ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ރަސްދޫގެ ބައެއް މީހުން ނުކުމެ އަޑުއުފުލަނީ

ބަންދުކޮށްގެން ކުދިން އިސްލާހު ކުރުމަކީ ރަނގަޅު ގޮތެއް ނޫން: މަދަނީ ޖަމިއްޔާތައް

މަދަނީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ބަންދުގައި ބައިތިއްބައިގެން ނުވަތަ މަރުކަޒުކޮށްގެން ކުދިން އިސްލާހު ކުރަން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވޭ

ބަންދުގައި ބައިތިއްބައިގެން ކުދިން އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެފި އެވެ.

މައްސަލައިގެ ފެށުން - އއ. ރަސްދޫގެ މިސްކިތުގެ ފާހާނާގައި ކުޑަކުއްޖަކަށް އަނިޔާކޮށް، ބުލީ ކުރި މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފަ އެވެ.

އެ ހާދިސާގައި ކުޑަކުދިންތަކެއް، އެހެން ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އެވެ. އަދި އެ ހާދިސާއާ ވިދިގެން އެކި ރަށްރަށުގައި  ހިނގާފައިވާ މިފަދަ އެހެން މައްސަލަތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ އާންމުކުރަމުންނެވެ.

އެކަންކަމާ ގުޅިގެން ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ސަރުކާރުން ނިންމައި، އެގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ވީ ކިހިނެއް؟ - މިކަމާ ގުޅިގެން މަދަނީ އެކި ޖަމިއްޔާތައް ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދައުރުވަމުންދާ ވީޑިއޯގައި ކުޑަކުދިންގެ މަންޒަރުތައް ހިމެނޭތީ އެ ކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލުތައް ހުއްޓުވަން ވެސް ގޮވާލި އެވެ.

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)، ފެމިލީ ލީގަލް ކުލިނިކް، ހޯޕް ފޮ ވިމެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އުތެމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިފަދަ މައްސަލަތައް ތަކުރާރު ވިޔަނުދިނުމަށް މަސައްކަތް ކުރަން ޖެހޭނީ ކަމާ ބެހޭ މުއައްސަސާތަކާއި މުޖުތަމައު ގުޅިގެން ކަމަށެވެ.

"މިފަދަ ހާދިސާތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަކީ މުޖުތަމައު ގުޅިގެން، މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު ކުރުން މުހިންމު ކަންކަން ކަމުގައި މި ޖަމްއިއްޔާތަކުން ގަބޫލުކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

"މުޖުތަމައުގެ ރައްކާތެރިކަމާއި އަމަނާ ގުޅޭ އެންމެހާ ކަންކަމަކީ ރައްޔިތުންނާއި މުޖުތަމައުއާ ގުޅޭ ކަންކަމަށް ވާއިރު، މި މަޝްވަރާތަކުގައި މުޖުތަމައުގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއްކަމަށް ވެސް ދެކެމެވެ."

ތަފްސީލު - ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިއޯގެ މައްސަލައާ ގުޅުވައިގެން، ސަރުކާރުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަންކަމާ ގުޅޭ ގޮތުން އެ ޖަމިއްޔާތަކުގެ ހުރި ބައެއް ހިޔާލުތަކާއި ހުށަހެޅުންތައް ވެސް އެ ބަޔާނުގައި ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން މިފަދަ އަމަލުތައް ކުރިމަތިވުން ހުއްޓުވަން ނުވަތަ ޕްރިވެންޝަންގެ ގިނަ މަސައްކަތްތަކެއް ކުރަން ނިންމި ނިންމުމަށް ޖަމިއްޔާތަކުން މަރުހަބާ ކިޔަ އެވެ.

ނަމަވެސް މިފަދަ މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިން ބަންދުކުރަން ނުވަތަ މަރުކަޒު ކުރަން ގޮވާލުމާ މެދު ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށް މަރުކަޒުކުރުމާ ބެހޭ ގޮތުން ސަރުކާރުން އިސްކުރައްވާފައިވާ ސިޔާސަތަކީ މިފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި، އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ގެނައުމަށް އެންމެ ރަނގަޅު ސިޔާސަތު ކަމުގައި އަދި ކުށަށް ހުށަހެޅިފައިވާ ކުދިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ސިޔާސަތެއް ކަމުގައި ނުބެލެވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

މަދަނީ ޖަމިއްޔާތަކުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ރިއާޔަތްކޮށް ބުނާ ގޮތުގައި އެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ވެސް ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ހެދުމާއި ކުދިންނަށް ޒިންމާ ނެގުމަށާއި މުޖުތަމައަށް އަނބުރާ ގެނައުމަށް ބާރު އެޅުމެވެ.

މަރުކަޒުކުރެވިގެން މިހާތަނަށް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހިންގާ  ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލާއިރު، ބޭނުންވާ ފެންވަރުގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތަކާއި، ބަޖެޓާއި ޓެކްނިކަލް އެކްސްޕަޓީޒް ނެތުމުގެ ސަބަބުން މަރުކަޒުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭކަމީ ވެސް މި ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

"ކުއްޖާ އިސްލާހުކުރަން އެންމެ ރަނގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ގިނަ ދިރާސާތަކުން ދައްކަ އެވެ. އަދި މަރުކަޒުކުރުމުން އިއާދަނުކުރެވޭ ބޮޑެތި ނަފްސާނީ ގެއްލުން ލިބުމާއި މުޖުތަމައުއިން ބާކީވުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކުރެވެ އެވެ."

'ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުން؛ އިތުރަށް ވިސްނަން ޖެހޭ ކަމެއް'

އޭގެ އިތުރުން ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ތިރިކުރުމަށް ސަރުކާރުން ގެންގުޅޭ އިތުރު ވިސްނުން މުރާޖައާ ކުރަން ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

އެ އުމުރު 12 އަހަރަށް ތިރިކުރުމުން ކުރާނެ އަސަރުތަކާ މެދު މުޖުތަމައު ހިމެނޭހެން މަޝްވަރާކޮށް ކުޑަކުދިންގެ އަސާސީ ހައްގުތައް ހިމާޔަތްކުރާނެ ގޮތަށް އަދި މި ކުދިން މުޖުތަމައަށް އަނބުރާ ރުޖޫއަކުރެވޭނެ ވިސްނުމަކުން ގޮތެއް ނިންމުމަކީ، ޖަމިއްޔާތަކުން ބުނާ ގޮތުގައި، އަސްލު ހަގީގީ މައްސަލައަށް ވާސިލްވުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

އެގޮތުން ހަގީގަތުގައި މުހިންމު ވަނީ، އެ ޖަމިއްޔާތަކުން ދެކޭ ގޮތުގައި، އަވަސް ރިހެބިލިޓޭޝަން ނިޒާމަކާއި މުޖުތަމައުއަށް އަނބުރާ ގެންނަން ބާރުއަޅާ ނިޒާމެއް ގާއިމްކުރުމެވެ.

"200 ވަރަކަށް ކުދިން، އެކުދިންގެ ނާޖާއިޒް ފައިދާ ނަގާ ބަޔަކު މުޖުތަމައުގައި އުޅޭއިރު، ހަމައެކަނި އެކުދިން ބަންދުކުރުމަކުން އެފަދަ އަމަލުތައް ހިންގާ މީހުން ހުއްޓުވޭނެ ކަމަކަށް ނުދެކެމެވެ،" ބަޔާނުގައި ފާހަގަކުރި އެވެ.

ހަމަ އެހެންމެ މި ކުދިން މި ހާލަތަށް އައިސްފައިވަނީ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނުން އެކުދިންނަށް އާއިލާ އާއި މުޖުތަމައު އާއި ދައުލަތުގެ ފަރާތުން ލިބިދޭން ޖެހޭ ރައްކާތެރިކަމާއި އަޅައިލުން ލިބިފައި ނެތުމުން ކަމަށް ވާއިރު، ތަންފީޒީ ނިޒާމުގައި މިހާރުވެސް މައްސަލަތަކެއް ހުރިކަމަށް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ގެންނަން ވިސްނުން އިސްކުރަން ޖެހޭކަމަށް މި ޖަމްއިއްޔާތަކަށް ފެންނާތީ، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މި ޖަމްއިއްޔާތަކުން ގޮވާލަމެވެ."

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހު ކުރަން ބަންޑާރަނައިބު ނިންމެވި ނިންމެވުމާ ގުޅިގެން އެ ބަޔާނުގައި ބުނީ އޭގެ ކުރިން މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކާ މަޝްވަރާކޮށް އިރުޝާދު ހޯދަން ވާނެ ކަމަށެވެ.

އެގޮތުން މުޖުތަމައުގައި ހިނގާ މިފަދަ ބޮޑެތި މައްސަލަތަކަކީ އާންމުންގެ ކަންބޮޑުވުން އިސްވާ ކޮންމެ ފަހަރަކު ހަމައެކަނި މުއައްސަސާތަކުގައި ތިއްބަވާ އިސް ވެރިންގެ ފަރާތުން ކުއްލި ގޮތަކަށް ނިންމާލެވޭނެ ފަދަ ކަމެއް ނޫން ކަމަށް ވެސް ފާހަގަކުރި އެވެ.

ކޮމެންޓް (5)

profile-image-placeholder

ހަސަން ފުސް ކޮއި

8 އޭޕްރީލު 2024
ބަލަ.ބަލަ.ފަލަސްޠީނުގައި އެތައްހާސް ކުޑަކުދިން ކަތިލައި މަރާ ހަދާއިރު ކަލޭމެން ކުދިންކޮބާ؟24 އޮކްޓޯބަރާއި ހަމައަށް ޝަހީދުވި މީހުންގެ ތެރޭގައި 3340 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2060 އަށް ވުރެ ގިނަ އަންހެނުންނާއި 0 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.މި ޢަދަދު މިހާރު މާގިނަވާނެނި.ދާފަ ތިބީ ކޮންތާކު؟

ސައިމާ

8 އޭޕްރީލު 2024
މިވެރިން މަހަށް ދޭބަލަ. ކަލޭމެން މިގައުމު އިސްލާހުކުރަން ކުރި މަސައްކަތެއް ދައްކަބަލަ. ކުށްވެރިންގެ ކަންތައް އޮބިނޯންނަވަރުވާއިރުވެސް، މި ޖަމްއިއްޔާތަކުގެ ރައުޔަކީ، އެވެރިންނަށް ޗުއްޕުވެސް ނުބުނާށޭ. ބަލަ މިގައުމުގައި ކުށްވެރިންނޫނަސް މީހުން އުޅެންޖެހޭ. އަތުންފައިން މަސައްކަތްކުރެވޭ މީހުންގެ އުފެއްދުންތެރިކަމުން މި ޖަމްއިއްޔާތައް ސަވައިވް ވަނީ.

ކަތްދައްތަ

8 އޭޕްރީލު 2024
މަދަނީ ޖަމުއިއްޔާ ތަކޭ ކިޔާފަ ނަންޖެހި ހަމަ ކޮންމެ ޖަމިއްޔާއަކީ ފެމެނިސްޓު ވިސްނުމާ އެއްގޮތަށް ކަންކުރަން ހިތްވަރުދޭ މީހުން ތިބި ތަންތަން. އިސްލާމީ އުސޫލުތަކަކީ ކަޑަ އަދި ހުޅަގުގެ ފިކުރަކީ ގަދަ ގޮތެއް މަކަށް ދެކޭ ބަޔެއް. އެމީހުންގެ ވިސްނުމާ އެއްގޮތަށް ބަންދުނުކޮށް އިސްލާހުކުރަން ކުރި މަސައްކަތުން ނިކުތް ނަތީޖާއަކީ ކޮބާކަން އެމީހުންނަކަށް ބުނެ ނުދެވޭނެ.

އާދަމް

8 އޭޕްރީލު 2024
ލާދީނީ ޖަމިއްޔާތައް ފާޅު ވެއްޖެ. އިސްލާމް ދީނުގަ އޮންނަ ގޮތަށް ކަންކޮށްގެން ނޫނީ ނެތް ހައްލެއް.

މަރީނާ

8 އޭޕްރީލު 2024
ދެން ހަދަންވީ ގޮތެއް ނުބުނެ ތިހެން ނެރޭ ބަޔާނަކީ ބޭކާރު އެއްޗެއް. ބަންދުގައި ބަހައްޓައިގެން ވިޔަސް އިސްލާހު ކޮށްފިއްޔާ ރަނގަޅެއްނު؟ މިހާރު އޮންނަ ގޮތަށް އޮތީމަ ވާގޮތް ފެނެއެއްނު؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް