ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް މިއަދު އައްޔަން ކުރެއްވި ނުޒުހާ: އޭނާ އައްޔަންނުކޮށް މަހެއްހާ ދުވަސް ހޭދަވި.

ރައީސް އޮފީސް

ރުހުން ދިންތާ މަހެއްހާ ދުވަސް ފަހުން ނުޒުހާ ބްރޯޑްކޮމްއަށް އައްޔަންކޮށް ގެއަށް ލިޔުން ފޮނުވައިފި

ރައީސް އޮފީހުން ބުނީ އެއީ ތަފާތު ކުރުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށް

ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިންތާ މަހެއްހާ ދުވަސް ފަހުން، އެ މަގާމަށް އޭނާ މިއަދު ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ނުޒުހާއަށް ރުހުން ދިނީ، މިދިޔަ މަހު 21ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ މަގާމަށް އޭނާ އައްޔަންކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ރައީސް އޮފީހާ މިކަމާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ބުނެފައި ވަނީ، އޭނާ މަގާމަށް އައްޔަން ކުރުން ލަސްވެފައި ވަނީ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުތަކާ ގުޅިގެން މާލެއިން ބޭރުގައި ގިނަ ދުވަހު ހުންނަވަން ޖެހުމުގެ ސަބަބުން ކަމަށެވެ.

ތަފްސީލު - އެނގިފައިވާ ގޮތުގައި ނުޒުހާ އެ މާގަމަށް އައްޔަން ކުރިކަމުގެ ލިޔުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ އޭނާއަށް ފޮނުވާފަ އެެވެ. 

"ލިޔުން ފޮނުވީ ގެއަށް. މަގާމު ހަވާލުކުރުމަށް ރައީސް އޮފީހަށް ގެންގޮސްފައެއް ނުވޭ،" މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ރައީސް ސޮއިކުރައްވާފައިވާ އެ ލިޔުމުގައި އޮތީ މިއަދުގެ ތާރީހެވެ.

އެނގުން މުހިއްމު - އާއްމު ގޮތެއްގައި މަޖިލީހުން ރުހުން ލިބިގެން އައްޔަން ކުރާ މަގާމުތަކަށް މަގާމުގެ ލިޔުން ދެނީ ރައީސް އޮފީހުގައި އެކަމަށްޓަކައި ބާއްވާ ހާއްސަ ބައްދަލުވުމެއްގައި ސީދާ ރައީސްގެ އަތްޕުޅުންނެވެ. 

ރައީސް އޮފީހުގެ ބަސް - އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، ނުޒުހާ މަގާމައަށް އައްޔަން ކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ.

"ތިކަން އަވަސްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެ އޮތީ އެ ބޭފުޅާ [ނުޒުހާ] އައްޔަން ކުރައްވާފައި. މިވަގުތަށް އެންމެ މުހިންމީ ލަސްވެގެން ދިޔުމުން، ވީހާވެސް އަވަހަކަށް އައްޔަން ކުރުން ކަމަށްވާތީވެ، އެކަން އެގޮތަށް ކުރެއްވީ،" ހަލީލު ވިދާޅުވި އެވެ.

ފަސްމަންޒަރު - ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ގައިސް ޑިސެމްބަރު 2022ގައި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަސް މީހުންގެ ނަންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. މަޖިލީހުން ނުޒުހާއަށް ރުހުން ދިނުމުގެ މައްސަލަ ނިމުނީ ވެސް އަހަރެއްހާ ދުވަސް ފަހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް