ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 22 އޮގަސްޓު 2023ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

އެމްޑީޕީ

ޖާބިރު އަތުން އަތުލި އެމްޑީޕީ ޓިކެޓުގައި އެހެން މީހަކު ނެރުން ހުއްޓުވަން ވަގުތީ އަމުރެއް ނުދިން

ސިވިލް ކޯޓުގެ ނިންމުމުގައި ބުނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެ ކެންޑިޑޭޓުން ފައިނަލް ކޮށްފައިވާތީ އެ އަމުރު ނެެރެދެވެން ނެތް ކަމަށް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓެއް ކާމިޔާބުކުރައްވާފައި ވަނިކޮށް، އަހުލާގީ މައްސަލައެއްގައި އޭނާ ޕާޓީން ވަކިކޮށް، އަތުލި ޓިކެޓު އެހެން މީހަކަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. 

މައްސަލައިގެ ފެށުން - މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މިދިޔަ 3 ފެބްރުއަރީގައި ބޭއްވި ޕްރައިމަރީ 252 ވޯޓާ އެކު ކާމިޔާބު ކުރެއްވީ ޖާބިރެވެ.

އެކަމު އޭގެ ދެ ދުވަސް ފަހުން، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އޭނާ ޕާޓީން ވަކިކޮށް، މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވަން ފުރުސަތު ނުދޭން ނިންމާފަ އެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކުރީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރެއްވުމެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން ވަކިކުރި މައްސަލަ އެ ޕާޓީގެ އިސްތިއުނާފީ ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށް އެ ދާއިރާގެ ޓިކެޓު އަބްދުﷲ ނަސީރަށް ދިނުމުން ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެމްޑީޕީގެ މައްޗަށް ކޮށްފައިވާ އެ ދައުވާއާ އެކު، ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު އެހެން މީހަކަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ޖާބިރު އެދިވަޑައިގެންނެވި އެވެ.

އެ ހުށަހެޅުމުގައި އެދިފައިވަނީ:

  • ސިވިލް ކޯޓުގައި އޮތް ބަދަލު ހޯދުމުގެ މައްސަލަ ނިމެންދެން ޓިކެޓުގައި ޖާބިރު ފިޔަވައި އެހެން މީހަކު ނެރުން މަޑުޖައްސާލުމަށް އެމްޑީޕީ އާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް

ތަފްސީލް - ވަގުތީ އަމުރާ މެދު މިއަދު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އެފަދަ އަމުރެއް މިވަގުތަށް ނެރެދެވެން ނެތް ކަމަށެވެ.

ސަބަބެއް ކަމަށް އެ ނިންމުމުގައި ބުނެފައިވަނީ:

  • މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 13 މާޗުގައި ކަމަށްވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ހުށަހަޅަން އޮތް މުއްދަތު 14 ފެބްރުއަރީގެ ނިޔަލަށް ހަމަވެފައިވާތީ

  • ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑަސީގެ ކަންކަން އީސީން ފުރިހަމަކޮށްފައިވާތީ

  • އީސީއަކީ މި މައްސަލައިގެ ދައުވާ ރައްދުވާ ފަރާތެއް ކަމަށް ނުވާތީ

  • ޖާބިރުގެ ހުށަހެޅުމަކީ ވަގުތީ އަމުރަކަށް އެދި ހުށަހަޅާ ފޯމުުން ހުށަހަޅައި ވަގުތީ އަމުރު ނެރެދޭން އެދޭ މާއްދާއާ ހަވާލާދީ ހުށަހަޅާފައިވާ ހުށަހެޅުމަކަށް ވެސް ނުވާތީ

  • ޖާބިރަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ވެސް ވުމުން އެ މައްސަލާގައި އެދިފައިވާ އަމުރު ނުނެރުމަކުން ގެއްލޭނެ ހައްގެއް ނެތުމުން

އެނގުން މުހިއްމު - ޕާޓީން ވަކިކުރުމާ އެކު ޖާބިރު ވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް