ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ރަސްދޫގެ ބައެއް މީހުން ނުކުމެ އަޑުއުފުލަނީ

ކުށްކުރުން

އެ ވީޑިއޯ އެންމެން ބަލައިފި، އަސަރުކޮށްފި: ގޯހުން ދިޔައީ ކޮން ކަމެއް؟

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އެހެން ދެ ކުއްޖަކު އަނިޔާކުރާ ވީޑިއޯއާ އެކު އަނެއްކާވެސް ފެށުނީ ކުޑަކުދިންނަށް އަދަބު ނުދެވޭކަމުގެ ބަހުސް

އެތައް ބައެއްގެ ނަޒަރުގައި އެއީ ބަލަން ހިތަށް ކެތްނުވާވަރުގެ މަންޒަރެކެވެ. ރަހުމެއް ނެތި، ކުޑަކުއްޖަކަށް، އެއަށް ވުރެ ބޮޑެތި ކުދިންތަކެއް ވެގެން އަނިޔާކޮށް، ހުތުރު ބަހުން މުހާތަބުކޮށް ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސްކުރުވަން މަޖުބޫރުކުރުވި އިރު، ތިމާގެ ދަރިފުޅު އެ މަގާމުގައި ބަހައްޓައި، އެކަން ތަސައްވުރުކޮށްލަން، ސޯޝަލް މީޑިއާގައި ބައެއް މީހުން އެދުނެވެ.

"ކެތްވާނެތަ؟ އެ ކުއްޖާއަށް އެ ދިން އެ އަނިޔާގެ ވޭން މުޅި އުމުރު ދުވަހު ހަނދާން ހުންނާނެ،" ރުޅިވެރިކަމާ އެކު އެކަކު ލިޔުނެވެ.

އއ. ރަސްދޫގައި ހުންނަ ހަމައެކަނި މިސްކިތުގެ ފާހާނާ ތެރޭގައި، ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު  އެންމެންގެ  ޝުއޫރުތައް ވެސް ހުރީ އެފަދަ ގޮތަކަށެވެ. އިއްޔެ ރޭ ތަރާވީސް ނަމާދު ކުރަމުން ދިޔަ ވަގުތު، މިސްކިތުގައި ހުރި އެ ކުއްޖާގެ ލަފުގައި ހިފައި ނެރެގެން ގޮސް، ފާހާނާ ތެރެއަށް ވައްދާ އަނިޔާކުރީ، 12 އަހަރުގެ އެ ކުއްޖާއަށް ވުރެ އަހަރެއް ދެ އަހަރެއް ބޮޑު ދެ ފިރިހެން ކުދިންނެވެ. އެކަމަކު އިސްކޮޅުން ދިގުކޮށް ތިބި އެ ކުދިން، ގޮށްމުށުންނާއި  ކޮޅުފައިން ކުޑަ ފިރިހެން ކުއްޖާގެ ގައިގައި އެތައް ފަހަރަކު ޖަހައި، އަތުގައި އޮތް ފެންފުޅި ކުއްޖާގެ ބޮލަށް އަޅައި، މަލާމާތް ކުރަމުން ދިޔައީ، 'ހެޔޮނުވާނޭ ތިހެން ނުހަދާށޭ' ކިޔައި ރޮމުން ދަނިކޮށެވެ.

މިކަމުގައި އެ ކުއްޖާ ބިރުގަނެ ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުރި މިންވަރު ބޮޑެވެ. އެ ވީޑިއޯ ފެނި، ބެލެނިވެރިން އެކަމާ ގުޅޭ ގޮތުން އެ ކުއްޖާއާ ސުވާލުކުރުމުން ވީޑިއޯއިން ފެންނަނީ އޭނާކަމަށް ދެކޮޅުހެދީ ވެސް، ކޮށްފައި ހުރި ނުުބައި އަސަރުން ކަމަށް ބެލިދާނެ އެވެ.

އެ ވީޑިއޯ ފެނިފައި އާންމުން ކެކިއަރައިގަތެވެ. އެކި މީހުންގެ ޝުއޫރުތައް ހުރީ އެކި ގޮތަށެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމާއި ކުޑަކުދިންތަކެއް ހިމެނޭ މައްސަލައެއް ކަމުން، ވީޑިއޯ އާއި ކުދިންގެ ފޮޓޯ ދައުރު ނުކުރަން ފުލުހުން އެދުމުން ވެސް ބައެއް މީހުން އައީ ރުޅި އެވެ.

އެ މީހުން ސުވާލުކުރި އެވެ؛ އުމުރުން 18 އަހަރު ނުވާތީ މިކުދިންނަށް ދެން އަދަބެއް ނުދެވޭނީ ހެއްޔެވެ؟ އަނިޔާ ލިބޭ މީހާއަށް ވުރެ، އަނިޔާކުރާ މީހާއަށް ގާނޫނުން މާ ބޮޑު ހިމާޔަތެއް ލިބެ އެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާގެ ބަދަލަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގެ ކުޑަކުދިންގެ އަދުލު ނިޒާމާ ގުޅޭ ގޮތުން ސިޔާސަތުތައް ހެދުމުގައި ފެށުނީއްސުރެ ހަރަކާތްތެރިވެ ވަޑައިގެންނެވި، ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ހާމިދު ޔޫސުފް ވިދާޅުވި ގޮތުގައި ކުށް ކުރާ ކުޑަކުދިންނަށް ގާނޫނުގެ ތެރެއިން އަދަބު ލިބޭނެ އެވެ. އެ ކުއްޖާ ކުރި ކުށުގެ ބާވަތަށް ބަލައި ގާނޫނުގެ ތެރެއިން، އިންސާފު ހޯދޭނެ މަގު އެބަ އޮތެވެ. އެކަމަކު ސުވާލު އުފެދެނީ، ކުށްކުރާ ކުޑަކުދިން އިސްލާހު ކުރުމާ ހަމައިންނެވެ.

"އަޅުގަނޑުމެން މިކަން ފެށީ އިސްލާހިއްޔާއިން. އެގޮތުން 1982 ހާތަނުގައި އިސްލާހިއްޔާ ހުޅުވީ، ބަސް ނާހާ، މަގުމަތީގައި އުޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ކުދިންނަށް ތަރުބިއްޔަތާއި މަސައްކަތް ދަސްކޮށްދިނުމަށް،" ކުޑަކުދިންގެ އަދުލު ނިޒާމާ ގުޅޭ މަސައްކަތްތަކާ މިހާރު ދުރުގައި ހުންނެވި ހާމިދު ވިދާޅުވި އެވެ.

"އެކަމަކު އޭރު އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް މިހާރު އެ ވަނީ އެހެން ގޮތަކަށް ބަދަލުވެ، ކުޑަކުދިންގެ ހިޔާގައި ކުދިން ގެންގުޅޭ ގޮތަށް ބަދަލުވެފައި."

އިސްލާހިއްޔާ އުވާލުމާއި ކުޑަކުދިން ކުރާ ކުށްތަކަށް އަމަލުކުރާ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދަށް ގެންނަން 10 އަހަރު ނެގި އެވެ. އެ ގާނޫނަށް، 2008ގައި އަމަލު ކުރަން ފަށައި، ކުށްކުރާ ކުދިން އިސްލާހު ކުރުމަށް 2009ގައި ސަރުކާރުން ޕްރޮގްރާމެއް ހިންގި އެވެ. އެއީ ކުށްކުރާ ކުޑަކުދިން، ފޭދޫ ފިނޮޅަށް ގެންގޮސް ރިހިބިލިޓޭޓް ކުރުމެވެ. އޭގެ ފަހުން ބޮޑެތި ކުށްކުރާ ކުޑަކުދިން އިސްލާހު ކުރުމަށް، ދ. ވާނީއަށް ގެންގޮސް ވެސް ޕްރޮގްރާމެއް ހިންގި އެވެ.

ކުދިން އެކަހެރިކޮށްގެން އިސްލާހުކުރަން ހިންގާ މިފަދަ ޕްރޮގްރާމްތަކުގެ ފުރަތަމަ ނަތީޖާ ރަނގަޅު ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެކަން ކުރިއަށް ނުގެންދެވުނު އެންމެ ބޮޑު އެއް ސަބަބު ގޮތުގައި ހާމިދު ފާހަގަކުރެއްވީ، އެފަދަ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކުރަން އޮންނަ މަރުހަލާތައް ދިގުވުމެވެ. ކުށްކުރުމާ އެކު، ކުއްޖާގެ މައްޗަށް އެކަން ސާބިތު ކުރުމާއި ކޯޓުން ގެންދާ މަރުހަލާތަކާއި ކުއްޖާ އެ ޕްރޮގްރާމްގައި ބައިވެރިކުރުމާ ހަމައަށް ދުވަސްތަކެއް ނަގަ އެވެ. ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުކުރުމަށް، ގިނަ އެސެސްމެންޓްތަކެއް ހަދާއިރު އެކަމަށް ވެސް ދުވަސްތަކެއް ހޭދަވެ އެވެ.

"ކުއްޖާގެ މައްޗަށް އެޅޭނެ ފިޔަވަޅުތަކެއް އެބަހުރި. އެކަމަކު ނިޒާމުގެ ތެރޭގައި އެބަހުރި [ދުވަސް ނަގާ] މަރުހަލާތަކެއް. އެހެންވެ، ހަމަމަގަށް އަޅުވަން ދިގު މުއްދަތެއް އެބަ ނަގާ،" ހާމިދު ވިދާޅުވި އެވެ.

އެ މުއްދަތުގެ ތެރޭގައި އަނެއްކާވެސް އެ ކުއްޖާ ދޫވުމުން ގޮސް މި ވަންނަނީ ހަމަ އެ ކުށްތަކުގެ ތެރެއަށެވެ. ފުރަތަމަ ކުރި ކުށް ސާބިތު ނުވެ އުޅެނިކޮށް، ކުޑަކުދިންގެ ގޮތުގައި ހުރެ އެއަށް ވުރެ ބޮޑު ކުށްތަކަށް އަރައިގަނެ އެވެ. 'ކޮންމެ ކަމެއް ކުރިޔަސް ތިމަންނަމެންނާ ނުބެހެވޭނެ' ކަމަށް ބުނުމެވެ.

އިސްލާހީ ޕްރޮގްރާމަށް ފަހު ދެން ވެސް ހަމަ މި މައްސަލަ ކުރިމަތިވެ އެވެ. ޕްރޮގްރާމް ނިންމުމަށް ފަހު އަނެއްކާވެސް މި ހުށަހެޅެނީ ހަމަ ކުށުގެ ވެއްޓަށެވެ. މާރާމާރީ އާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް އާއްމުވެފައިވާ ދުވަސްވަރެއްގައި، އެ ކުށްކުރާ ކުޑަކުދިން ފޭދޫ ފިނޮޅަށް ގެންގޮސް އިސްލާހުކުރުމަށް ފަހު، އަނބުރާ މުޖުތަމައުއަށް ގެނައުމުން، %30 ކުދިން އަހަރެއް ވާންދެން ކުށްތަކާ ދުރުގައި ތިބެ އެވެ. އެކަމަކު އަނެއްކާވެސް އެ ކުދިން ވަށާލީ ކުށްކުރުމަށް ދެވި ހިފާފައިވާ މީހުންނާއި އެކަމަށް ފަހި މުޖުތަމަ އެވެ.

"މި ހުރިހާ ކަމެއްގެ ހައްލު ހޯދުމަށް އެކަށީގެންވާ މީހުންނާއި ވަސީލަތްތަކެއް ނެތް. އެންމެ ފަހުން ޖެހުނީ އެފަދަ ޕްރޮގްރާމްތައް ހުއްޓާލަން،" ހާމިދު ވިދާޅުވި އެވެ.

އިތުރު އެހެން ސަބަބެއް ވެސް އެބަ އޮތެވެ؛ އެއީ 2008ގައި ތައާރަފްވި، ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމުގައި، މުޖުތަމައުގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް އޮތް އަހައްމިއްޔަތުކަން ކުޑަވުމެވެ. ކުށްކުރަނީ ވަރަށް މަދު އަދަދެއްގެ ކުދިން ކަމަށް ވުމުން، މި ކުދިން އިސްލާހު ކުރުމަށް މާ ބޮޑު ސަމާލު ކަމެއް އެއްވެސް ސަރުކާރަކަށް ނުދެވެ އެވެ.

"ވޯޓު ހޯދަން ދިޔައިމަ އާއްމުންނަށް ވެސް މި ބުނެވެނީ އެއާޕޯޓެއް އެޅުމަށް. ބަނދަރު ހިއްކުމަށް. ދެން ސިޔާސީ މީހާއަށް އިސްކަން ދެވެނީ ވެސް އެފަދަ ކަންކަމަށް،" ހާމިދު ވިދާޅުވި އެވެ.

"ސިޔާސީ މީހުންގެ މެނިފެސްޓޯ އާއި ވައުދުތަކުގެ ތެރޭގައި މިކަންކަން ހުންނަނީ ވަރަށް އާދައިގެ ގޮތަކަށް މަޑުމަޑުކޮށް."

އެހެންވެ، މިއަދާ ހަމައަށް އައިއިރު ވެސް ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމާއި އެ ކުދިން އިސްލާހުކުރުމުގައި ވަސީލަތްތާއި މީހުން ބިނާކުރުމުގައި އޮތީ އިހުމާލުތައް ވެވިފަ އެވެ. ކުށްކުރާ ކުޑަކުދިން އިސްލާހުގެ މަގަށް ގެނައުމަށް މަސައްކަތްކޮށް، އަދި އެ ކުދިންނަށް ފަރުވާ ދިނުމަށް މިދިޔަ ސަރުކާރުން ތ. ވޭމަންޑު އާއި ދ. ކުޑަހުވަދޫގައި 'ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު' ގާއިމުކުރި ނަމަވެސް، މިއަދާ ހަމައަށް އެތަންތަން ހުރީ ހުހަށެވެ.

ފުލުހުންގެ ކަންބޮޑުވުން؛ ގާނޫނުގެ ސަބަބުން ތަހުގީގަށް އުނދަގޫވޭ

ކުށްކުރާ ކުޑަކުދިން ހުއްޓުވަން، ގާނޫނީ ގޮތުން ގޮންޖެހުންތައް ހުރި ކަމަށް ބުނެ، މީގެ ދެ ހަފުތާ ކުރިން ވެސް ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ މަހު 17 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒް ވިދާޅުވި ގޮތުގައި، ކުޑަކުދިންނާ ގުޅޭ ގާނޫނުތައް ބައްޓަން ކޮށްފައިވާ ގޮތާއި ގާނޫނުތަކުގެ ދަށުން ބައެއް ކަހަލަ ގަވައިދުތައް ފަރުމާކޮށްފައި ހުންނަ ގޮތުން، ކުޑަކުދިން ހިމެނޭ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނަށް ވެސް އުނދަގޫވެ އެވެ.

ކުޑަކުދިންގެ އަދުލު ނިޒާމުގެ ދަށުން ކުށް ކުރާ ކުޑަކުދިން އިސްލާހުކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ހާމިދު ޔޫސުފް

ގާނޫނުގައި ކުޑަކުދިންގެ ގޮތުގައި މާނަ ކުރިޔަސް 18 އަހަރު ފުރެން ކައިރިވެފައި ތިބޭ އުމުރުފުރައިގެ ކުދިން ވަރަށް ބޮޑެތި ކުށްތަކުގައި ވެސް ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިން ކުރާ ކުށްތަކޭ އަޅުގަނޑުމެން ދެންނެވި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ތެރޭގައި 18 އަހަރު ހަމަ ނުފުރި ކިރިޔާ، 17 އަހަރާއި 18 އަހަރާ ދެމެދު ތިބޭ ހަމަ ބޮޑެތި މީހުންނޭ އަޅުގަނޑުމެންނަށް ބުނެވޭ ހިސާބުގައި ތިބޭ ވަރުގަދަ، ހަށިގަނޑުގެ ގޮތުން ވެސް، އަދި އެމީހުންގެ ވިސްނުމާއި ފިކުރާ ހުންނަ ގޮތުން ވެސް ބޮޑެތި މީހުންނާ އެއްވަރަށް މަސައްކަތްކުރާ،" ނާފިޒް ވިދާޅުވި އެވެ.

އެކަމަކު އެ ފަދަ ކުދިންނާ ދެކޮޅަށް، ފުލުހުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރާ ބައެއް ކަހަލަ އާލާތްތައް ކަމަށްވާ، ބިޑި އާއި ޕެޕާ ސްޕްރޭ ފަދަ އެއްޗެހި ބޭނުން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ބިޑި ވެސް ބޭނުންކުރަން ވަޔަލެންޓްވާ ހާލަތްތަކުގައި އެއީ ކުޑަކުއްޖެއް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

މުޅިން ވެސް އިހުމާލު؛ ތަރުބިއްޔަތުގައި ވެސް މުޖުތަމައުގައި ވެސް

ރަސްދޫގައި ހިންގި މާރާމާރީގެ ވީޑިއޯ އާއްމުވުމާ އެކު އެއް ބަޔަކު ދައުލަތުގެ ނިޒާމަށް އިނގިލި ދިއްކުރި އިރު، އަނެއް ބަޔަކަށް ގޯސްވީ ކުދިންނަށް ދީފައިވާ ތަރުބިއްޔަތެވެ. ދެން ތިބި މީހުންނަށް މުޅީ މުޖުތަމައު އެވެ.

"ދަރިފުޅު އެންމެ ކުޑައިރުއްސުރެ ގޯސް ކަމެއް ކޮށްފި ނަމަ އެއީ ގޯސް ކަމެއްކަން ބުނެދޭން ޖެހޭނީ މައިންބަފައިން،" ރަސްދޫގެ އާއްމުންގެ މީހަކު ސޯޝަލް މީޑިއާގައި ލިޔުނެވެ.

"ކުރާ ގޯސް ކަމުގެ ކުޑަބޮޑު މިނަށް ބަލާ ކުއްޖާއަށް، މަންމަ ނުވަތަ ބައްޕަ އަދަބެއް ދިނުމަކީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުށަކަށް ވިޔަސް، އެކަމަކީ ކުއްޖާ ހަމަމަގަށް އަޅުވަން އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް."

އޭނާގެ ނަޒަރުގައި ކުއްޖާ ދުލުން ބުނެލާއިރަށް ބުނާ ހުރިހާ ކަމެއް ކޮށްދިނުމާއި، ކުއްޖާ ބުނާހާ އެއްޗެއް ގަނެދިނުމާއި، ކޮންމެ ކަމެއްގައި ވެސް ކުއްޖާއަށް ދޭން ނުޖެހޭ މިންވަރަށް މިނިވަންކަން ދިނުމަކީ މިފަދަ ހުރިހާ ކަމެއްގެ ފެށުމެވެ.

ރަސްދޫގެ މިސްކިތުގެ ފާހާނާ ތެރޭގައި ހިންގި މި އަމަލު އާއްމުންނަށް ފެނި، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފެށީ އެ މަންޒަރު ފެންނަ ވީޑިއޯ ލީކުވުމުން، އޭގެ އެއް ދުވަސް ފަހުންނެވެ. މި ގޮތަށް ނުފެންނަ ކިތައް މަންޒަރު ހުންނާނެތޯ ބައެއް މީހުން ސުވާލު ކުރި އެވެ.

"މިއީ ސްކޫލުގެ މާހައުލުގައި ވެސް ހަމަ އާއްމު މަންޒަަރެއް. ދާދި ފަހުން (ސްކޫލުގެ ނަން ކަނޑާލާފައި)ގެ ބެލެނިވެރިއަކު ވެސް ބުނި އެ ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރެއް ވައްޓާލައި ފައިން އަރައި އަނިޔާކުރި ކަމަށް. އެ ކުއްޖާ ސަލާމަތް ކުރަން ކައިރިވި ޓީޗަރުންނާއި އެހެން ކުދިންނަށް ވެސް އަނިޔާވިކަމަށް،" ކޮމެންޓު ކުރި އެހެން މީހަކު ބުންޏެވެ.

"މިފަދަ ކަންކަން ސްކޫލުތަކުން ވެސް ފޮރުވައި ފިޔަވަޅު ނޭޅުމުން އެކަންކަން ކުރުމަށް އެ ދެނީ ހިތްވަރެއް."

ފޭސްބުކްގައި ހިޔާލު ފާޅުކުރި މަރިޔަމް ވަހީދާ ބުނިގޮތުގައި ކުޑަކުދިންގެ އަނިޔާވެރިކަމާއި  އަމަލް މިފަދަ ދަރަޖައަށް ދަނީ ތައުލީމާއި ތަރުބިއްޔަތާއި ޖިނާއީ އަދުލާއި ތަންފީޒީ އިދާރާތައް ފެއިލްވުމުންނެވެ. ވެރިންގެ ތައްޕާހާއި ގާނޫނުގައި ހުންނަ ބާގަނޑުތަކުން، އެފަދަ ކުށްވެރިންނަށް ފަސޭހައިން އަލުން މުޖުތަމައުގެ ތެރެއަށް ނުކުމެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ދެކެ އެވެ. އެކަމަކު ކަމެއް ހިނގުމުން، ފިޔަވަޅެއް ނޭޅި، ދެން އަނެއްކާވެސް މާ ގިނަ ދުވަހެއް ނުވެ އެކަމެއް އޮބިގެން ދަނީ ކަމަށް މަރިޔަމް ބުންޏެވެ.

"...ޝިޔާއު ކިޔާ ޒުވާން އަންހެން ކުއްޖަކު މަރާލައި، ބުރިކޮށްފައި ހުރި ގުނަވަންތައް ކޮތަޅަށް އަޅައިގެން އެގެއިން ނެރުނީމަ ތިން ދުވަސް ވަންދެން އެ ވާހަކަ. ރޯމާ ދުވާލު މަޖީދީމަގުން ކަތިވަޅި ހިފައިގެން ގޮސް ގަރާޖެއް ތެރޭ ކެމެރާ ކުރިމަތީ އަނަސް މަރާލީމަ ތިން ދުވަސް ވަންދެން އެވާހަކަ. ދެން މި ތި ް ދުވަހު [ދައްކާނީ] ރަސްދޫ މިސްކިތުގައި ހިންގި އަނިޔާގެ ވާހަކަ،" އޭނާ ލިޔުނެވެ.

"އެކަމަކު އެ ހިސާބުން ވައްސަލާމް. އަހަރެމެންނާ ވާ ބެހޭ ކަމެއް ވެސް ނޫން."

މަރިޔަމް ދެކޭ ގޮތުގައި މިފަދަ އަނިޔާވެރިކަމުގެ ވާހަކަ އެންމެންނަށް އެނގި، ދެތިން ދުވަސް ފަހުން އެ ވާހަކަ ނުދައްކައި ފަސް އެޅުމުގެ މާނައަކީ ތިމާމެންގެ މަސްއޫލިއްޔަތު އަދާނުކުރެވުމެވެ. އެފަދަ ކަމެއް ހިނގައިގެން ފަޅާއަރަނީ ހާހަކުން ފަހަރަކު ކަމަށާއި ދެން ހުރިހާ ފަހަރެއްގައި ފަތަހަ ހޯދަނީ 'އިހުމާލު' ކަމަށް އޭނާ ބުންޏެވެ.

ކުޑަކުދިން ކުރާ ކުށްތަކަށް ދެވޭނެ އަދަބު އެބަ ހުއްޓެވެ. އެފަދަ އަމަލުތައް މަދުކުރެވޭނެ ގޮތްތަކެއް އެބަ ހުއްޓެވެ. އެކަމަކު އެކަން ފެށެނީ ފުރަތަމަ ތަރުބިއްޔަތާ ހަމައިންނެވެ. މުޖުތަމައާ ހަމައިންނެވެ. ދެން އިންސާފުގެ ނިޒާމާ ހަމައިންނެވެ.

ކޮމެންޓް (12)

ޙިއުމަންރަޓް

9 އޭޕްރީލު 2024
ހިއުމަން ރައިޓް އޭ ކިޔައިގެން މި ހުޅަނގުގެ ގައުމު ތަކުން ފަތުރަނީ އިސްލާމް ދީން އޮންނަ ޤައުމު ތަކަން . ޢެހެން ކިޔާ ޤައުމު ތަކުގައި މަރަށް މަރުވެސް ހިފާ އަދި ޑްރަގު ވިއްކާ މީހުންނާއި ބޯ މީހުންވެސސް މަރާލާ. ޢެތަނުގައި ހިއުމަންރައީޓް ނެތީތޯ. ޢެފަދަ ޤައުމު ތަކުގައި ކުޑަކުދިން ނަށްވެސް އަދަބުދެވޭ. ޢިސްލާމް ދީނުގައި ބާލިޢު ވުމުން އެހެރީ ބޮޑުވެފައި. ކުށެއް ކުރުމުން އަދަބު ދެވޭނެ. ޢިސްލާމީ ޝަރިއްޔަތާ ހިލާފު ނުވެވޭނެ.. ލޯޔަރު ކަނަކީ ކުއްވެރިން ސަލާމަތް ކުރަން ދީފައިވާ ލައިސަންސް އެއްތޯ..
4 0

ޜައްޔަތުން މަޖުލިސް

9 އޭޕްރީލު 2024
މިއޮތީ އެއްކަލަ މެންބަރުން ރައްޔަތުން ގާތަށް ސަލާންޖަހަން އަނަދުވަސް ވަރު އެއްވެސް ރައްޔަތަކު ކަންބޮޑުވެގެން ބުނީމުތޯ ޑުރަގް ޤާނޫނު މިވެނި ގޮތަކަށް އިސްލާޙް ގެނެސްދޭށޭ.... އަދި މާރާމާރީ ހިންގާ ގޭންގުތަކަށް ހަރުކަށި އަދަބު އެބަޖެހޭ ގެންނަން މިފަދައިން ބުނަން ކެރުންތޯ އަމިލަ ނަފްސުއާ ސުވާލު ކޮއްލަ އަދި މާދަމާ މެންބަރު ކަމަށް އަންނަ މީހާގެ ދުލުން ބަހެއް ނެރެބަލަ ނިކަން ގަޓް ހުރެގެން
1 1

ޜައްތަތުން

9 އޭޕްރީލު 2024
ޢަދިވެސް މަޖުލީހަށް ދީނާ ދެކޮޅު މީހުން ހޮވާ. ޜައްޔަތުން މަޖުލީހަކީ މި ޤައުމުގެ ހަލާކު ދީނަށް ފުށުއަރާ އެތަށް ޤާނޫނު ތަކެއް އެތާ ތިބެގެން ބޮޑު މުސާރަ ނަގައިގެން އެތިބެނީ އަދި އަމިއްލައަށް މުސާރަ އިނާޔަށް ތަށް ހަދަމުން ތިމާ މީހުން ރިސޯޓަށް ގޮސް ބޯތި ޑުރަގް ޤާނޫނު އެއޮތި ދޯހަޅި ކޮއްފާ . ފާފަ ވެރިވާނޭ މިތިބަ މީހުންނޭ
1 0

ރަސްދޫ

7 އޭޕްރީލު 2024
ރަނގަޅުގޮތުގަ ދަރިން ތަރުބިއްޔަތުކުރުމުގެ ފަންވަރެއް މިޒަމާނު މައިންބަފައިންގެ ނެއް އެހެންވީމާ މިކަނވާންއޮތީ ދަރިން ކުރާކުއްތަކަށް މައިންބަފައިން ޒިމްމާކުރުވާ އެމީހުންނައް އަދަބުދޭންވީ ދަރިއަކު ކުށެއްކޮށްފިނަމަ ތަހުގީގު ކޮށްނިމެނދެން މައިނބަފައިން ހައްޔަރުކޮއްފަބައިތިއްބަންވީ
3 0

ހެޔޮހިތުން

7 އޭޕްރީލު 2024
ގާނޫނުގެ ވެރިކަން ހިންގަންވީ. މާލޭ މަޖީދީ މަގަށް ބެލީމާ އެނގޭ ގާނޫނު ހިންގުމަށް ނުކުޅެދިފައިވާ މަންޒަރު. ރައްޔިތަކު ދައުލަތަށް، މުޅި މުޖުތަމައަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަމަކީ ނުވަތަ ޒިންމާއަކީ މަގުމަތީގެ އަދަބުތައް. ދައުލަތް އެއޮތީ ނުކުޅެދިފައި، ސައިކަލު ދެން ޕާކު ކުރާނީ ފިހާރަތަކުގެ ކައުންޓަރު ކުރިމަތީގަ. މިވަރު ކަމެއް ތަންފީޒުނުކޮށް އެމީހަކާ އެމީހެއް، ޖަންގަލީގެ އުސޫލަށް ދޫކޮށް، ދެން އެއަށް ވުރެ ބޮޑެތި އުންމީދު ކުރާނެ ކަމެއްނެތް. މިހާރު ފުލުހުން ތިބެނީ ގާނޫނާ ހިލާފަށް ޕާކު ކުރަން އެހީތެރިވާން.
2 1

އަހްމަދު ވާސިފް

7 އޭޕްރީލު 2024
ހިޔާލެއް ދީފާނަން. ކުށްކުރާ ކުދިންނަށް ކިހިނެއްވާނެތޯ އިތުރު ފުރުސަތެއް ދިނުން؟ އެ ފުރުސަތު ހަމަ އެކަނި ދޭނީ އެކުދިން ސިފައިންގެއަށް ނުވަތަ ފުލުހުންގެ އިދާރާއަށް ހިދުމަތް ކުރަން ވަގުތުން މަޖުބޫރުވާ ގޮތަށް. ވަރަށް ރަނގަޅަށް ޑިސިޕްލިން އާއި އަދުލު އިންސާފުގެ އަނެއް ފަރާތް ފެންނާނެ، ދަސްވާނެ.
9 3

ޙަސަނު

7 އޭޕްރީލު 2024
@އަހްމަދު ވާސިފް އެއީވެސް ތިކަމަށް އެހާރަގަޅުތަނެއްނުން. ޢިސްލާހުވެގެން އެތަނަށްދާންޖެހޭނީ
0 0

ކިޔުންތެރިޔާ

7 އޭޕްރީލު 2024
18 އަހަރު ނުފުރުނަސް ކުއްކުރާ ކުދިންނަށް އަދަބު ދީގެން ނޫނިއްޔާ އިސްލާހެއް ނުވާނެ. އަހަރެމެން ކިޔެވި ދުވަސްވަރު ކުށެއް ކޮއްފިއްޔާ އަދަބު ދޭ. މިހާރު އުފައްދައިގެން އުޅޭ ޖެންޑާ އަކާ ހިއުމަން ރައިޓްސް އަކާ ހުރެ އަދަބެއް ދެވޭކަށް ނޯވޭ. ކުދިން ކުއްތަކަށް އަރާގަތީމަ އެމީހުން ކީއްވެތަ އެކުދިންނަށް ދޭނެ އަދަބެއް ކަނޑަ ނާޅާ އެކުދިންގެ ދިފާއުގަ މި ނުކުންނަނީ.
8 1

ކަމަނަ

7 އޭޕްރީލު 2024
އިސްލާމީ ޝަރީޢަތުގައި ވާގޮތަށް ހުކުމް ތަންފީޒުކު ނުކުރެވުނީމަ ދިމާވާ މައްސަލަތަށް😔. 18 ނުވިޔަކަސް ބޮޑެތި މީހުނޭ. ތައުބާވީމަ ﷲ ރަހުމަތުން ފާފަ ފުއްސެވިޔަސް މީސަތަކުންގެ ހިތުގަ އަބަދާއި އަބަދަށް އެ ނަފްރަތު އޮންނާނެ. އެހެންވެ އެ ގޮތްތައް ނޫޅެން ބުނަނީ...
5 1

ސާބަސް ތޯއްޗެއް

6 އޭޕްރީލު 2024
ޢެހެންވީމާ ޤާނޫނު ހަދާ މަޖިލިހަށް ކަމާގުޅޭ ތަޢުލީމާއި އިލްމީ މީހުން ލާބަލަ.
22 0

ހިތަދޫ ހުސެން

6 އޭޕްރީލު 2024
ކިރިޔާ 18 ނުފުރޭ ކުއްޖަކާ ކައިވެނީގެ ވާހަކަ ދައްކައިފިއްޔާ ކަމަކުނުދޭ، އެކަމަކު ހަމަ އެ އުމުރުގެ ކުއްޖެއް ކުށަކަށް އަރައިފިއްޔާ އެމީހުން އެީ ބޮޑެތި މީހުން ކަމަށް ބަލަންޖެހޭ.. ޔޫ ކާންޓް ހޭވް ދަ ކޭކް އެންޑް އީޓް އިޓު ޓޫ؟
3 9

ޣަބިރި

6 އޭޕްރީލު 2024
@ހިތަދޫ ހުސެން ތީ އިންސާނެއްތަ ނޫނީ ސިކުޑިނެތް ޖަނަވާރެއްތަ؟
16 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް