މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން. (ފޮޓޯ/ކައުންސިލް)

ނީލަން ފިހާރަ ހިންގަން އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ހަމަޖައްސައިދޭން އަނެއްކާވެސް އެދެނީ

ކައުންސިލުން އެ ކަމަށް އެންމެ ފުރަތަމަ މިނިސްޓްރީގައި އެދުނީ މީގެ އެއް އަހަރާއި ހަތަރު މަސްދުވަސް ކުރިން
11 ޖެނުއަރީ 2023

މާލޭ ފަޅުމަތީ މަގުގައި ހިންގާ ނީލަން ފިހާރަތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެ ތަނުން ބިމެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އަނެއްކާވެސް ފާސްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ނީލަން ފިހާރައިގައި މިދިޔަ ހޯމަ ދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އެ ތަން އެއްކޮށް އަނދައި ހުލިވެ، އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮޮކު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ. އެންމެ ފުރަތަމަ އަލިފާން ރޯވީ ނީލަން ފިހާރައިގަ އެވެ.

ވީ ކިހިނެއް؟ - ނީލަން ފިހާރަތައް ހުންނަ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއް ނޫން ކަމަށް ނިންމައި ކައުންސިލުން ވަނީ މީގެ ކުރިން ވެސް އެ ފިހާރަތައް އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކުރަން ޕްލޭނިން މިނިސްޓްރީގައި އެދިފަ އެވެ. އެގޮތަށް އެދުނުތާ މިހާރު އަހަރަކާއި ހަތަރު މަސްދުވަސް ވެފައި ވީއިރު ވެސް މިނިސްޓްރީން ކައުންސިލަށް އެ ހުއްދަ ދީފައެއް ނުވެ އެވެ.

މިއަދު ބޭއްވި ކައުންސިލްގެ އާއްމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ތަކުރާރުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ:

  • ނީލަން ފިހާރަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށާއި ބަދަލުކުރަން ނިންމި ނިންމުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އެންގުމަށް ކައުންސިލުން ފާސްކުރީ 4 އޮގަސްޓް 2021ގައި

  • ހަމަ އެދު ވަހު ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވި

  • އެ ސިޓީއާ އެކު ނީލަން ފިހާރަތައް ހިންގަން ބޭނުންވާ ބިމުގެ މިންތަކާ އެކު ޗާޓެއް ވެސް ފޮނުވި 

މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގައި މާލޭގެ މޭޔަރު މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ/ކައުންސިލް)

ބުނީ ކީކޭ؟ - މުއިއްޒު ވިދާޅުވީ އެ ދުވަހު ޕްލޭނިން މިިނިސްޓްރީން ހުއްދަ ދިން ނަމަ، އެ ފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަވީސް ކަމަށެވެ. އަދި ކައުންސިލުން ބޭނުންވި ގޮތަށް އިންޑަސްޓްރިއަލް ވިލެޖުގައި އެ ތަން ހިންގަން ފުރުސަތު ދިން ނަމަ، ކައުންސިލަށާއި ދައުތަލަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ދޮރެއް ހުޅުވިގެން ދިޔައީސްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެ ދުވަހު އެ ހުއްދަ ދެއްވި ނަމަ، ނަމަ ނަމަ ކިޔާކަށް ނުވާނެ، ނަމަވެސް ހަމަ ޔަގީނުން ވެސް ޒަމާނީ ފެންވަރުގެ ރަނގަޅު ސެކަންޑް ހޭންޑް މާކެޓް އޭރިއާއެއް ތައްޔާރުކުރެވި، އުސޫލެއްގެ ތެރެއިން ކައުންސިލަށް ވެސް، ދައުލަތަށް ވެސް އާމްދަނީ ލިބޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ހަމަ ހަމަ ފުރުސަތު ދެވިފައި އޮތް ނީލަން ފިހާރައެއް ނުވަތަ ނުވަތަ ސެކަންޑް ހޭންޑް މާކެޓެއް މިހާރު އޮންނާނީ ހެދިފައި،" މުއިއްޒުު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އެ ފުރުސަތު ސަރުކާރުން ނުދެއްވާ އޮތުމުގެ ސަބަބުން މިއަދާ ހަމައަށް މިކަން މި އައީ ވެސް."

ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ހިންގުމަކީ "ޗޮއިސް އެއް" ނޫންކަން ފާހަގަކުރައްވަމުން މުއިއްޒު ޖަލްސާއަށް ހުށަހެޅުއްވީ، ނީލަން ފިހާރަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި އަނެއްކާވެސް އެދުމަށެވެ.

"އެ ބިމަކީ އެވެއިލަބްލް ތަނެއް. މިހާރު ވެސް ހުސްކޮށް އޮތީ، ބްރިޖު ޕްރޮޖެކްޓްގެ އެއްވެސް ޕްރޮޖެކްޓަކަށް ބޭނުންކުރާ ބިމެއް ނޫން. އިރު ދެކުނު ކަންމަތި އެ ތަނަކީ، ހުސްކޮށް އޮތް ތަނެއް، އެމްއެންޑީއެފްގެ ވެހިކަލް ގަރާޖަށް ދީފައި އޮތް ޖާގައިގެ ދެކުނަށް އޮންނަ ބިމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ހުށަހެޅުއްވި ގޮތަށް ޕްލޭނިންއަށް އަނެއްކާވެސް ސިޓީ ފޮނުވުމަށް ފާސްވީ ޖަލްސާއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކު އަނދައި ހުލިވެފައި. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެނގުން މުހިއްމު - ހޯމަ ދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލުގެ 133 މީހެއްގެ ބޯހިޔާވަހިކަން ގެއްލުނެވެ. އެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ވެސް ކައުންސިލާއި ސަރުކާރާ ދެމެދު ދެބަސްވުން އުފެދި އެކަން ވެސް ހަމަޖެހުނީ ވަރަށް ލަސްވި ފަހުންނެވެ. އެގޮތުން:

  • ސިޓީ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިންނަށް، ފަރުކޮޅުފުށީގައި ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި

  • ސަރުކާރުން ބުނީ އެގޮތަށް ހަމަޖެއްސީ ކައުންސިލުން އެ މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިނުދިނުމުން ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް