ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ޕީއެންއެފް)

ޔާމީން މަޖިލިސް ކެމްޕެއިންނަށް ނުކުމެއްޖެ؛ 'މައްސަލަ ބަލަނީ'

ޔާމީން އަންނަނީ ޕީއެންއެފްގެ އޮފީހުގައި ބާއްވާ ޖަގަހަ ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުން

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ބައިވެރިވެވަޑައިގެންނެވި މައްސަލަ، ކަރެކްޝަންސްއިން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޔާމީން ރޭ ބައިވެރިވެވަޑައިގެންފައި ވަނީ ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާފްލެޓް ސަރަހައްދުގައި އޮތް ކެމްޕެއިން ހަރަކާތެއްގަ އެވެ. އެއީ އެމަނިކުފާނުގެ ތާއީދާ އެކު ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާއްވާ ކެންޑިޑޭޓު އަހްމަދު ލަތީފްގެ ޖަގަހަ ހުޅުވުމުގެ ބައްދަލުވުމުކާ އެކު އެތަނުގައި ބޭއްވި މާހެފުމެެކެވެ. މިއީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި ޔާމީން މިގޮތަށް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ތަފްސީލު - ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަމިނަތު ޔުސްރީން މިއަދު 'ދައުރު'އަށް ވިދާޅުވީ، ރޭ ޔާމީން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އެ ސާވިސްއިން ބަލަމުން އަންނަ ކަމަށެވެ.

އެކަމަކު އޭގެ އިތުރު ތަފްސީލެއް ޔުސްރީން ނުދެއްވަ އެވެ.

ރޭގެ ޖަލްސާގައި ބައެއް ބޭފުޅުން ވާހަކަދެއްކެވި ނަމަވެސް، ޔާމީން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އެ ޖަލްސާ ހުށަހެޅި މީހާ ބުނީ އެމަނިކުފާނު ޕޯޑިއަމްގައި ވާހަކަ ނުދައްކަވަނީ އެ ހުއްދަ ނެތުމުން ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް -  ޕީއެންފްގެ ޖަގަހައިގައި ބާއްވަމުން ގެންދާ ސިލްސިލާ ޖަގަހަ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޕޯޑިއަމްގެ ކުރިމަތީގައި ޔާމީން ވާހަކަ ނުދެއްކެވި ނަމަވެސް، އޯޑިއަންސްގައި އިންނަވައިގެން، ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބޭނުމުގައި ވާހަކަ ދައްކަވައި، ބޭނުންފުޅުވާ މެސެޖް ދެއްވަ އެވެ.

ޖަގަހަ ޖަލްސާތަކުގައި އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތުމުން އޭރުވެސް ކަރެކްޝަންސްއިން ވަނީ އެކަން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ވެސް ތަކުރާރުކޮށް ޔާމީން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ޖަލުގައި ހުންނަވަނިކޮށް ޔާމީން ގެއަށް ބަދަލުކުރެއްވީ ރިޔާސީ އިންތިހާބަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 1 އޮކްޓޯބަރު 2023ގަ އެވެ. އެކަމަކު ގެއަށް ބަދަލުކުރީ ޝަރުތުތަކަކާ އެކުގަ އެވެ. އެއީ؛

  •  ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވުމާއި މީޑިއާއާ ވާހަކަ ނުދެއްކުން

  • ކަސްރަތު ކުރެއްވުމަށް ބޭރަށް ނުކުމެ އުޅުއްވަން ލުއިތަކެއް ދިން

ޔާމީންގެ މައްޗަށް އިއްވި ހުކުމް އޮތީ، ހައި ކޯޓުގައި އިސްތިއުފާނުކޮށްފަ އެވެ. އެ ޝަރީއަތް މިހާރު ހުކުމަކާ ހަމައަށް ގޮސްފައިވާއިރު، އަދިވެސް ހުކުމް އިއްވުން ލަސްވާތީވެ އެމަނިކުފާނުގެ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް