ޖުވެނައިލް ކޯޓުގެ ބޭރު. (ފޮޓޯ/ ޖުވެނައިލް ކޯޓު)
ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަނީ
ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ނިންމައި، އެގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ހާމަކޮށްފި އެވެ.
އެނގުން މުހިއްމު - ޖިނާއީ އަދުލުގެ ގާނޫނު މިހާރު އޮތްގޮތުން ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރު ފުރިފައިވާ ނަމަ އެވެ.
ވީ ކިހިނެއް؟ - ގާނޫނީ ގޮތުން ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރު ކުޑަކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ ކުޑަކުއްޖަކަށް ގަނާ ކުރި ވީޑިއޯއެއް އާންމުވެ، އެ މައްސަލާގައި ފުލުހުންނާއި މިނިސްޓްރީތައް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ބުނީ ކީކޭ؟ - ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ބައްޓަންކޮށްފައި އޮތް ގޮތުން މުޖުތަމައުގައި ފެންމަތިވާ މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.
"މިވަގުތަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖަކީ، ކުށުގެ، ހާއްސަކޮށް ޖިނާއީ ކުށުގެ ޒިންމާ ކުއްޖަކު ނަގަން މިޖެހޭ އުމުރަށް މި [ޖިނާއީ އަދުލުގެ] ގާނޫނުގައި މި ބަޔާން ކުރަނީ 15 އަހަރު،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފުލުހުންގެ ރެކޯޑުތަކުން އަދި އަޅުގަނޑުމެންގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ރިކޯޑުތަކުން ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާއި ދެމެދުގެ އެތަކެއް ކުދިންނެއް މިފަދަ މާހައުލުގައި [ކުށުގެ ވެށީގައި] އެޓް-ރިސްކުގައި [ނުރައްކަލަށް ހުށަހެޅިފައި] އެބައުޅޭ."
އެގޮތުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި:
-
ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން މަރުކަޒު ކުރެވިގެން ރިހެބިލިޓޭޝަންގެ ފަރުވާ ދޭންޖެހޭ 200 އެއްހާ ކުދިން ވަނީ ފާހަގަކުރެވިފައި
-
އެކުދިންގެ ތެރޭގައި ވެސް ގިނައީ 12، 13، 14 އަހަރުގެ ކުދިން؛ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރަކަށް އެކުދިން ނުފެދޭ
"އެހެންވީމަ މިވަގުތު އަޅުގަނޑުމެންނަށް މިކުދިން ޖިނާއީ ކުށެއް ކުރި ކަމަށް ވިޔަސް އެކުދިން އެ ކުށަށްް ޒިންމާ ކުރުވޭ ގޮތަކަށް ނޫން ގާނޫނު ބައްޓަން ކުރެވިފައި މިއޮތީ. އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ މި އުމުރުފުރާ 12 އަހަރަށް ކުޑަކުރުން،" އިހުސާން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ރާއްޖޭގައި މިހާރު އޮތް ވަރަށް ވުރެ ކުޑަ އެވެ. އެގޮތުން:
-
އިނގިރޭސިވިލާތުގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރަކީ 10 އަހަރު
-
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި 11 އަހަރުން ފެށިގެން ޒިންމާ ނަގަންޖެހޭ
-
ދުނިޔޭގެ ގިނަ ގައުމުތަކުގައި 12، 13، ނުވަތަ 14 އަހަރަށް އެ އުމުރުފުރާ ވަނީ ތިރިކޮށްފައި
"އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި [ކުށުގެ ޒިންމާ ނަގަންޖެހޭ] އުމުރުފުރާ އަކީ މިހާރު 12 އަހަރު ކަމަށް،" އިހުސާން ވިދާޅުވި އެވެ.
އެހެންކަމުން، އެގޮތަށް ގާނޫނު އިސްލާހު ކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެންނަންޖެހޭ ކަމަށް ފެންނަ ބަދަލުތައް ދިރާސާކޮށް، ކަރުދާހެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުންހުރި - ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުމުގެ އިތުރުން ވެސް އަދުލުގެ ގާނޫނަށް ގެންނަން ސަރުކާރުން ނިންމާފައިވާ ބައެއް ބަދަލުތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން:
-
17 އަހަރުގައި ކުށްކުރާ ކުއްޖަކަށް 25 އަހަރުގައި ހުކުމް ކުރެވިގެންދާ އިރު ހުކުމް ކުރަނީ ކުޑަކުއްޖެއްގެ ގޮތުގައި ބަލައިގެން ކަމަށާއި އޭނާ ހުކުމް ތަންފީޒު ކުރަންޖެހެނީ ވެސް ކުޑަކުދިން ބަހައްޓާ ޖަލެއްގައި ކަމަށް ވިދާޅުވި؛ އެކަން ވެސް ސަރުކާރުން ބަދަލުކުރަން ބޭނުން
-
ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގައި ބިޑި ނޭޅުވޭތީ އެކަން ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވެސް ބުނެފައިވޭ
އެނގުން މުހިއްމު - ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ބައެއް ގައުމުތަކުގައި ރާއްޖެއަށް ވުރެ މާ ދަށް ނަމަވެސް، އުމުރުން ހަގު ކުދިން ޒިންމާ ނަގަންޖެހެނީ އާންމުގޮތެއްގައި ގަސްތުގައި މީހުން މެރުން ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގައި އެކަންޏެވެ.