ދަރިވަރުންތަކެއް ރިޕޯޓް ފޯމް ހިފައިގެން: ކުރިއަށް އޮތީ އަވަހަށް ފިލާވަޅުތައް ކަވަރުކުރުމުގެ ދުވަސްތަކެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތައުލީމު

ދިރާސީ އަހަރު ބަދަލުކުރުން 'ސިޔާސީ ކުޅިވަރަކަށް'

ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަދަން މި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އަނެއްކާވެސް މި އޮތީ ޓާމްގެ ފިލާވަޅުތައް އަވަހަށް ކަވަރުކުރަން ޖެހިފައި

މުހިންމު ނުކުތާތައް

ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި މި ބަދަލާ އެކު ދަރިވަރުންނަށް އޮތް ގޮންޖެހުން ބޮޑު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންގެ ތަކުލީފު ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް

ބައެއް ބެލެނިވެރިން ދެކެނީ މިފަދަ ބަދަލުތަކުން ކުދިންގެ އުމުރުން އަހަރެއް ބޭކާރު ގޮތުގައި ގެއްލޭ ކަމަށް

ކުރިއަށް އޮތް 2025ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަމަޖެއްސުމާ އެކު، 2026އިން ފެށިގެން ކޮންމެ އަހަރެއްގެ ތައުލީމީ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. މިއީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އޮތީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދިމާވާ ގޮތަށެވެ. ތައުލީމީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު މިދިޔަ ސަރުކާރުން، 2021ގައި ބޮޑު ޗުއްޓީ ވަނީ އަހަރުގެ މެދުތެރެއަށް، ޖޫން/ ޖުލައިއާ ދިމާވާ ގޮތަށް ހަމަޖައްސާފަ އެވެ. އެއާ އެކު ތައުލީމީ އަހަރު ފެށުން އޮގަސްޓަށް ބަަދަލުކުރި އެވެ.

މިގޮތަށް ހަމަޖައްސަން ސަރުކާރަށް ވަގުތު ލިބުނީ ކޮވިޑް-19ގައި ސްކޫލުތައް ބަންދުކުރަން ޖެހުމުންނެވެ. އެއީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު އެ ވައުދުވެވަޑައިގަތީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޓޫރިޒަމްގެ އެންމެ ހައި ސީޒަންގެ ދުވަސްވަރާ ދިމާވާތީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ޗުއްޓީ ލިބެން ކުރިމަތިވާ އުނދަގުލަށް ހައްލެއް ހޯއްދެވުމަށެވެ. 

އެކަމަކު އެ ބަދަލު އާ ސަރުކާރުން މިވަނީ އަނެއްކާވެސް ކުރީގެ އުސޫލަށް ގެންދަން ނިންމައިފަ އެވެ. އެހެންކަމުން ބައެއް ބެލެނިވެރިންނަށް މިހާރު ހީވަނީ ސްކޫލްތަކުގެ ބޮޑު ބަންދު، ކޮންމެ ސަރުކާރަކުން 'ކުޅޭ ކުޅިވަރަކަށް' ބަދަލުވެދާނެހެންނެވެ. އެކަމަކު މިއީ މާ އަވަސް އަވަހަށް ބަދަލު ގެނެވޭ ވަރަށް ވުރެ މާ ސީރިއަސް، އުނދަގޫ ވެސް ބޮޑު ކަމެކެވެ. 

ތައުލީމީ އަހަރު ފެށޭ ގޮތަށް ގެންނަ ކޮންމެ ބަދަލަކާ އެކު އޭގެ ތަކުލީފު އެންމެ ބޮޑަށް އުފުލަން ޖެހެނީ ދަރިވަރުންނަށެވެ. އެ ކަންބޮޑުވުމުގައި މި ރިޕޯޓަށް ވާހަކަދެއްކި ބެލެނިވެރިޔަކު ބުނީ މީގެ ކުރިން އެ ބަދަލު ގެނައުމުން ވެސް ދަރިފުޅު ކިޔަވަން ޖެހެނީ އުމުރު މަތިކޮށް، އެކަމަކު ދަށް ގްރޭޑެއްގައި ކަމަށެވެ. 

"ސްކޫލު ނިމޭއިރު ދަރިފުޅުގެ އުމުރުން އެއް އަހަރު ބޭކާރުވެފައި އޮންނާނީ. މިހާރު އެކަމުގެ ސަބަބުން މާ ބޮޑު ތަފާތެއް ފާހަގަ ނުކުރެވުނަސް، މުސްތަގުބަލުގައި އެތަން ފެންނާނެ،" އޭނާ ބުންޏެވެ.

"އިތުރަށް ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނުކުންނަ އިރު ވެސް އުމުރުން އަހަރެއް ބާކީވެފައި އޮވެއްޖެއްޔާ އެވާނެ ތަކުލީފަކަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

ދަރިވަރަކު ރިޕޯޓް ފޯމަށް ގެއްލިފައި: މިހާރު ކުރިއަށްދާ ޓާމްގެ ކިޔެވުން ނިންމާލަނީ ކުރިން ކަނޑައެޅި ވަރަށް ވުރެ ދެ މަހެއްހާ ދުވަސް އަވަސްކޮށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެހެން ބެލެނިވެރިޔަކު ކިޔައިދިން ގޮތުގައި ކޮވިޑް-19ގެ ތެރޭގައި ދިރާސީ އަހަރު ދަންމާލާ، މިިދިޔަ ސަރުކާރުން ތައުލީމީ އަހަރު ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުމުން، 16 އަހަރުގައި ގްރޭޑު 10 ނިންމާލަން ޖެހޭ ދަރިފުޅުގެ އޯ ލެވެލް ހަދާ ނިމުނީ 17 އަހަރުގަ އެވެ. އަދި އޭ-ލެވެލްއަށް ކިޔަވަމުން އަންނަ އިރުމިހާރު 18 އަހަރު ވެއްޖެ އެވެ. މަތީ ތައުލީމް ހާސިލުކުރަން ބަލާއިރު އުމުރުން އެއް އަހަރު ބޭކާރުވެފައި އޮތުން އޭނާ ނެގީ، ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުން ދަރިފުޅަށް ލިބުނު ގެއްލުމެއްގެ ގޮތުގަ އެވެ. 

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބައެއްގެ ކަންބޮޑުވުން ހުރީ އެފަދަ ގޮތަކަށެވެ. 

"އަހަރެންގެ ދަރިފުޅުގެ އުމުރުން އަންނަ މޭ މަހު ވާނެ ނުވަ އަހަރު. އެކަމަކު އޭނާ އަދިވެސް އެ ހުރީ ގްރޭޑް 2ގައި. އޭނާއަކީ ރިޕީޓުވި ކުއްޖެއް ނޫން، އެކަން އެހެންވީ ކޮވިޑާ ގުޅިގެން ސަރުކާރުން ގެނައި ބަދަލާ އެކު،" ސޯޝަލް މީޑިއާގައި ލިޔަމުން ބެލެނިވެރިޔަކު ބުންޏެވެ.

"މިހާރު އަނެއްކާ މި ގެނައި ބަދަލާ އެކު ކުދިންނަށް ތަކުލީފަކަށް ވާނެ...ކުއްޖާއަށް ރަނގަޅުވާނީ އަހަރެމެން ސްކޫލު ދައުރު ނިންމިހެން އުމުރުން 16 އަހަރުގައި ސްކޫލު ދައުރު [އޯލެވެލް] ނިންމާލުން، އުމުރުން 17 އަހަރުގައި ނިމުމަށް ވުރެ." 

ބެލެނިވެރިން ރިޕޯޓް ފޯމް ބަލަނީ: އަނެއްކާވެސް މިހާރު މި އޮތީ ތައުލީމީ އަހަރު ބަދަލުވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަވަސް އަރުވާލައިގެން މަންހަޖު ކަވަރުކުރުމަކީ ނަފްސާނީ ބުރައެއް

ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ މި ބަދަލާ އެކު ކުރު މުއްދަތެއްގައި މަންހަޖު ކަވާކުރަން އަވަސް އަރުވާލަން ޖެހުމެވެ. އެކަމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން ވެސް އަސަރުކުރާ ކަމުގެ ކަންބޮޑުވުން ބެލެނިވެރިންގެ އެބަ އޮތެވެ.

ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުން، މި ޓާމްގެ ކިޔެވުން 30 އޭޕްރިލްގައި ނިމޭނެ އެވެ. ކުރިން އޮތް ގޮތުން ނަމަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫން ކުރީކޮޅު އެވެ. އާ އަހަރުގެ ފުރަތަމަ ޓާމް ފަށަން އޮތީ 31 ޖުލައި 2024ގަ އެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ، ގާތްގަނޑަކަށް ދެ މަސް އަވަސްކޮށް 26 މެއިގައި އާ އަހަރުގެ ކިޔެވުން ފަށާށެވެ. މި ހުންނަނީ ވަރަށް ބޮޑެތި މައްސަލަތަކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުން ހުރީ ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި، ސެމިސްޓާތަކަށް ގެންނަ ކުދި ބަދަލުތަކަކުން، ދިރާސީ އާ އަހަރު ފަށާ ތާރީހު ޖެނުއަރީއަށް ބަދަލުކުރާށެވެ. އެކަމަކު އެ ވިދާޅުވާ ގޮތަށް ކަންތައް ކުރިޔަސް، ދެ މަސް ދުވަހުގެ އަވަސް އަރުވާލުމަކީ ދަރިވަރުންނަށް ކުރިމަތިކުރުވާ ބުރައެކެވެ. އެ ބުރަ ބައެއް ކުދިންނަށް ވާނީ ނަފުސާނީ މައްސަލައަކަށެވެ.

ތައުލީމީ އަހަރަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ދަށުން:

  • 2024 - 2025ގެ ދިރާސީ އަހަރު - 26 މެއި 2024 އިން ފެށިގެން 20 ފެބްރުއަރީ 2025އަށް

  • 2025ގެ ދިރާސީ އަހަރު - 9 މާޗުން ފެށިގެން އެ އަހަރުގެ 18 ޑިސެމްބަރަށް

ތައުލީމީ އަހަރު 'ކުރު ގަޅުވާލައި' އަވަސްއަރުވާލައިގެން ނިންމާލަން ކުރާ މި މަސައްކަތުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަންހަޖު ކަވަރުކުރަން ދަރިވަރުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

"ކިޔަވައިދިނުމަކީ ސްޕީޑާ ގުޅިފައި އޮންނަ ކަމެއް. މިސާލަކަށް އަވަހަށް ފިލާވަޅުތައް ކަވަރުކުރަންޏާ ކުދިން އަވަހަށް ދަސް ވެސް ކުރަން ޖެހޭނެ،" ތަޖުރިބާކާރު ޓީޗަރަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"އެކަމަކު ހުރިހާ ކުދިންނަކީ އެހާ އަވަހަށް ދަސްވާ ކުދިންނެއް ނޫން. ބައެއް ކުދިންނަށް ބޭނުންވާނެ ވަގުތު. މިހާރު މިވާ ގޮތުން އެ ކުދިންނަކަށް އެ ވަގުތެއް ނުލިބޭނެ."

ގާތްގަނޑަކަށް ހަ މަސް ދުވަހުން ކަވަރުކުރަން ޖެހޭ ފިލާވަޅުތައް ދަސްކުރަން މިހާރު ދަރިވަރުންނަށް މި އޮތީ ހަތަރު މަސް ދުވަހެވެ. ދެން އެ ބުރަ އުފުލާފައި ޗުއްޓީއަށް ދާއިރު މި ލިބެނީ މަހެއްހާ ދުވަހެވެ. ބައެއް ބެލެނިވެރިންގެ ނަޒަރުގައި އެއީ ދަރިވަރުންނަށް ފްސާނީ ގޮތުން ލިބޭނެ ގެއްލުމެކެވެ.

"ބެލެނިވެރިންގެ ބަހެއް ނެތި، ބަދަލުވާ ކޮންމެ ސަރުކާރަކާ އެކު ދިރާސީ އަހަރު ބަދަލުކުރާ ކުރުން މިހާރު ވެއްޖެ ހުއްޓާލަން. މިކަން މިހާރު މިދަނީ ހައްދުން ނައްޓައިގެން. ކުދިންނަށް ވަރަށް ބޮޑު ތަނުން ގެއްލުންވާނެ އަނެއްކާ މިހެން ބަދަލުކުރީމަ. ވަރަށް ދެރަ!" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބެލެނިވެރިޔަކުކު ލިއުނެވެ.

"18 ޑިސެމްބަރު 2025ގައި ކިޔެވުން ނިންމާލާއިރު، ކުރިން އޮތް ގޮތަށް ޖެނުއަރީގައި ތައުލީމީ އަހަރު ފެށޭ ގޮތަށް، ތައުލީމީ އަހަރު އޮންނާނީ ތަރުތީބުވެ ނިމިފައި،" މި ސަރުކާރުން ގެންނަ ބަދަލުގެ ސަބަބުން ދަރިވަރުންގެ ތަކުލީފުތަކަށް އެހާ ހިސާބުން ނިމުން އަންނާނެކަން ފާހަގަކުރައްވާ މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

ފިލާވަޅުތައް ކަވަރުކުރަން އަވަސް އަރުވާލުމުން ދަރިވަރުން ކުރަން ޖެހޭ މަސައްކަތް ވެސް ބުރަވޭ --ފޮޓޯ| އިހަވަންދޫ ސްކޫލު

މިނިސްޓަރު ދެއްވަނީ ގޮންޖެހުމެއް ނެތްކަމުގެ ޔަގީންކަން

މި ބަދަލުތައް ގެންނަން ކުރާ މަސައްކަތުގައި، 2025ގެ ބޮޑު ބަންދު އަންނަ އިރު ދެ ގްރޭޑު އެއްކޮށްލައިގެން، ދެ އަހަރު ދުވަހުގެ ކިޔެވުން އެއް އަހަރުން ކިޔަވައިދީ ސިލަބަސްތައް ކަވަރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ފެތުރޭ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.

މިހާރު މި ހިނގާ ތައުލީމީ އަހަރުގެ ފުރަތަމަ ޓާމްގައި ކަނޑައަޅާފައި އޮތީ 90 ދުވަހެވެ. ދެވަނަ ޓާމްގެ މުއްދަތަކީ 108 ދުވަހެވެ. އެކަމަކު އެ ހުރިހާ ދުވަހަކު ކިޔަވައެއް ނުދެ އެވެ. ޓާމެއްގެ ތެރޭގައި ކިޔަވަން ދަރިވަރުން ސްކޫލުގައި ހޭދަކުރަން ޖެހެނީ ގާތްގަނޑަކަށް 80 ދުވަސް ކަމަށް ރެކޯޑުތަކާ ހަވާލާ ދެއްވައި ޝަފީއު ވިދާޅުވި އެވެ. 

މިހާރު ގެނައި ބަދަލާ އެކު؛

  •  މި އަހަރު ކިޔަވައިދޭން 180 ދުވަސް ލިބޭނެ

  • 2025ގައި ކިޔަވައިދޭން 183 ދުވަސް ލިބޭނެ

  • 2026އިން ފެށިގެން ކުރިއެކޭ އެއްގޮތަށް 200 ދުވަސް ލިބޭނެ

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ހަމަޖެއްސި ގޮތުން މިފަހަރު ދަރިވަރުންނަށް ގެއްލޭނީ ގާތްގަނޑަކަށް 8-9 ދުވަހެވެ. ނަމަވެސް ދަރިވަރުން އުފުލަން ޖެހޭ ތަކުލީފު ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަންހަޖު ކަވަރުކުރަން ގޮންޖެހުމެއް ކުރިމައްޗެއް ނުވާނެ އެވެ.

މުޅި މަންހަޖު ކަވަރުކުރަން ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ ދެ އަހަރު ތެރޭގައި ސްކޫލުތަކުން އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. ކުރީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފެންނަނީ ސްކޫލްތަކުން އަވަސްއަރުވާލުމުން ދަރިވަރުންނަށް އުފުލަން ޖެހުނު ބުރަ އެވެ. މި ހަގީގަތް ޝަފީއު ވެސް ގަބޫލުކުރައްވަ އެވެ.

"ކަރިކިއުލަމް ކަނޑައަޅާފައި މިވަނީ ކެމްބްރިޖުގެ މުގައްރިރު ހަމަ ދެ އަހަރުން ކަވާކުރާ ގޮތަށް. އެހެންވީމާ ތަންކޮޅެއް ސްޕީޑީކޮށް ނިންމާލާފައި ދެ މަސް ދުވަސް ނުވަތަ ތިން މަސް ދުވަހުގެ ރިވިޝަނަކަށް ދިއުން އެކަށީގެންވޭ،" އެ މަސައްކަތަށް ރަނގަޅު ވަގުތު ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ޝަފީއު ވިދާޅުވި އެވެ. 

އާ ބަދަލާ މެދު ހިތްހަމަޖެހޭ ބެލެނިވެރިން ވެސް އުޅެ އެވެ. ޑިސެމްބަރުގައި ބޮޑު ޗުއްޓީ ހޭދަކުރުމަކީ ރާއްޖޭގައި ޒަމާންވީ އާދައެއްކަމުން، އެ އާދައާ ދުރުވާން ބޭނުން ނޫން މީހުން ވެސް ފެނެ އެވެ. އެކަމަކު ޖުމްލަ ގޮތެއްގައި ބެލެނިވެރިންގެ އެދުމަކީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ތައުލީމީ އަހަރަށް ބަދަލު ނުގެނައުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ސަރުކާރުތަކުން 'ކުޅޭ ކުޅިވަރަކަށް' މިކަން ނުހެދުމެވެ. 

ކޮމެންޓް (3)

މޫސަލް ޒަމީރު

11 ޖެނުއަރީ 2024
އެމްޑީޕީ އިރު ބަދަލުކޮށްފަ އޮންނަ ކޮންމެ ކަމެއް އަލުން އަނބުރާ ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ މާ ބޮޑު ޚިދުމަތެއް ހެން ހީވާ ކަހަލައެވެ. ސަރުކާރުގެ ގިނަ ވުޒާރާ ތަކުން ކުރާ މަސައްކަތް ތަަކަށް ވެސް އެއްބާރުލުމެއް ނުދޭ. އެހެން މިނިސްޓަރީ ތަކުން އުޅެނީ ރައީސްގެ ހަފުތާ 14 ގެ ކަންކަން ފުރިހަމަކުރަން. މީނާ އުޅެނީ މީނާ ބޭނުންވާ ވަކި ކަންތައް ތަކެއް ވަކި ގޮތަކަށް ކުރާން. އަމިއްލަ އީގޯ ބޮޑުކަމުގެ ހައްދެއް ހުރި މީހެއް ނޫން. މީނާ ބަދަލުކުރަން ރައީސަށް ގޮވާލަން.
0 1

މޮޑަފް

11 ޖެނުއަރީ 2024
ކޮވިޑް ދިމާނުވިނަމަ އެސަރުކާރަކަށް އެކަމެއް ނުވީސް. ދެން ކުދިންގެ އުމުރުން 1އަހަރު ގެއްލުނޭ ބުނާއިރު ކޮވިޑަކީ އާލަމީ ވަބާއެއް. ގައުމުގެ ނިސްބަތުންނާ ދުނިޔޭގެ ނިސްބަތުންވެސް ގެއްލުނު ދެއަހަރު ދުވަސް.
2 1

މޮޑަފްް

11 ޖެނުއަރީ 2024
ޢޭރު އެހެން ބަދަލުކުރަން ޖެހުނީ ކޮވިޑްގެ ސަބަބުން އެއްއަހަރު ދުވަހުގެ ކިޔެވުން ގެއްލުމުން. އޮންލައިން ކޮށް ކިޔަވާދޭން އުޅުނަސް އެކަމެއް އެހާ ރަނގަޅަކަށް ނުވީ. ދެން 2020 ވަނަ އަހަރުގެ ސިލަބަސް ކަވަރެއްނުވި އެއަހަރަކު. އެހެންވެ 2021 ަ ވަނަ އަހަރުގެ ޖޫންއާ ހަމަޔަށް ދަންމާލީ. އެހެންވީމަ 6 މަސް ގެއްލުނީ. އަހަރެއް ނުގެއްލޭ. މިކަން ދިމ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް