އެސްޓީއޯގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ތެރެއިން: ސަރުކާރުގެ އަމާޒަކީ ސްކޫލްތައް ވެސް ސޯލާ ޕެނަލް ހަރުކޮށްގެން އޭސީ ކުރުންކަމަށް ރައީސް ރޭ ވިދާޅުވި (ފައިލް ފޮޓޯ/އެސްޓީއޯ)
ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީކުރަން އަންނަ އަހަރު ސޯލާ ޕެނަލް މަޝްރޫއެއް ހިންގަނީ
ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރަން އަންނަ އަހަރު ސޯލާ ޕެނަލްގެ ޕްރޮޖެކްޓެއް ފަށަން ރާވާފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ މެދު ރާއްޖެތެެރޭގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ދ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލު - އެ ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސްކޫލްތަކުގެ ފަރާތުން އަންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކްލާސްރޫމްތައް ހޫނުވުމުގެ މައްސަލަ ކަމަށެވެ. އެހެންވެ ކްލާސްރޫމްތައް އޭސީކޮށްދިނުމަށް ޓީޗަރުންނާއި ދަރިވެރިންގެ ފަރާތުން އެދެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ، ކޮންމެ މަހަކު ކަރަންޓު ބިލު ދައްކަން ބަލާއިރު، ދެކޮޅުޖެހޭ ކަމަކަށް ވެސް ނުވޭ. އެހެންވީމާ، އަޅުގަނޑުމެން ގަސްތުކޮށްފައި މި ވަނީ، މި އަންނަ އަހަރުން ފެށިގެން ސޯލާ ޕަވާ ބޭނުންކުރެވޭ ރިނިއުބަލް އެނާޖީ [އިއާދަކުރަނިވި ކަރަންޓު އުފެއްދުން] މަޝްރޫއުތަކެއް ހުރިހާ ސްކޫލެއްގައި ހިންގުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އަމާޒަކީ އޭސީކުރަން ބޭނުންވާ ސްކޫލްތަކަށް އެ މަޝްރޫއުގެ ތެރެއިން އެ ފުރުސަތު ދިނުމެވެ.
"އޭރުން ފުރަތަމަ ކުރާ އިންވެސްޓްމަންޓް، އިންވެސްޓްމަންޓަކަށް ވާނެ. ދެން އޭގެން ލިބޭ ހަކަތައިން ދެމެހެއްޓެނިވި ގޮތެއްގައި ކްލާސްރޫމްތައް އޭސީ ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.