ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މަޖިލީހުން ރުހުން ދިން ނުޒުހާ

އަހަރެއްހާ ދުވަސް ފަހުން ބްރޯޑްކޮމްގެ މެންބަރުކަމަށް ނުޒުހާއަށް ރުހުން ދީފި

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނުޒުހާ އެ މަގަމަށް އައްޔަން ކުރަން ފާސްވީ 34 މެންބަރުންގެ ވޯޓާއެކު

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އެ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އާމިނަތު ނުޒުހާ އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ވެސް ހުންނެވި އަހުމަދު ގައިސް ޑިސެމްބަރު 2022ގައި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަސް މީހުންގެ ނަންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. 

ތަފްސީލު - އަހަރެއްހާ ދުވަސް ވަންދެން މި މައްސަލައިގައި ގޮތެއް ނުނިމި ލަސްވެފައި އޮތީ މި މަގާމަށް އައްޔަން ކުރި މީހުންގެ ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާ ކޮމިޓީގައި ވޯޓް އެހި ގޮތުގެ ސުވާލު އުފެދިފައިވުމުން އޭރު ރިޔާސަތުން އަނބުރާ އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުންނެވެ. އަދި މައްސަލަ ދިގުލައިގެން ގޮސް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އަލުން މިއަދުގެ ޖަލްސާއަށް ކޮމިޓީގެ ރިޕޯޓް އޮތީ ފޮނުވާފަ އެވެ.

ކޮމިޓީގެ ލިސްޓުގައ ރުހުން ދިނުމަށް އެންމެ ކުރީގައި އޮތީ ސޯލިހު ވެސް ލިސްޓު ތަރުތީބުކޮށްފައިވާ ގޮތަށް ލިސްޓުގެ އެންމެ ކުރީގައި އޮތް ނުޒުހާއަށް ރުހުން ދިނުމަށެވެ. އެހެންވެ، މިއަދުގެ ޖަލްސާގައި ވޯޓަށް ފުރަތަމަ އެހީ ވެސް ނުޒުހާއަށެވެ. އެއާކު ވޯޓުގައި ބައިވެރިވި 34 މެންބަރުން ނުޒުހާ އެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދިނެވެ. އެ ނަން ފާސްވީކަމަށް ބަލައި ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުން، ދެން ހުރި ނަންތަކަށް ވޯޓަކަށް ނާހަ އެވެ.

 ބްރޯޑްކޮމްއަށް ކުރިމަތިލި ފަސް ބޭފުޅުން (ރައީސް ސޯލިހް އިސްކަންދެއްވި ތަރުތީބުން):

  • 1-

    ނުޒުހާ

  • 2-

    ހުސައިން އަމްރު، ވ. ރޯޝަން

  • 3-

    ޝާން ސާލިޖް މުހައްމަދު، ދ. ކުޑަހުވަދޫ/ފިނިވާދީ

  • 4-

    މަރްޔަމް ނަރީމާ ޝަރީފް،  ގދ. ތިނަދޫ/މުޝްތަރީގެ (ތިނަދޫ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރެއްވި ކައުންސިލަރެއް)

  • 5-

    މަރްޔަމް މުނާ، ސ. ފޭދޫ/ބޯގަންވީލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް