ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ލ. ވާނީ އެންމެ ތަރައްގީވެފައިވާ އަތޮޅަށް؛ 4 ގޮނޑި ޕީއެންސީއަށް ދީ: އަބްދުއްރަހީމް

މި ސަރުކާރު ދިފާއު ކުރުމަށް އެކަކު ހުރި ނަމަވެސް އެއީ އޭނާ ކަމަށް އަބްދުއްރަހީމް ވިދާޅުވި

މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ލ. އަތޮޅު ވެގެންދާނީ އެންމެ ތަރައްގީވެފައިވާ އަތޮޅަށް ކަމަށް ވިދާޅުވެ، އަތޮޅުގެ ހަތަރު ގޮނޑި ވެސް ޕީއެންސީއަށް ދިނުމަށް އެ ޕާޓީގެ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ރޭ އެދިވަޑައިގެންނެފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ، ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަލް ކުރުމާއި ލ. ގާދޫ މެރިޓައިމް ހަބް ގާއިމް ކުރުމަށް، އޭނާ ނިސްބަތްވެވަޑައިގަންނާ ލ. ފޮނަދޫގައި ރޭ ބޭއްވި ސަރުކާރުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީޅު - ޖަލްސާގައި ވާހަކަ ދައްކަވަން ފައްޓަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހައްދުންމައްޗަކީ ތަރައްގީގެ ފުރުސަތު ވަރަށް ބޮޑު އަތޮޅެއް ކަމަށް ކޮންމެ ސަރުކާރެއްގައި ވިދާޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް، އެކަން އޮންނަނީ ހަމައެކަނިި "ދުލުން ބުނެވޭ ބަހެއްގެ ގޮތުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއް ނިމިގެންދާއިރު ވެސް ހައްދުންމަތި ހަމަ އޮވޭ މި ތަނުގައި. އެ ބުނާ ފުރުސަތުތަކެއް އަޅުގަނޑުމެންނަށް ނުފެނުނު،" އޭނާ ވިދާޅުވި އެވެ.

ރޭ ސޮއިކުރެވިގެން ދިޔަ ފަހުމުނާމާތަކާ އެކު، ހައްދުންމަތީ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހެމުގެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައްދުންމައްޗަކީ މާދަމާއަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު [ނުވަތަ] މާދަމާގެ ލޮލުން ހައްދުންމަތި ބަލާލާއިރު، އަޅުގަނޑަށް ހަމަ ގައިމު ވެސް ފެނިގެންދަނީ ދިވެހިރާއްޖޭގައި އެންމެ ތަރައްގީވެފައިވާ އަތޮޅުގެ ގޮތުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ އަތޮޅުގެ ގޮތުގައި [އަދި] ތަރައްގީގެ ގޮތުން އެންމެ އުސްކުރިބޯއްޓަށް ދަތުރުކޮށްފައިވާ އަތޮޅެއްގެ ގޮތުގައި."

މަނިކުފާނު [ރައީސް މުއިއްޒު]ގެ ވެރިކަން ދިފާއު ކުރުމަށް އެކަކު ސާބިތުވެ ހުރިއްޔާ އެ މީހަކީ އަޅުގަނޑު.

އަބްދުއްރަހީމް އަބްދުﷲ/ ރައީސްގެ ހާއްސަ މުޝީރު

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެ އަތޮޅު ތަރައްގީކުރާނެ ކަމާ މެދު އޭނާގެ ހިތުގައި ސުވާލެއް ވެސް ނެތެވެ. ނަމަވެސް، އެ "ތަރައްގީ ހާސިލް ކޮށްދެވޭނީ ރައްޔިތުން އެ ތަރައްގީ ހާސިލް ކުރަން ބޭނުން ވެގެން" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ރަސްމީ ޖަލްސާއެއް ނަމަވެސް، މީގެ ތަފްސީލަށް ޖެހިލަން ބޭނުންވޭ. ރައީސް ޑރ. މުއިއްޒަށް ވެރިކަން ދެއްވާފައި އެ މަނިކުފާނަށް ވެރިކަން ކުރުމުގެ މަގު އަޅުގަނޑުމެން ފަހިކޮށްދޭން އެބަ ޖެހޭ،" މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"މީިހަކާ މަސްއޫލިއްޔަތެއް ހަވާލުކޮށްފިއްޔާ، އެ މީހާއަށް އެ މަސްއޫލިއްޔަތު އަދާކުރުމުގެ އިހްތިޔާރު ދޭން ވާނެ. އޭރުން އެ ބޭފުޅަކަށް އެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އެ ބޭފުޅަކަށް އަދާ ކުރެވޭނީ."

ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި ތަރައްގީ ގެނެވޭނީ ސަރުކާރަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިގެން (ފޮޓޯ/ ރައީސް އޮފީސް)

މާ ދުރުދުރުން ވާހަކަ ނުގެންދަވައި ދެން އަބްދުއްރަހީމް ވިދާޅުވީ، އޭނާ އެ ވާހަކަ ވިދާޅުވަނީ "ވަރަށް ސާފު ސަރީހަ ބަހުން" ކަމަށާއި 'ދިވެހީންގެ ރާއްޖެ' ބިނާކޮށް، ރާއްޖެއަށް ތަރައްގީ އާއި ހަމަޖެހުން ގާއިމް ކުރެވޭނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. އެކަން ކުރެވޭނީ "ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ މި ތަނުގައި ހުރެ ދަންނަވާލަން ބޭނުން، ހައްދުންމަތީ ލޮބުވެތި ރައްޔިތުންނަށް، ދިވެހީންގެ ރާއްޖޭގެ ތެރެއިން އަޅުގަނޑުމެން ދެކެން ބޭނުންވާ ހައްދުންމަތި ދުށުމަށްޓަކައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހައްދުންމަތީގެ ހަތަރު ދާއިރާއަށް ވާދަ ކުރައްވާ ޕީއެންސީގެ ހަތަރު ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވާށޭ،" 2019ގައި ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއިން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް

އެއާ އެކު، އޭނާ ހިމެނޭ ގޮތަށް އެ ހަތަރު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަމާއި ނަންބަރު ވިދާޅުވުމަށް ފަހު، އެ ހަތަރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އަބްދުއްރަހީމް އެދިވަޑައިގްނެނެވި އެވެ.

"އަޅުގަނޑުގެ ހަތަރު މީހުން ތިޔަބޭފުޅުން ފޮނުއްވަވާ ދެއްވާ ދިވެހީންގެ ރާއްޖެ މަޖިލީހަށް. އަޅުގަނޑު ކަށަވަރުކޮށް މި ދެނީ، ހައްދުންމަތީގެ ރައްޔިތުންނަށް، އިރާދަކުރެއްވިއްޔާ ހައްދުންމައްޗަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން އަޅުގަނޑުމެން ގެނެސްދޭނަން. ތިޔަބޭފުޅުން ހިތްހަމަޖެހޭ ފެންވަރަށް އަޅުގަނޑުމެން މިކަން ކޮށްދޭނަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އޮތް އިރު 18 ވަނަ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ހައްދުންމަތި އޮންނާނީ ދިވެހީންގެ ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި. އެންމެ އުހުގައި އޮންނާނީ."

 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭ ރައީސް މުހައްމަދު މުއިއްޒު ލ. ފޮނަދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

އެކަމާ އަތޮޅުގެ ރައްޔިތުން ސުވާލު ވެސް ނުއުފެއްދުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

"މުޅި ހައްދުންމައްޗަށް އެކީގައި ތަރައްގީ ގެންނަން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އަދި އެެ ތަރައްގީ އަކީ މުޅި ރާއްޖޭގެ އިގްތިސާދަށް އަޅުގަނޑުމެންނަށް މިއަދު މި ތަނުގައި ތިބެ ދަންނަވަން ނޭނގޭ ފަދަ ކުރިއެރުން ގެނެސްދޭނެ ތަރައްގީއަކަށް،" ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

'ވެރިކަން ދިފާއުކުރުމަށް އެކަނި ހުއްޓަސް އެއީ އަޅުގަނޑު'

އަބްދުއްރަހީމްގެ 15 ވަރަކަށް މިނެޓުގެ ވާހަކަ އޭނާ ނިންމާލެއްވީ ރައީސް މުއިއްޒުގެ "ދައުރުގެ މިހާ ކުރީކޮޅު ހައްދުންމައްޗަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި" އެފަދަ މަޝްރޫއުތަކެއް އިއުލާންކޮށްދެއްވުމުން އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވަމުންނެެވެ.

"އަޅުގަނޑު [ރައީސަށް] ދޭން އޮތް ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ، ވާދަވެރިން ކިތަންމެ ވާހަކައެއް ދެއްކިޔަސް، ކިތަންމެ ފާޑެއް ކިޔަސް، އަޅުގަނޑުމެން މި ތިބީ ނުގުޑާ ފަދަ އަޒުމްގައޭ، ސާބިތުކަމާ އެކު،" މީގެ ކުރިން ޔާމީންގެ އެންމެ އަރިސް އެކެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ސަރުކާރަށް އަންނަ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާނީ "ނިކަން ކެރިގެން ހިތްވަރާ އެކު"ގަ އެވެ.

"މަނިކުފާނުގެ ވެރިކަން ދިފާއު ކުރުމަށް އެކަކު ސާބިތުވެ ހުރިއްޔާ އެ މީހަކީ އަޅުގަނޑު،" މިހާރު ރައީސް މުއިއްޒުގެ އެންމެ އަރިސް އެކެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހިޓާޗީ

12 އޭޕްރީލު 2024
އަދުރޭ ބާކީއޮތީ ހަތަރު އަހަރާ މަދުދުވަސްކޮޅެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް