ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވުމަށް ފަހު، ފޯމު ހަވާލުކުރައްވަނީ. (ދައުރު ފޮޓޯ)

ޔާމީން އަނެއްކާވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުން މައްސަލަ ބަލަނީ

ޕީއެންއެފްގެ އޮފީސް ގާއިމްކުރުމާ އެކު، މިދިޔަ މަހުގެ 26ގައި އެ އޮފީހަށް ވަޑައިގެން، މެމްބަރުން ހަމަކުރުމުގެ މަސައްކަތުގައި ޔާމީން ބައިވެރިވެވަޑައިގަތް މައްސަލަ ވެސް ބަލަމުންް އެބަދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނު އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފުރަންޓް (ޕީއެންއެފް)އަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި މައްްސަލަ ބަލަމުން އަންނަ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިހާރު ގޭގައި ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަރަކާތެއްގަ އެވެ.

ޔާމީން ސޮއިކުރެއްވުމަށް ފަހު، އެ ހަރަކާތުގެ ދެން އޮތް ބައި ކުރިއަށް ގެންދިޔައީ މީޑިއާތަކަށް ސިއްރުންނެވެ. ނަމަވެސް، އެ ބައިގެ ބައެއް ފޮޓޯތަކުން، ޔާމީން ސަޕޯޓަރުންނާ މުހާތަބުކުރައްވާ ތަން ފެނެ އެވެ.

ތަފްސީލް - މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ކަރެކްޝަންސްގެ ތަރުޖަމާނު ފާތުމަތު ޔުސްރީން ވިދާޅުވީ ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވި މައްސަލަ ނުބަލާ ކަމަށާއި، ނަމަވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"ސިޔާސީ ޕާޓީއަކަށް ސޮއިކުރުން މަނަލެއް ނޫން. ނަމަވެސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އަޅުގަނޑުމެން މި ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ޔާމީން އޭރު ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމް-ޕީއެންސީއަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީއަށް ފަހު މިދިޔަ 1 އޮކްޓޯބަރުގައި ގޭބަންދަށް ބަދަލުކޮށްފައި ހުންނަވަނިކޮށް، ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވައި ހައްދަވަން ފެއްޓެވުމުން، މިދިޔަ މަހުގެ 1 ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ އެއީ ގޭބަންދަށް ދިން ލުއިތަކުގެ އިގުރާރާ ހިލާފު އަމަލެއްކަން އަންގައި، އެކަން ތަކުރާރު ކުރައްވާ ނަމަ، ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އޭގެ ފަހުން ޔާމީން ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވި ނަމަވެސް، މިދިޔަ މަހުގެ 23ގައި ޕީޕީއެމުން ވަކިވެވަޑައިގެން އަލަށް އުފައްދަވާ ޕީއެންއެފްގެ އޮފީސް ގާއިމްކުރުމާ އެކު، މިދިޔަ މަހުގެ 26ގައި އެ އޮފީހަށް ވަޑައިގެން، މެމްބަރުން ހަމަކުރުމުގެ މަސައްކަތުގައި ޔާމީން ބައިވެރިވެވަޑައިގަތެވެ.

އެކަމާ ވިދިގެން، އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ކަރެކްޝަންސް އިން އޭރު ބުނެފައިވެ އެވެ. ނަމަވެސް، އެ ތަހުގީގު އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - އާ ޕާޓީ ރަޖިސްޓްރީ ކުރަނީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ. ނަމަވެސް، ޔާމީން އަކީ ނުރަސްމީ ގޮތުން ޕާޓީގެ އެއް މުއައްސިސެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާ ގޮތުން، ކުށްވެރިއަކަށް ސިޔާސީ ޕާޓީއެއްގެ އާއްމު މެމްބަރަކަށް ވެވުނަސް، ޕާޓީން ހިންގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.

ކޮމެންޓް (1)

ނަލަ

11 ޑިސެމްބަރު 2023
ޖަލަށް ފޮނުވާލަ ހަސަދަބެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް