ދިރާސީ އާ އަހަރު ފެށުނު ދުވަރު ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. (ދައުރު ފައިލް ފޮޓޯ)

ދިރާސީ އާ އަހަރު

ދިރާސީ އަހަރު ބަދަލުކުރީ ރައްޔިތުން އެގޮތަށް ބޭނުންވާތީ: މިނިސްޓަރު

މިނިސްޓަރު ވިދާޅުވި ގޮތުގައި %70 މީހުން ބޭނުންވަނީ ކުރިން ވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ދިރާސީ އަހަރު ބާއްވަން

ޒަމާނުއްސުރެ އޮތް ގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަމަޖެއްސުމާ އެކު ތައުލީމީ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ. މިނިސްޓަރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފް އެއްސެވީ ތައުލީމީ އަހަރަށް ގެންނަމުންދާ ބަދަލުތަކާ ބެހޭގޮތުންނެވެ.

މެމްބަރުގެ ސުވާލު - "ދިރާސީ އަހަރު ދުރާލާ ވަކި ގޮތަކަށް އަތުރާ ތާވަލުކޮށް، ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން މުޅި ނިޒާމު އެގޮތަށް ތަރުތީބުވެ ތަންޒީމުވެފައި އޮއްވާ، އަދި އިމްތިހާނުތައް މާ ކުރިޔާލާ ވަކިގޮތަކަށް ތާވަލުވެ އެއަށް ދަރިވަރުންނާ ބެލެނިވެރިންނާއި ޓީޗަރުންނާއި މުޅި ނިޒާމު ބައްޓަންވެފައި އޮއްވާ، ކުއްލިއަކަށް ކުރުގަޅުވާލާފައި މަދު ހަފްތާކޮޅެއްގެ ތެރޭ އެތައް ހާސް ދަރިވަރުންނާ ބެލެނިވެރިންނާ ދަރިވަރުންނަށް ކޮށްފާނެ އަސަރެއް، ވެދާނެ ގެއްލުމެއް، ނުކުމެދާނެ ނުރަނގަޅު ނަތީޖާއެއް ބަލާލުމެއް، ދިރާސާކުރުމެއް ނެތި، ކުއްލި ކުއްލިއަށް ތާރީހުތަކާއި ދިރާސީ ކަލަންޑަރާ ކުޅުއްވަނީ ކީއްވެގެންތޯ؟" ހަސަން ލަތީފް ސުވާލު ކުރެއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހުގެ ޖަލްސާއެއްގައި (ފައިލް ފޮޓޯ/ ރަައްޔިތުންގެ މަޖިލީސް)

މިނިސްޓަރުގެ ޖަވާބު - އެ ސުވާލަށް ޖަވާބު ދިނުމަށް ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށް ވިދާޅުވި ނަމަވެސް އިސްމާއިލް ޝަފީއު ވަނީ އެ ބަދަލު ގެނައި ސަބަބުތަކަށް ކުރުކޮށް އަލިއަޅުވާލައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ސަރުކާރުގެ އަހަރުގެ މެދަށް ސްކޫލް ޗުއްޓީ ދިމާވާ ގޮތަށް ގެނެވިފައި އޮތް ބަދަލުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ. އެކަން ނިންމާފައިވަނީ އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކުގެ މައްޗަށް ވެސް ބިނާކޮށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"... 30،000 ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް މިނިސްޓްރީގައި އޮތް. އޭގެ ތެރެއިން %69، ގާތްގަނޑަކަށް %70އާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގައި ވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން،" އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ މިއަދު މަޖިލީހުގައި ސުވާލުކުރުމުގެ ތެރެއިން. (ފޮޓޯ / މަޖިލިސް)

ރައްޔިތުން ވެސް، ޓީޗަރުން ވެސް، ދަރިވަރުން ވެސް އެދެނީ އެގޮތަށްކަން ފާހަގަކުރައްވާ އިސްމާއިލް ޝަފީއު ވިދާޅުވީ، އެ ބަދަލު ގެނައުމުގެ ފަހަތުގައި މައިގަނޑު ދެ ސަބަބެއް ވާ ކަމަށެވެ. އެއީ:

  • ރާއްޖޭގެ ބަޖެޓުގެ އަހަރާއި ތައުލީމީ އަހަރު އެލައިން ކުރުން ނުވަތަ އެއް ދުވަސްވަރަކާ ދިމާކުރުން؛ އެ ދެކަންތަކުގެ ދުވަސްވަރު ތަފާތުވެއްޖެ ނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެ

  • ކޮވިޑްގެ ސަބަބުން އެތައް ގްރޭޑްތަކަކުން އެތައް ހާސް ކުދިންނެއް ރާއްޖޭގައި ގްރެޖުއޭޓް ވަމުންދަނީ އެކުދިންނާ އެއް އުމުރެއްގެ ބައިނަލްއަގުވާމީ ދަރިވަރުންނަށް ވުރެ މާ ފަހުން؛ އެކުދިންނަށް ވަނީ ތައުލީމީ އަހަރުން ހަ މަސް ގެއްލިފައި

"އަޅުގަނޑުމެން މި ބަދަލު ގެނައުމުގައި ވަރަށް ބޮޑަށް އިސްކަމެއް ދިނިން ކެމްބްރިޖުގައި އެލޮކޭޓު ކޮށްފައި ހުރި ގައިޑަޑް ލާނިން އަވާޒްތައް [ގަޑިތައް] ވަޔަލޭޓް [ހަލާކޮށް ނުލުން] ނުކުރެވޭތޯ. އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރު ވެސް ކެމްބްރިޖަށް ވުރެ ވެސް އަޅުގަނޑުމެންގެ ގައިޑަޑް ލާނިން [ދަސް ކުރާ] އަވާޒްތައް މި ބަދަލާ އެކުގައި ވެސް މާ ގިނަ ވެގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މިހާތަނަށް ރޭވިފައި އޮތީ އެންމެ ރަނގަޅަކަށް ނޫން؛ މިހާރު އެކަން އޮތް ގޮތުން ޓީޗަރުން ވަރަށް ބޮޑަށް ލޮޑުކޮށްލާ، އަދި ހުސް ވަގުތެއް ނުލިބޭ

  • އެކަޑަމިކް ކަލަންޑަރަށް އައި ބަދަލާ އެކުގައި ވެސް ދަރިވަރުންނަށް ދޭންޖެހޭ ދުޅަހެޔޮ ކަމާއި ހަށިހެޔޮކަމާއި ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމާ އެކުގައި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ

އެނގުން މުހިއްމު - ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރަށް ބަދަލު ކުރުމަކީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެއާ އެކު، އެ ބަހުސް ފެށި ބައެއް މީހުންގެ ކަންބޮޑުވުން އަމާޒުވުމުން، ކެމްޕެއިން ތެރޭ އެ ވައުދު އިތުރަށް ތަފްސީލުކޮށްދެއްވައި ޗުއްޓީ ބަދަލު ކުރުމުގައި އެ މަނިކުފާނު ގެންގުޅުއްވާނެ ވިސްނުން ވެސް ރައީސް ހާމަކުރެއްވި އެވެ. އެގޮތުން:

  • ހަތަރު ހަފުތާ ހިމެނޭ ސްކޫލު ބަންދެއް، ޖޫން-ޖުލައި މަހުގައި ވެސް ދޭނެ

  • އެއާ އެކު، ޑިސެމްބަރު މަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭނެ؛ އާއްމު ގޮތެއްގައި ބޮޑު ޗުއްޓީގައި ހިމެނެނީ ދޮޅު މަސްދުވަސް

  • އަހަރު މެދުތެރެ އާއި ފަހުކޮޅު ވެސް ބޮޑު ޗުއްޓީއެއް ދީގެން، ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ރަނގަޅަށް ވަގުތު ލިބޭނެ ކަމަށް

  • އެގޮތަށް ނިންމެވީ، ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވޭ

ސަރުކާރުގެ ވިސްނުން ހުރީ ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި، ސެމިސްޓާތަކަށް ގެންނަ ކުދި ބަދަލުތަކަކުން، ދިރާސީ އާ އަހަރު ފަށާ ތާރީހު ޖެނުއަރީ އަށް ބަދަލުކުރާށެވެ.

އެ ބަދަލުތަކުގެ ދަށުން މިހާރު ދިރާސީ އަހަރު ކަނޑައަޅާފައިވާ ގޮތް:

  • 2023-2024ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމް - 7 ޖެނުއަރީ އިން 30 އޭޕްރިލްއަށް

  • 2024-2025ގެ ދިރާސީ އަހަރު - 26 މެއިން ފެށިގެން އަންނަ އަހަރުގެ 20 ފެބްރުއަރީއަށް

  • 2025ގެ ދިރާސީ އަހަރު - 9 މާޗުއިން ފެށިގެން އެ އަހަރުގެ 18 ޑިސެމްބަރަށް

އެހެންކަމުން 2025ގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނެ އެވެ. އަދި 2026 އިން ފެށިގެން، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ދިރާސީ އާ އަހަރު ފަށާނީ ޖެނުއަރީގަ އެވެ.

ފަސްމަންޒަރު - ބޮޑު ޗުއްޓީ މޭއި-ޖޫންއަށް ބަދަލުކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ވެފައި، ޑިސެމްބަރުގައި ޕީކް ސީޒަން އައުމުން ރިސޯޓު މުވައްޒަފުންނަށް ސްކޫލް ޗުއްޓީ އެދެވޭ ގޮތުގައި ބޭނުން ނުހިފުމެވެ.

މޫސުން ގޯސްވުން ވެސް އޭގެ ތެރޭ ހިމެނެ އެވެ. ނަމަވެސް، ޖޫން-ޖުލައި އަކީ ވެސް ރާއްޖެއަށް މޫސް ގޯސް ދުވަސްވަރެކެވެ.

ކޮމެންޓް (1)

ޙުސްދހޮގު

19 މާރިޗު 2024
ހުސްދޮގު. ގިނަ ރައްޔިތުން ބޭނުމެއްނުވޭ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް