ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމަށް ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އެކު އެމްޕީއެލް އިން ފަހުމުނާމާއެއްގައި ސޮއި ކުރުން (ފޮޓޯ/ ރައީސް އޮފީސް)

ލ. އަތޮޅު

ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާ އެކު މެރިޓައިމް ހަބެއް ގާއިމް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

މައިގަނޑު ހަ ކަމެއް ހިމެނޭ މި ބޮޑު މަޝްރޫއުގެ ސަބަބުން ލ. އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވި

ޓްރާންސްޝިޕްމަންޓް ބަނދަރެއް ހިމެނޭ ގޮތަށް ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމަށްޓަކައި ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ނުވަތަ ފަހުމުނާމާއެއްގައި މިރޭ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އާއި ސީއޭއެމްސީއީގެ ޖެނެރަލް މެނޭޖަރު ލީ މި ފަހުމުނާމާގައި ސޮއިކުރެއްވީ ގާދޫއާ ޖެހިގެން އޮންނަ ލ. ފޮނަދޫގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

މެރިޓައިމް ހަބް ގާއިމް ކުރުމަށް ޗައިނާގެ ސީއޭއެމްސީއީއާ އެކު އެމްޕީއެލް އިން ސޮއި ކުރަނީ: އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ބޮޑު ބަދަލެއް ލ. އަތޮޅަށް އަންނާނެ. (ފޮޓޯ/ރައީސް އޮފީސް)

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ، ޖުމްލަ ހަ ބައެއް މި މަޝްރޫއުގައި ހިމެނޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • 1-

    ޓްރާންސްޝިޕްމަންޓް ބަނދަރު: ރާއްޖެ ވަށައިގެން އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރި ވަމުން ދާއިރު އޭގެ ނަފާ ރާއްޖެއަކަށް ނުލިބޭ. އޭގެ ފައިދާ ނަގަނީ އިންޑިއާ އާއި ސްރީ ލަންކާގެ މީހުން. މި ބަނދަރުގެ ސަބަބުން "އާދަޔާހިލާފު ފައިދާތަކެއް ކުރާނެ."

  • 2-

    އޯފްޝޯ ބަންކަރިން: މި ސަރަހައްދުން ދަތުރުކުރާ ހުރިހާ ބޯޓުފަހަރަށް ބަންކަރިންގެ ހިދުމަތް ދެވޭނެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު މަންފާއެއް ލ. އަތޮޅަށް ލިބޭނެ.

  • 3-

    ކުރޫޒް ޓާމިނަލެއް ގާއިމް ކުރުން: ރާއްޖެއަށް އަންނަ ކުރޫޒް ބޯޓުތަކަށް ހިދުމަތް ދެވޭނެ ޓާމިނަލްއެއް ނެތް އިރު، ގުޅުންހުރި އެހެނިހެން ހިދުމަތްތަކާ އެކު "އިގްތިސާދީ ގޮތުން ގަބޫލު ނުކުރެވޭހާ ބޮޑެތި ބަދަލުތައް އަންނާނެ."

  • 4-

    ސުޕަ ޔޮޓް މެރީނާ: ޔޮޓްފަހަރުތަކަށް ހިދުމަތް ދެވޭނެ ގޮތެއް ނެތް. ބޮޑެތި ވިޔަފާރިވެރިން ހަނގުރާމަތަކުން ސަލާމަތްވާން ވެސް ޔޮޓްތަކުުގައި ރާއްޖެ ފަދަ އަމާން ގައުމުތަކަށް އަންނާނެ. ރަޝިއާގެ ހަނގުރާމައިގައި ވެސް އެގޮތަށް ކަން ހިނގި. އެހެންކަމުން މިކަމުގެ ސަބަބުން ވެސް މި ސަރަހައްދަށް ބޮޑެތި މަންފާތަކެއް ލިބޭނެ.

  • 5-

    އިކޯ ރިޒޯޓް: ހިމާޔަތްކޮށްފައިވާ ގާދޫގައި ވެލާ ދިރުވައި އާލާކޮށް، ފަތުރުވެރިން ޝައުގުވެރިވާ ގޮތަށް ރަށް ބަދަލުކޮށްލާނަން

  • 6-

    ކާބޯތަކެތި ގުދަން ކުރުމަށް ސްޓޯރޭޖެއް ގާއިމް ކުރުން: ކާބޯތަކެތި ލިބުމުގައި މި އޮތީ އެންމެ ގައުމަކަށް ބަރޯސާވެފައި. ރައީސްގެ އެޖެންޑާގައިވާ ގޮތަށް ވަކި ބަޔަކަށް ބަރޯސާނުވެ ކާބޯތަކެތި ލިބޭނެ ނިޒާމެއް ގާއިމް ކުރާނެ. 

ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ވަޖީހު ވިދާޅުވި ގޮތުގައި މި މަޝްރޫއު ނިމުމާ އެކު 2،000 އެއްހާ ވަޒީފާ އުފެދޭނެ އެވެ. އެމްޕީއެލްގެ އަމާޒަކީ "ހަމައެކަނި ކޮންޓެއިނާކޮޅެއް އޮޕަރޭޓްކޮށްގެން" އާމްދަނީ ހޯދުމުގެ ބަދަލުގައި މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގައިގެން ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުންކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

އެމްޕީއެލް އިން  މި މަޝްރޫއު ހަގީގަތަކަށް ހެދުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާކަމަށް ވަޖީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް މި ކަންކަން މާކެޓް ކުރުމުގެ މަސައްކަތް މުވައްޒަފުން ފަށާފައިވާ ކަމަށެވެ.

"މިސާލަކަށް ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ބޭނުންވޭ ދުނިޔޭގައި ތިބި ޝިޕިން ލައިނާތަކާ ވާހަކަ ދައްކަން. ހަމައެކަނި އެންމެ ލައިނާއެއް އަޔަސް އެ ހިސާބުން ރާއްޖޭގެ އިގްތިސާދު ބަދަލުވެގެން އެ ދިޔައީ. އެ މަސައްކަތް ވަނީ ފަށާފައި،" ވަޖީހު ވިދާޅުވި އެވެ.

"ކުރޫޒު ޓާމިނަލްގެ ވާހަކަ ދެކެވޭއިރު، އަޅުގަނޑުމެން ބޭނުންވޭ އެ މަސައްކަތް ނިމޭ ދުވަހު މިތަނަށް ހިދުމަތް ދޭން އުޅަނދުފަހަރު އަންނަން. އެ މަސައްކަތް ވެސް ވަނީ ފަށާފައި."

ވަޖީހު ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދެއްކެވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެމަނިކުފާނަކީ "އިގްތިސާދީ މާހިރެކެ"ވެ. 

"އަޅުގަނޑު ރައީސަށް ޔަގީންފުޅުކޮށް އަރުވަނީ މި މަސައްކަތް ނިންމުމުގައި އެމްޕީއެލް މުވައްޒަފުން ވަރުބައްޔެއް ނުވާނެ. ރެއާއި ދުވާލު ރައީސްގެ އިސްޕީޑުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެން ނަތީޖާ ނެރެދޭނަމޭ،" ވަޖީހު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ލ. އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް