ދ. މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފައިސާ ޗާޕް ކުރުން ހުއްޓާނުލި ނަމަ، ޑޮލަރުގެ އަގު 20ރ. އިން މައްޗަށް އަރާނެ: ރައީސް

ރައީސް ވިދާޅުވި ގޮތުގައި އެ ފިޔަވަޅުގެ ރަނގަޅު ނަތީޖާ ދަނީ ފެންނަމުން

ފައިސާ ޗާޕް ކުރުން ހުއްޓާލުމުން އޭގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އެކަން ނުކުރި ނަމަ،  ޑޮލަރުގެ އަގު 20ރ. އިން މައްޗަށް އަރައިގެން ގޮސް، ރާއްޖޭގެ އިގްތިސާދު އެއްކޮަށް ހަލާކުވީސް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން އެޅި ފިޔަޅުތަކުގެ ތެރޭގައި ހިމެނޭ ފައިސާ ޗާޕް ކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވާހަކަ ދެއްކެވީ މެދު ރާއްޖެތެރޭ ރަށްރަށަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ދަރަނި އެތައް ގުނައަކުން ބޮޑުވެ، ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި:

  • ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޭރުގެ ދަރަނި 120 ބިލިއަން ޑޮލަރަށް އަރާ

  • ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ރައްޔިތުންގެ އަމިއްލަ ވިޔަފާރިތައް ލައްވާ ކުރުވާފައިވާ މަސައްކަތްތަކަށް ވެސް ނުދައްކާ 9 ބިލިއަން ރުފިޔާ އޮތް

  • އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ފެނަކަ ކުންފުނީގެ ދަރަނި؛ އެއީ ގާތްގަނޑަކަށް 4.2 ބިލިއަން ރުފިޔާ

"ރައްޔިތުންނަށް ދޭން ހުރި ފައިސާ އާއި ބޭރުގެ އެކި ލޯނުތައް ދައްކަމުން [މި ދަނީ]. އަދި އެކަން މި ކުރަނީ ފައިސާ ޗާޕްނުކޮށް،" އާމްދަނީ އިތުރުކޮށް، ބޭކާރު ހަރަދުތައް ހުއްޓާލައިގެން ރަށްރަށަށް ބޭނުންވާ ކަންކަން ވީވަރަކުން ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.

"ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. ދިވެހި ރުފިޔާގެ އަގު ވެއްޓެމުން، ވެއްޓެމުން، އަތުގައި ނުޖެހޭ ހިސާބަށް ދާނެ. ޑޮލަރުގެ އަގު އަރައިގެން ދާނެ 20 ރުފިޔާއަށް ވުރެ ވެސް މައްޗަށް. އެހެންވީމަ އިގްތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ."

މީދޫގައި ބޭއްވި ޖަލްސާގެ ތެެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވި ގޮތުގައި ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ ފަސޭހަ ނިންމުމެއް ނޫނެވެެ. ނަމަވެސް ގައުމުގެ ހައްގުގައި އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ ނުވަ ބިލިއަން ރުފިޔާއަށް ވާ ވަރަށް ފައިސާ ޗާޕްކޮށްލި ނަމަ، އެކަން ވެސް ހަމަޖެހުނީ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މީގެ ރަނގަޅު ނަތީޖާ ފެންނަމުން ދަނީ. އަޅުގަނޑުމެންގެ ފައިސާގެ މައްޗަށް [ނުވަތަ] ރުފިޔާގެ އަގު ހިފެހެއްޓި، އިރާދަކުރެއްވިއްޔާ ޑޮލަރުގެ މި ރޭޓް ތިރިވެ، އިގްތިސާދު ރަނގަޅުވެގެން ދާނީ. މިހާރު އޭގެ އަސަރު ފެނޭ އެބަ."

މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އިތުރަށް ވިދާޅުވީ:

  • ސަރުކާރުން މިހާރު ބަހާލައިގެން އެތެރޭގެ ދަރަނިތައް ދަނީ ދައްކަމުން

  • ސޮވެރިން ފަންޑަށް މިހާރު ދަނީ ޑޮލަރު ޖަމާކުރަމުން؛ މިހާރު 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، އަހަރު ނިމޭއިރު 100 މިލިއަނަށް ވުރެ ގިނަ ވާނެ

  • ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ނިމި ހުޅުވުމާ އެކު އިގްތިސާދު އިތުރަށް ފުޅާވާނެ

  • އިތުރު ރިޒޯޓްތައް ހެދުމުގެ ފުރުސަތު ވެސް އަދި ހަދަން ފަށާފައި ހުއްޓިފައިވާ ރިޒޯޓުތައް ހެދުމަށް ވެސް އެކި ކަހަލަ ލުއިތައް އެބަ ދެން؛ އެ ތަންތަން ނިމުމުން، އާމްދަނީ އިތުރުވެގެން ދާނެ

  • މިހާރު ވީވަރަކުން ބޭކާރު ހަރަދުކުރުން ހުއްޓާލައި އިސްރާފުކުރުން ވަނީ ނިމުމަކަށް ގެނެސްފައި؛ ސަރުކާރުގެ އިވެންޓްތައް ބޮޑެތި ހަރަދުކޮށްގެން މިހާރު ނުބާއްވާނެ އަދި ބޭކާރު ދަތުރުތައް ވެސް ނުކުރާނެ

ފަސްމަންޒަރު - ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލައި އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕްކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިނެވެ.

އޭގެ ފަހުންް:

  • އެ ހުއްދަ ވަނީ ދެ ފަހަރަކަށް މަޖިލީހުން އިތުރުކޮށްދީފައި

  • އެންމެ ފަހުން 2021 ވަނަ އަހަރު މަޖިލީހުން ވަނީ ފައިސާ ޗާޕްކުރެވޭ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް ހިފަހައްޓާފައި؛ އެއަށް ފަހު ވެސް ކޮންމެ އަހަރަކު އެ ހުއްދަ އައީ އިތުރުކުރަމުން

  • މިހާތަނަށް ޗާޕްކޮށްފައިވާ އަދަދުގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ބޮންޑަކަށް ބަދަލުކޮށްފައި

މި ސަރުކާރު އައިސް ވެރިކަމުގެ ފުރަތަމަ މަސް ތެރޭ، ފައިސާ ޗާޕުކުރުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. މިިދިޔަ ޑިސެމްބަރު މަހު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު  ޝަފީގު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އސިްތިސްނާ ކުރުން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިޔާދަކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް