19 މާޗް 2024 - އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/މަޖިލިސް)

ދިރާސީ އާ އަހަރު

ދިރާސީ އަހަރާ ގުޅިގެން މިނިސްޓަރު ދެއްކެވި ވާހަކަ އެމްޑީޕީ އިން ކުށްވެރިކޮށްފި

ދިރާސީ އަހަރަށް ބަދަލު ގެނައީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ނޫން ކަމަށާއި ކޭބްރިޖުގެ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކިޔެވުން ފުރިހަމަ ކުރަން ޖެހޭ ވަގުތު ކުޑަނުވާނެ ގޮތަށް ބަދަލު ގެނެސްފައިވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި

ސްކޫލުތަކުގެ ޓެސްޓު ނަގާ ދުވަސްތަކަށް ގެނައި ބަދަލާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައާ މެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެރެއަށް އޮންނަ އޮތުން ބަދަލުކޮށް ކޮވިޑުގެ ކުރިން ޒަމާނުއްސުރެ ރާއްޖޭގެ ދިރާސީ އަހަރު ފެށުން އޮންނަ ގޮތަށް ޖެނުއަރީއަށް ޖަައްސަން ދިރާސީ ކަލަންޑަރަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަށް ގެނައި ބަދަލާ އެކު ސްކޫލުތަކުގެ ޓެސްޓު ބާއްވާ ތާރީހުތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ފަސްމަންޒަރު- އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ޓެސްޓުތައް ކުރިއާލާ ތާވަލުކޮށްފައި އޮއްވާ ކުއްލިއަކަށް ބަދަލު ގެނެސް ދިރާސީ އަހަރު ކުރުކޮށްލީ ކީއްވެތޯ މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ، ދިރާސީ އަހަރު ފެށުމަށް ބަދަލު ގެންނަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މީގެ އިތުރުން ދިރާސީ އަހަރަށް ބަދަލު ގެނައީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ނޫން ކަމަށާއި ކޭބްރިޖުގެ އިމްތިހާނަށް ތައްޔާރުވާން ދަރިވަރުން ކިޔެވުން ފުރިހަމަ ކުރަން ޖެހޭ ވަގުތު ކުޑަނުވާނެ ގޮތަށް ބަދަލު ގެނެސްފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތަފްސީލް - ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެރެއިން ކުރީކޮޅަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާއިރު މިނިސްޓަރުގެ ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ އަވަސް އަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން  ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ތައުލީމީ ނިޒާމަށް ކުރަމުންދާ ކަމަށެވެ.

ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ހިންގުމާ ގުޅޭ ގޮތުން މިނިސްޓަރު އެދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީން ބުނީ ދަރިވަރުން ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހިކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކަމަށް ބުނެ ހުއްޓާލާފައިވާ ކަމަށެވެ. އަދި ދިރާސީ އަހަރު ކުުރުކޮށް ހަފްތާ ބަންދެއް، ރޭގަނޑެއް، ރަސްމީ ބަންދެއް ބެލުމެއް ނެތި މުދައްރިސުން އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުވަމުންދާ ކަމަށާއި އޭގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާ ކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަން ގައިމެވެ. އަދި އިތުރު ހަރަކާތްތައް ހުއްޓާލާފައި ވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެނަށް ވެސް އެނގެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހަށް ގެނައި ބަދަލުގެ ސަބަބުން ސްކޫލު ކުދިންގެ ޓެސްޓު ބާއްވާ ދުވަސްތަކަށް އެޑިއުކޭޝަނުން ގެނެސްފައިވާ ބަދަލު ވެސް ކުށްވެރިކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބަޔާނުގައި ބުނީ، ރޯދަ މަސް ނޫން ދުވަސްވަރެއްގައި އިންތިހާބު ބާއްވަން މިދިޔަ އަހަރުން ފެށިގެން އެމްޑީޕީން ވަކާލާތު ކުރަމުން ގޮސްފައިވާނެ ކަމަށާއި މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީ ވެސް އެވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ.

"މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއް ނުފެނެ އެވެ. މިހާތަނަށް ވެސް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުންނެވެ. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވެ އެވެ،" އެމްޑީޕީން ބުންޏެވެ.

އިންތިހާބު ބާއްވާ ތާރީހު، އެކެޑެމިކް ކަލަންޑަރުގައި ސްކޫލު ކުދިންގެ އިމްތިހާނު ބާއްވަން ނިންމާފައިވާ ތާރީހާ ދިމާވާތީ، އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިމްތިހާނުގެ ދުވަސްތަކަށް ބަދަލުގެނެސް ސްކޫލުތަކަށް ފޮނުވި ސާކިޔުލާއެއްގައި ބުނީ

  • މީގެ ކުރިން ދިރާސީ ކަލަންޑަރުގައި ވަނީ ގްރޭޑު 7 އިން 9ގެ ދަރިވަރުންގެ އިމްތިހާނު 16 އޭޕްރީލް އިން 27 އަށް ކަމަށް

  • ނަމަވެސް މަޖިލިސް އިންތިހާބު 21 އޭޕްރީލްގައި ބާއްވަން ނިންމުމުން މި މަހުގެ 27 އާއި އަންނަ މަހުގެ 25އާ ދެމެދު ރަސްމީ ދުވަސްތަކުގައި އިމްތިހާނުތައް ބާއްވަން އެދޭ ކަމަށް

އެ ބަދަލާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ބުނީ އެ ބަދަލުގެ އަސަރު ސްކޫލުތަކުގެ ޓެސްޓު ބާއްވާ ދުވަސްތަކަށް މާބޮޑަށް ނުކުރާނެ ކަމަށެވެ.

"21ގެ އިތުރަށް 22 ވަނަ ދުވަސް ވެސް ބަންދުވާނެ ކަމަށް ނިންމާފައި ވަނީ. އެހެންކަމުން މި ދެ ދުވަހުގެ ބަދަލުގައި ޓެސްޓު ދިނުމަށް އިތުރު ދުވަސްތަކެއް ހަމަޖެއްސީ،" އެ މިނިސްޓްރީގެ މީޑިއާ އޮފިސަރު އާއިޝަތު ނަޖާ މީގެ ކުރިން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް