ހުޅުމާލެ މަގެއް: ހުޅުމާލެ ފޭސް އެކެއްގައި ނީލަން ފިހާރަ ހިންގުމަށް ބިމެއް މިހާރު ވަނީ ކަނޑައަޅާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނީލަން ފިހާރަ

ނީލަން ފިހަރާ ހިންގުމަށް ހުޅުމާލެއިން ވަގުތީ ބިމެއް ކަނޑައަޅައިފި

އެފަދަ ބިމެއް ކަނޑައެޅުމަކީ، ރައީސް މުއިއްޒުގެ ހަފްތާ14ގައި ހިމެނޭ ކަމެއް

ނީލަން ފިހާރައެއް އަލުން ހިންގުމަށް ޓަކައި، ހުޅުމާލެއިން އެކަމަށް ހާއްްސަ ވަގުތީ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ، މި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރޭވި ކަންތަތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ 'ހަފްތާ14' މަގުޗާޓުގައި، ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަންކަމުގެ ތެރެއިން އެ މިނިސްޓްރީން ފުރިހަމަކޮށްފައިވާ ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް ޕީއެސްއެމްގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.

އެފަދަ ބިމެއް ކަނޑައެޅުމަކީ، 'ހަފްތާ14'ގައި ވެސް ކުރަން ކަނޑައެޅި ކަމެކެވެ.

ތަފްސީލު - އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ހައިދަރު ވިދާޅުވީ ނީލަން ފިހަރައަށް ވަގުތީ ބިމެއް ހަމަޖައްސާފައި ވަނީ ހުޅުމާލެ ފޭސް އެކަކުންނެވެ.

"މިވަގުތު ކުރިއަށް ދަނީ މި ބިމުގެ އިން ވަކިކުރުމާއި ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ނީލަން ފިހަރާ ގާއިމު ކުރުމާ ގުޅޭ އިތުރު ތަފްސީލެއް ހައިދަރު ހާމަ ކުރައްވާފައެއް ނުވެ އެވެ.

އެނގުން މުހިންމު - ސްޓެލްކޯ ފުރަގަހުގައި މީގެ ކުރިން މާލޭގައި ހިންގަމުން އައި ނީލަން ފިހާރަ ބަންދުކުރަން ޖެހުނީ، މިދިޔަ އަހަރު ޖެނުއަރީ މަހު ތެރޭ އެ ތަނުގައި އަލިފާން ރޯވުމާ ގުޅިގެންނެވެ.

 ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހައިދަރު މިއަދު ވިދާޅުވީ ހަފްތާ14ގައި ގެދޮރުވެރިކަމާ ގުޅޭ 38 ވައުދެއް ހިމެނޭ އިރު، އޭނާގެ މިނިސްޓްރީގެ ޒިންމާގެ ތެރޭގައި ހިމެނެނީ އޭގެ ތެރެއިން 25 ކަމެކެވެ. އެ ވައުދުތަކާ ގުޅޭގޮތުން މިހާތަނަށް ކޮށްފައިވާ ކަންކަމުގެ ބައެއް ތަފްސީލުތައް ވެސް އޭނާ ހާމަ ކުރެއްވި އެވެ.

އޭގެ ތެރޭގައި ހައިދަރު ވިދާޅުވި ބައެއް ކަންކަން ކުރުކޮށް:

  • ރަށްރަށުގެ ފްެލެޓާއި ރޯހައުސް މަހުން މަހުން ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުން؛ ޔުނިޓަކަށް މަހަކު 3،333ރ. ކަނޑައެޅުމާ އެކު، ފައިސާ ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް ވަނީ ބަހާލާފައި

  • ބޯހިޔާވަހިކަމަށް %5 އިންޓްރެސްޓާ އެކު ލުއި ލޯނު ސިޔާސަތު އެކުލަަވާލައި އާންމުކުން؛ އެ ސިޔާސަތާ ގުޅޭ ގޮތުން މަޝްވަރާކޮށް ކެބިނެޓުން ނިންމާފައި، އަދި އޭގެ ތަފްސީލު ހާމަކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކަންކަން މިހާރު ދަނީ ކުރަމުން

  • ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމުން ވަގުތުން މާކްސް ފެންނަ ހާއްސަ ޕޯޓަލް ތައާރަފް ކުރުން؛ 'މަގޭވެހި' ނަމުގައި އެ ޕޯޓަލް މިހާރު ވަނީ އިފްތިތާހުކޮށްފައި

  • ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީއާ ގުޅޭ ބިލުތައް މިހާރު މަޖިލީހަށް ވަނީ ހުށަަޅާފައި

  • ބާ ޖަމާލުއްދީންގައި އަންޑަގްރައުންޑް  ޕާކިން ފެސިލިޓީއަކާ އެކު، ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުން؛ އެކަންވެސް ވަނީ ފުރިހަމަކޮށްފައި

  • ހިފާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުން؛ އެކަން އަހަރެއްތެރޭ ނިންމުމަށް ޗައިނާ ކުންފުންޏަކާ އެކު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް