ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދިރާސީ އާ އަހަރު

މި ޓާމް ނިމޭނީ 30 އޭޕްރިލްގައި، ދިރާސީ އާ އަހަރު ފަށާނީ މެއި 26 ގައި

މިއީ ކުރިން އޮތް ގޮތަށް ދިރާސީ އަހަރު ޖެނުއަރީގައި ފެށޭ ގޮތް ހަދަން ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރެއިން ބަދަލެއް

މިހާރު ހިނގަމުންދާ ޓާމްގެ ކިޔެވުން 30 އޭޕްރިލްގައި ނިމޭނެ ކަމަށާއި، އެއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ 26 މެއިގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ދިރާސީ އާ އަހަރު ފެށޭ ދުވަހާއި ބޮޑު ޗުއްޓީގެ ދުވަސްވަރު ވެސް ބަދަލުކުރަން އެޅުއްވި ފިޔަވަޅެކެވެ.

އެގޮތުން ސަރުކާރުގެ ވިސްނުން ހުރީ ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި، ސެމިސްޓާތަކަށް ގެންނަ ކުދި ބަދަލުތަކަކުން، ދިރާސީ އާ އަހަރު ފަށާ ތާރީހު ޖެނުއަރީ އަށް ބަދަލުކުރާށެވެ.

އެ ބަދަލުތަކުގެ ދަށުން:

  • 2023-2024ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމް - 7 ޖެނުއަރީ އިން 30 އޭޕްރިލްއަށް

  • 2024-2025ގެ ދިރާސީ އަހަރު - 26 މެއިން ފެށިގެން އަންނަ އަހަރުގެ 20 ފެބްރުއަރީއަށް

  • 2025ގެ ދިރާސީ އަހަރު - 9 މާޗުއިން ފެށިގެން އެ އަހަރުގެ 18 ޑިސެމްބަރަށް

އެހެންކަމުން 2025ގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނެ އެވެ. އަދި 2026 އިން ފެށިގެން، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ދިރާސީ އާ އަހަރު ފަށާނީ ޖެނުއަރީގަ އެވެ.

އެނގުން މުހިއްމު - އަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަދަން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ނިންމެވި ކަންތައްތަކުގެ މައުލޫމާތު ދޭން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ކުއްލިއަކަށް ދިރާސީ އަހަރު ބަދަލު ނުކޮށް، ސަރުކާރުގެ ވިސްނުން ހުރީ ތައުލީމީ ކަލަންޑަރަށް މަޑުމަޑުން ބަދަލު ގެނެސްގެން އެކަން ކުރުމަށް ކަމަށެވެ.

އެ ބަދަލުތަކާ އެކު، ދެ އަހަރު ތެރޭގައި ޖެނުއަރީއަށް އާ ތައުލީމީ އަހަރު ބަދަލުކުރަން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރަށް ބަދަލު ކުރުމަކީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެއާ އެކު، އެ ބަހުސް ފެށި ބައެއް މީހުންގެ ކަންބޮޑުވުން އަމާޒުވުމުން، ކެމްޕެއިން ތެރޭ އެ ވައުދު އިތުރަށް ތަފްސީލުކޮށްދެއްވައި ޗުއްޓީ ބަދަލު ކުރުމުގައި އެ މަނިކުފާނު ގެންގުޅުއްވާނެ ވިސްނުން ވެސް ރައީސް ހާމަކުރެއްވި އެވެ. އެގޮތުން:

  • ހަތަރު ހަފުތާ ހިމެނޭ ސްކޫލު ބަންދެއް، ޖޫން-ޖުލައި މަހުގައި ވެސް ދޭނެ

  • އެއާ އެކު، ޑިސެމްބަރު މަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭނެ؛ އާއްމު ގޮތެއްގައި ބޮޑު ޗުއްޓީގައި ހިމެނެނީ ދޮޅު މަސްދުވަސް

  • އަހަރު މެދުތެރެ އާއި ފަހުކޮޅު ވެސް ބޮޑު ޗުއްޓީއެއް ދީގެން، ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ރަނގަޅަށް ވަގުތު ލިބޭނެ ކަމަށް

  • އެގޮތަށް ނިންމެވީ، ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވޭ

ފަސްމަންޒަރު - ބޮޑު ޗުއްޓީ މޭއި-ޖޫންއަށް ބަދަލުކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ވެފައި، ޑިސެމްބަރުގައި ޕީކް ސީޒަން އައުމުން ރިސޯޓު މުވައްޒަފުންނަށް ސްކޫލް ޗުއްޓީ އެދެވޭ ގޮތުގައި ބޭނުން ނުހިފުމެވެ.

މޫސުން ގޯސްވުން ވެސް އޭގެ ތެރޭ ހިމެނެ އެވެ. ނަމަވެސް، ޖޫން-ޖުލައި އަކީ ވެސް ރާއްޖެއަށް މޫސް ގޯސް ދުވަސްވަރެކެވެ.

ކޮމެންޓް (1)

މޮހޮނު

8 ޖެނުއަރީ 2024
މީ ހަމަ މިނިސްޓަރެއްހެން ހީނުވޭ. ހީވަނީ މި ސޮރު ބޮލުގަ ކާއްޓަކުން ޖެހިފަ ގޮތެއް ވެފަ ހުރިހެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް