ޕީޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ(ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)

ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ހުއްދައަށް ޔާމީން އެދުމުން ނުދޭން ނިންމައިފި

ބަންދަށް އިތުރު ލުއިތަކެއް ދިނުމަށް އެދުމުން އެކަން ނުކުރެވޭނެ ކަމަށް ކަރެކްޝަންސް އިން އަންގާފައި ވަނީ މީގެ ދެ ހަފްތާ ކުރިން

ގޭބަންދުގައި ހުންނަވައިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭބަންދަށް ލުއިތަކެއް ދިނުމަށް އެ މަނިކުފާނުގެ ފަރާތުން އެދުމުން، އެ ލުއިތައް ދެވެން ނެތްކަން ކަރެކްޝަންސް އިން އަންގައިފި އެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޔާމީންގެ ފަރާތުން އެދުނީ، ސިޔާސީ ކަންކަމުުގައި ބައިވެރިވުމުގެ ހުއްދަ އަށެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، އެ މަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ނަތީޖާއަށް ފަހު، މިދިޔަ 1 އޮކްޓޯބަރުގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެ ނިންމުން ނިންމުމަށް ފަހު، ގޭބަންދަށް ލުއިތަކެއް ވެސް ދިނެވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދުރާލާ ހުއްދަ ނުހޯދާ ވެސް ބައެއް ބަދައްލުވުންތަކުގައި ބައިވެރިވެވަޑައިގަތުން

  • ކަސްރަތު ކުރެއްވުމަށް ބޭރަށް ނުކުމެވަޑައިގެންނެވޭ ގޮތަށް ހެދުން

އޭގެ އިތުރުން އެއްވެސް ލުޔެއް، ޔާމީންގެ ތާއީދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދީފައި ނުވާތީ، ޕީޕީއެމް އިން ވަކިވެވަޑައިގެން ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މި މަހުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ތަފްސީލު - މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ތަރުޖަމާނު އާމިނަތު ޔުސްރީން އަހުމަދުއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިހާރު ދީފައިވާ ލުއިތަކަށް ވުރެ އިތުރު ލުއިތަކެއް ދިނުމަށް ޔާމީންގެ ފަރާތުން އެދުނު ކަމަށެވެ.

"ނަމަވެސް، ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރުމުން ލުއި ނުދެވޭނެ ކަމަށް ވަނީ އަންގާފައި،" ޔުސްރީން ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން އެގޮތަށް އެދުނީ ކޮންއިރަކުތޯ އާއި އެދުނު ލުއިތަކަކީ ކޮބައިތޯ އެހުމުން ޔުސްރީން ވިދާޅުވީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ރިޔާާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް ފަހު ޔާމީން މާލެ ގެނައުމުން: އެ ފަހުން އެ މަނިކުފާނު ހުންނެވީ، ގޭބަންދެއްގައި. (ދައުރު ފޮޓޯ/އިފާޒު)

ނަމަވެސް، މިކަމުގެ މައުލޫމާތު އެނގޭ، މިކަމާ ގުޅުން އޮންނަ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އިތުރު ލުއިތަކެއް ނުދެވޭނެ ކަމަށް ޔާމީންއަށް އަންގާފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ ގޮތަށް އެންގީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ޔާމީން އެދިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިދީންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދައެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ޔާމީންއަށް ދީފައިވާ ލުއިތަކުގައި ގޭބަންދުގައި ހުންނަވާއިރު، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަތުމަށާއި މީޑިއާތަކާ ވާހަކަ ނުދެއްކެވުމަށް ޝަރުތުކޮށްފައިވެ އެވެ. އެ ޝަރުތުތަކަކާ ހިލާފުވެވަޑައިގެންނެވުމުން ދެ ފަހަރެއްގެ މަތިން އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރު ވެރިކަމަށް އައީ، ޔާމީން މިނިވަން ކުރުމުގެ ވައުދާ އެކު އެވެ. އެކަން ކުރާނެ ގޮތަކީ ކޮބައިތޯ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުވާލުކުރުމުން، 'ދައުރު'ން އޭރު ގެނެސްދިން 'ރިޔާސީ ވާހަކަ'އަށް ދެއްވި އިންޓަވިއުގައި އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، މިހާރުގެ ރައީސް މުއިއްޒު ވިދާޅުވީ، އެކަން ކުރައްވާނީ ޝަރުއީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒު ނައްތާލައިގެން ކަމަށެވެ. އެ ނުފޫޒު ނުފޯރުވުމުން ޔާމީން މިނިވަން ވާނެ ކަމަށް އޭރު ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ.

ކޮމެންޓް (2)

އަޒާ

20 ޑިސެމްބަރު 2023
ބަލަގަ ޖާމީނު އެދުނެއް ނޫންތޯ ، ރިޔާސީ އިންތިޚާބުގައި ވެސް ބައިވެރިވާން. އަދި ރައީސްކަން ތިމަންނާ އަށް ދޭންވެސް އެދުނެއް ނޫންތޯ. ޔާމީނެއް ކަމަކު އެދޭހާ ކަމެއް ކޮށްދޭނީ ވެސް ކިހިނަކުންހެއްޔެވެ. ޔާމީން އެއްވެސް ސިޔާސީ ކަމެއްގައި ދެން ބައިވެރިވާނެ ކަމެއް ނެތް. ރިތިކޮށް ގޭަގައި ހުންނަންވީ ތިޔަ އެއްކުރިހާ ފައިސާތަކުން އެންޖޮއިކޮށްގެން. ޔާންޓޭ ގަބޫލުކުރިޔަސް ނުކުރިޔަސް ޔާންޓޭގެ ސިޔާސީ ހަޔާތް ފިނިސް.
1 0

ބޓނ އަދުރޭ

19 ޑިސެމްބަރު 2023
ހަރާމް ހުކުމް ، އަދުރޭ ނިކަން މިހާރުބުނެބަލަ ސައީދު ، މުންދު ކޮބައިތޯ ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް