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި 2،098 މީޓަރު ބޮޑުހިލައިގެ ރިވެޓުމެންޓް އަދި 1،400 މީޓަރު ޖިއޯބޭގް ރިވެޓުމެންޓު ޖަހާނެ

ފާހަގަކޮށްލެވޭ ކަމެއް - ކައިރި ކައިރީ ދެ އެއާޕޯޓް އަޅާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ކަންބޮޑުވުން ވެސް އަމާޒުވެފައިވާ އިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ވާދަ ކުރައްވަނީ ރައީސް މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ އެވެ. ސައުދާއަށް ޕީއެންސީގެ މަޖިލިސް ޓިކެޓް ލިބިވަޑައިގެންނެވީ، ޕްރައިމަރީއަކާ ނުލަ އެވެ. އެއީ އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް