ނީލަން ފިހާރަ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މޭޔަރު މުއިއްޒު އެ ތަނުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ނީލަން ފިހާރަ

ނީލަން ފިހާރަ އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން ހުއްދައެއް ނުދިން: މުއިއްޒު

މުއިއްޒު ވިދާޅުވީ ނީލަން ފިހާރަ ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އެކި ފަހަރު މަތިން ކޮށްފައިވާ ކަމަށް

މާލޭ ފަޅުމަތީ މަގުގައި ހިންގާ ނީލަން ފިހާރަތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން އެދުމުން ވެސް ސަރުކާރުން އެ ހުއްދަ ނުދިން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ނީލަން ފިހާރައިގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އެ ތަން އެއްކޮށް އަނދައި ހުލިވެ، އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮޮކު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ. ރޭ އެންމެ ފުރަތަމަ އަލިފާން ރޯވީ ނީލަން ފިހާރައިގަ އެވެ.

ތަފްސީލް - ނީލަން ފިހާރަ ހިންގާ ސަރަހައްދުގައި މަގުމަތީގައި ވެސް މުދާ ބަހައްޓައިގެން ވިއްކާތީ ކައުންސިލުން ވަނީ އެކި ފަހަރު މަތިން އެ ސަރަހައްދު ސާފުކޮށްފަ އެވެ. އެގޮތުން:

  • ނީލަން ފިހާރައިގެ ގޮޅިތަކުން ބޭރުގައި ވިޔަފާރިކުރުން ކައުންސިލުން މަނާކުރި ނަމަވެސް އެކަން ހުއްޓިފައެއް ނުވޭ 

  • ކައުންސިލްގެ ސްޓްރެޓެކިޖް ޕްލޭންގައި އޮތީ، އިންޑަސްޓްރިއަލް ވިލެޖުން ސަރަހައްދެއް ތަރައްގީކޮށް، އެ ތަނުގައި ނީލަން ފިހާރަ ހިންގުމަށް

ރޭގެ އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޭޝަން ބްލޮކު އަނދާފައި. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ބުނީ ކީކޭ؟ - ރޭގެ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މޭޔަރު މުއިއްޒު މިއަދު 'ސަންގު ޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނީލަން ފިހާރަ ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އެކި ފަހަރު މަތިން ކޮށްފައިވާ ކަމަށެވެ.

"މި ދައުރުގެ ކައުންސިލް އައިސްފައި، 2021 ވަނަ އަހަރުގެ މެދު ތެރޭ ކައުންސިލުން ފާސްކުރިން. އޭގެ ކުރިން އަޅުގަނޑުމެން [ސިޓީ ކައުންސިލަށް] އައިސްފައި ކައުންސިލުން ފާސްކުރި ސްޓްރެޓެޖިކް ޕްލޭންގައި ވެސް އޮންނާނެ، ނީލަން ފިހާރަ އެ ތަނުން ނަގަން ޖެހޭ ކަމަށް، ދެން އެއަށް ދާއިމީ ހައްލެއް ގެންނަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ނީލަަން ފިހާރަ ފަޅުމަތީ މަގުން ނަގައި އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެެ ތަފްސިލީ ނިންމުންތައް އެ އަހަރުގެ ޖޫން-ޖުލައި ހިސާބުގައި ނިންމި ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުން އެކަށީގެންވާ ސަރަހައްދެއް އެކަމަށް ހަމަޖައްސައިދޭން ކައުންސިލުން ސަރުކާރުގައި އެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ހިސާބުން އަޅުގަނޑުމެން ނިންމި ނިންމުމަކީ މިހާރު އަނދައިގެން މިދިޔަ ނީލަން ފިހާރަ މިހާރު ހުރި ތަނުން ނަގައި މާލެ އިންޑަސްޓްރިއަލް ވިލެޖުގައި އެ ކަމަށް ހާއްސަ ޖާގައެއް ކަނޑައަޅައި އެ ތަނަށް ބަދަލުކުރުން،" މުއިއްޒު ވިދާޅުވި އެވެ.

"ހަމަޖެހޭ އުސޫލެއްގެ ތެރެއިން ތަންތަން ހަދާފައި، ހުރިހާ ގޮތަކުން ވެސް ރައްކާތެރި ގޮތަކަށް އެ ތަން ތަރައްގީކޮށްފައި ކުރިއަށް ގެންދާ ގޮތަށް. އެކަމަކު އެ ބިން ސަރުކާރަކުން ނުދެއްވާ."

އަލިފާނުގެ ހާދިސާގައި ނީލަން ފިހާރަ އަނދައި ހުލިވެފައި. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އެދުނު ބިމަކީ މާލޭ ބަސް ރޫޓަށް އަދި ތިލަމާލެ ބްރިޖު މަޝްރޫއަށް ވެސް ދަތި ނުވާނެހެން އޮންނަ ބިމެއް ކަމަށެވެ. އެގޮތުން، އެ ބިމަކީ އަދިވެސް ބޭނުމެއް ނުކޮށް އޮތް ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު ސަރުކާރުން އެ ބިން ދެއްވި ނަމަ މިހާރު ނީލަން ފިހާރަ ހުންނާނީ މާލޭގައި މީހުން އުޅޭ ތަންތަނާ ދުރަށް ގެންދެވިފައި" ކަމަށާއި މިފަދަ އަލިފާނުގެ ހާދިސާއެއް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް މަންޒަރު - ފަތިިހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ 166 މުވައްޒަފުން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކު އަނދައި ހުލިވި އިރު، އެ މީހުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލުގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް