އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ (ވ) އާއި އެ އޮތޯރިޓީގެ ބައެއް އޮފިޝަލުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި (ފޮޓޯ/މަޖިލިސް)

އިދިކޮޅު މެމްބަރުން ބޭނުންވީ ޒުލްފާ މައާފަށް އެދެން؛ ޒުލްފާ ވިދާޅުވީ އޭނާގެ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެ ކަމަށް

ޒުލްފާ ވިދާޅުވީ ކެނދިކުޅުދޫ ބަޔާން ބާތިލުކުރަން އެންގީ ގާނޫނާ އެއްގޮތަށް ކަމަށާއި ކައުންސިލުން ނެރުނީ ސައްހަ ބަޔާނެއް ނޫން ކަމަށް

ނ. ކެނދިިކުޅުދޫ ކައުންސިލުން ސަރުކާރާ ދެކޮޅަށް ނެރުނު ނޫސް ބަޔާން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމާ ގުޅިގެން، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. މަރިޔަމް ޒުލްފާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފި އެވެ. 

މައްސަލައިގެ ފެށުން - ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ ރައީސް މުހައްމަދު މުއިއްޒު ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި ރަަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި:

  • ރައީސް މުހައްމަދު މުއިއްޒު މިިދިޔަ 29 ފެބްރުއަރީގައި ކެނދިކުޅުދުއަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދަން ވަނީ ވާހަކަފުޅު ދައްކަވާފައި

  • އެއީ ސިޔާސީ ހަރަކާތެއްގެ ގޮތަށް ސިފަކޮށް ކައުންސިލުން ބުނިގޮތުގައި، ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވީ އެތަނުގެ ރަސްމީ ބައްދަލުވުމެއްގައި. އެހެންވެ، ކައުންސިލުން އެކަން ކުށްވެރިކުރި.

ކައުންސިލުން އެ ބަޔާން ނެރުނުތާ 15 މިނިޓްގެ ތެރޭގައި، އެލްޖީއޭއިން ވަނީ ބަޔާން ބާތިލު ކުރުމަށް އަންގައިފަ އެވެ. ނަމަވެސް ކެނދިކުޅުދޫ ކައުންސިލަރުން ވަނީ، އެލްޖީއޭގެ ނިންމުމާ މެދު ހިތްހަމަނުޖެހި، އަނގަމަތީ ޓޭޕް އަޅައިގެން އިހުތިޖާޖު ކޮށްފަ އެވެ.

ކެނދިކުޅުދޫ ކައުންސިލަރުން އަނގަމަތީ ޓޭޕް އަޅައިގެން ތިބެ އިހުތިޖާޖު ކުރަނީ

ވީ ކިހިނެއް؟ - ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޒުލްފާ ހާޒިރުކުރީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު އީސާ އެ ކޮމިޓީއަށް ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅިގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ:

  • ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނީ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސިޔާސީ މަގުސަދެއް ހާސިލުކުރެއްވުމަށް ރައީސް ވާހަކަފުޅު ދައްކަވައި ކެމްޕޭން ކުރެއްވުމުން 

  • ކައުންސިލުގެ ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގީ އެކަމާ ގުޅިގެން ކަންވީގޮތް ސާފުކުރަން ކައުންސިލާ އެއްވެސް ވާހަކައެއް ނުދައްކާ އަވަސް އަރުވާލައިގެން 

  • އެލްޖީއޭ އިން އެކަމުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އެލްޖީއޭގެ ސީއީއޯގެ މަގާމުން ޒުލްފާ ވަކިކުރަން އީސަ އެދިވަޑައިގެންނެވި

  • ގާނޫނުގެ ތެރެއިން މަޖިލީހަށް އެލްޖީއޭގެ ސީއީއޯ ވަކިކުރެވެން ނެތް ނަމަ ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް އެކަން ކުރެވޭ ގޮތް ހަދަން ހުށަހެޅުއްވި

ތަފްސީލް - ދެ ގަޑިއިރަށް ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ޒުލްފާ އާއި ކޮމިޓީގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް ހިނގި އެވެ. ކޮމިޓީގެ ބައެއް މެމްބަރުން ތުުހުމަތުކުރެއްވީ އެލްޖީއޭ އިން އެންގީ ސަރުކާރުން އަންގައިގެން ނެރުނު ސިޔާސީ އެންގުމެއް ކަމަށެވެ.

އެ މެމްބަރުން ބޭނުންވީ، އެލްޖީއޭ އިން އެ މައްސަލާގައި ކަން ކޮށްފައިވާ ގޮތް ގޯސްކަމަށް ގަބޫލުކޮށް، ބަޔާން ބާތިލުކުރަން އެންގި އެންގުން އަނބުރާ ގެންދިޔުމަށެވެ. އަދި ކެނދިކުޅުދޫ ކައުންސިލުގެ ކިބައިން އެލްޖީއޭ އިން މައާފަށް އެދުމަށެވެ.

ނަމަވެސް، ޒުލްފާ ވިދާޅުވީ އެކަން ކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކުން އޭނާއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށެވެ.

މެމްބަރުންގެ ވާހަކަތަކާ ދެކޮޅު ހައްދަވައި މި ބައްދަލުވުމުގައި ޒުލްފާ އިތުރަށް ވިދާޅުވިގޮތުގައި:

  • ބައެއް ކައުންސިލްތަކުން ސިއްސައިގެންދާ ފަދަ ނިންމުންތައް ވެސް ނިންމާފައި ހުރޭ

  • ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރާ ކައުންސިލުތައް ވަރަށް ގިނަ

  • އެލްޖީއޭގެ މަސައްކަތަކީ އެފަދަ ކައުންސިލުތަކުން ކުރާ އެފަދަ ކަންކަން ބަލައި ޖަވާބުދާރީ ކުރުވުން

  • ކައުންސިލްތަކުން ނޫސް ބަޔާންތައް ނެރެން ޖެހެނީ ކައުންސިލް ބައްދަލުވުމެއްގައި މަޝްވަރާކޮށް ނިންމާ ނިންމުމަކުން ކަމަށްވާއިރު ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ނެރުނީ އެކަން އެގޮތަށް ނުކޮށް

  • ކައުންސިލް ބައްދަލުވުމަކުން ނިންމާފައިވާކަން އެނގޭނެ މެމްބަރުންގެ ސޮއެއް އަދި ތައްގަނޑެއް ވެސް ބަޔާނުގައި ނެތުމުން ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ

"އަޅުގަނޑު ވަރަށް އުފާކޮށްފިން، އަޅުގަނޑުގެ އިދާރާ ހިންގާނެ ގޮތުގެ އިރުޝާދު ތިޔަ ބޭފުޅުން ތިޔަ ދެއްވަނީ ދެއްތޯ؟ ނަމަވެސް މިވަގުތު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސީއީއޯއަކީ ޑރ. މަރިޔަމް ޒުލްފާ. އެހެންވީމަ ޑރ. މަރިޔަމް ޒުލްފާއަށް މާތްﷲ ސުބުހާނަހޫ ވަތައާލާ ދެއްވި ސިކުނޑީގެ ބޭނުންކޮށްގެން [އެންގުން އެންގީ]، އިމުން ބޭރަކުން ނޫނޭ،" ޒުލްފާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އޮފީސް ހިންގާނެ ގޮތް އެނގޭނީ އަޅުގަނޑު ގާނޫނީ ތަރަހައިގެ ތެރެއިން އަޅުގަނޑު ދެއްތޯ ނިންމާނީ އެ ގޮތް،" މައާފަށް އެދުމާ މެދު މެމްބަރުން ކުރި ސުވާލެއްގެ ޖަވާބުގައި ޒުލްފާ ވިދާޅުވި އެވެ.

ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ މެމްބަރުން

މައާފަށް އެދުމާ މެދު ޒުލްފާގެ ހިޔާލު ތަފާތުވި ނަމަވެސް، އެލްޖީއޭގެ ގާނޫނީ ޓީމުން އެ ބައްދަލުވުމުގައި ބުނީ، އެ މައްސަލާގައި ބަންޑާރަ ނައިބު ދެއްވާފައިވާ ލަފާ ދިރާސާކޮށް، އެލްޖީއޭ އިން އިތުރަށް ފިޔަވަޅެއް އަޅަންޖެހޭ ނަމަ ނުވަތަ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ބަލައި ދިރާސާ ކުރާނެ ކަމަށެވެ. އަދި އެ މައްސަލާގައި އިތުރު ގޮތެއް ނިންމާނީ އެއަށް ފަހު ކަމަށް އެ ޓީމުން ބުންޏެވެ.

ކެނދިކުޅުދޫ ކައުންސިލަށް އެންގި އެންގުން ތައްޔާރުކުރި ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ މުއުމިން ވިދާޅުވީ:

  • އެ އެންގުން ފޮނުވުމުގައި އަމަލުކޮށްފައިވާނީ މީގެ ކުރިން ވެސް އެފަދަ ކަންކަމާ ގުޅިގެން އެލްޖީއޭ އިން އަމަލުކުރާ ގޮތުގެ މަތިން ގާނޫނުތަކުގެ މާއްދާތަކާ ހަވާލާދީ

  • ވަކި ގޮތަކަށް އެންގުމެއް އަންގަން ރައީސް އޮފީހުން އަންގާފައެއް ނުވޭ

  • މިދިޔަ ސަރުކާރުގައި ވެސް، ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާއި މަޖިލީހުގެ ނިންމުންތަކާ ދެކޮޅަށް ނެރޭ އެފަދަ ނޫސް ބަޔާންތަކާ ގުޅިގެން ބަޔާން ބާތިލުކުރުމުގެ އެންގުންތައް އަންގާފައިވާނެ

"2022 އަދި 2023ގައި، މި އަހަރުތަކުގައި އަޅުގަނޑުމެން ހުންނާނެ ވަރަށް ގިނަ ކައުންސިލުތަކުން ނެރުނު ނޫސް ބަޔާންތަކަށް މި ދެންނެވި ފޯމެޓުގައި ހަމަ މި އިބާރާތްތައް ބޭނުންކޮށްގެން، ނޫސް ބަޔާންތައް ބާތިލުކުރުމަށާއި އަދި އެގޮތަށް ނުނެރެވޭނެ ކަަމަށް ކައުންސިލުތަކަށް ދަންނަވާފައި،" މުއުމިން ވިދާޅުވި އެވެ.

މައްސަލަ ޖެހިގެން އުޅެނީ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ވަޑައިގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރެއްވުމުން ކަމަށް ސަރުކާރާ ދެކޮޅު މެމްބަރުން ކޮމިޓީގައި ތަކުރާރުކޮށް ފާހަގަކުރައްވާތީ، ތޮއްޑޫ ދާއިރާގެ ޕީއެންސީ މެމްބަރު ހަސަން ޝިޔާން އެކަމާ ދެކޮޅަށް ވާހަކަދެއްކެވި އެވެ.

ސަރުކާރު ބަދަލުވުމާ އެކު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި ޝިޔާން ވިދާޅުވީ، މިދިޔަ ފަސް އަހަރުގައި ވެސް ރައީސް ރަސްމީ ދަތުުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަންނަވަނީ އިންތިހާބުތަކާ ދިމާކޮށް ކަމަށާއި އެގޮތަށް ވަޑައިގެން ރައީސް ދައްކަވާ ވާހަކަފުޅުތަކުގައި ސިޔާސީ ވާހަކަތައް ދައްކަވާ ކަމަށެވެ. 

ރައީސް އާއި ސަރުކާރުގެ ވަޒީރުންނަކީ ވެސް ސިޔާސީ މީހުންނަށްވާއިރު، ރަށްރަށަށް ވަޑައިގެން ދައްކަވާނީ ސިޔާސީ ވާހަކަ ކަމަށާއި އެއީ މިއަދު އެކަނި ހިނގާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އެފަހަރުތަކުގައި ކެނދިކުޅުދޫ ކައުންސިލުން އެފަދަ ބަޔާނެއް ނުނެރުނީ ކީއްވެތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ކެނދިކުޅުދޫ ކައުންސިލުގެ މެޖޯރަޓީއަކީ އެމްޑީޕީ ކަމުން، އެމްޑީޕީން ގުޅާފައި ބުނީމައި އެފަދަ ބަޔާންތައް ނެރޭނެ ކަމަށް ތުހުމަތުކުރައްވައި، ކެނދިކުޅުދޫން މިފަހުން ނެރުނު ބަޔާނަކީ ވެސް ސިޔާސީ ބަޔާނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

29 އެޕްރީލް 2024: ރައީސް މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކެނދިކުދުޅޫ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ - މިއަދުގެ ބައްދަލުވުމުގައި ދެ ގަޑިއިރު ވަންދެން ވަރަށް ހޫނު ޒުވާބުތަކެއް މެމްބަރުންނާއި އެލްޖީއޭއާ ދެމެދު ހިނގުމަށް ފަހު ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

އެ މައްސަލާގައި ކޮމިޓީން ނިންމާ ނިންމުމެއް ދެން އޮންނަ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށް ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް