ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު 2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގައި (ފޮޓޯ/މަޖިލިސް)

ފައިސާ ޗާޕްކުރުން ހުއްޓާލާކަން މިނިސްޓަރު މަޖިލީހަށް އަންގަވައިފި

މިނިސްޓަރު ވިދާޅުވެފައި ވަނީ ބަޖެޓުގައި ހިމަނާފައިވާ ގޮތަށް މިހާތަނަށް ޗާޕްކޮށް ބޮންޑަކަށް ބަދަލުނުކޮށް ހުރި ފައިސާ ވެސް ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ބޮންޑަކަށް ބަދަލު ކުރަން ނިންމަވާފައިވާކަމަށް
11 ޑިސެމްބަރު 2023

 ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕްކުރަން ދީފައިވާ އިސްތިސްނާ މި މަހުގެ ނިޔަލަށް ހަމަވުމުން އަންނަ ޖެނުއަރީ މަހުން ފެށިގެން އެކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު މަޖިލީހަށް އަންގަވައިފި އެވެ.

ކަމުގެ ފެށުން - ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލައި އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕްކުރުމުގެ ހުއްދަ ސަރުކާރަށް ދިނެވެ. 

  • އެ ހުއްދަ ވަނީ ދެ ފަހަރަކަށް މަޖިލީހުން އިތުރުކޮށްދީފައި

  • އެންމެ ފަހުން 2021 ވަނަ އަހަރު މަޖިލީހުން ވަނީ ފައިސާ ޗާޕްކުރެވޭ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް ހިފަހައްޓާފައި؛ އެއަށް ފަހު ވެސް ކޮންމެ އަހަރަކު އެ ހުއްދަ އައީ އިތުރުކުރަމުން

  • މިހާތަނަށް ޗާޕްކޮށްފައިވާ އަދަދުގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ބޮންޑަކަށް ބަދަލުކޮށްފައި

ވީ ކިހިނެއް؟ - ފިނޭން މިނިސްޓަރު ޝަފީގު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީ މިއަދު އަމީންއާންމު މަޖިލީހަށް އިއްވެވި އިރު، އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ މާއްދާތައް ސަސްޕެންޑްކޮށް ޕީބީއޭ އޯވަޑްރޯ ކުރުމުގެ ހުއްދަ ދިނީ ގުދުރަތީ ހާއްސަ ހާލަތެއް ކުރިމަތިވެގެން ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނާ އެ ފަދަ ހާލަތެއް މިހާރު ކުރިމަތިވެފައި ނެތްކަމަށް ސިޓީގައިވެ އެވެ. އެހެންވެ:

  • މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އިތުރުކުރަން ނިންމާފައި ނުވާ ކަމަށް ސިޓީގައި ވިދާޅުވި

"1 ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އސިްތިސްނާ ކުރުން ނިމުމަކަށް ގެނެސްދެއްވައި މި ގާނޫނު ފުރިހަމައަށް އިޔާދަކޮށްދެއްވުން އެދެމެވެ،" ޝަފީގުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ތަފްސީލް - އެ ސިޓީގައި އެ ހުއްދަ ނިމުމަކަށް ގެންނަން އެދޭ ސަބަބުތަކުގެ ގޮތުގައި ޝަފީގު އިތުރަށް ވިދާޅުވެފައި ވަނީ:

  • 2019 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ ރިއަލް ޖީޑީޕީ ކުރިއަރާފައިވާ މިންވަރު ކޮވިޑުގެ ކުރިއަށް ވުރެ މައްޗަށް ގޮސްފައިވުން 

  • ސަރުކާރުގެ އާމްދަނީ ވެސް ވަނީ 2019 ވަނަ އަހަރު ލިބިފައިވާ އާމްދަނީއަށް ވުރެ ބޮޑުތަނުން މައްޗަށް ގޮސްފައިކަން ވެސް ޝަފީގު ފާހަގަކުރައްވާފައި

އެނގުން މުހިންމު - ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން:

  • އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ %1

  • އެ އަދަދުން ބަލާ ނަމަ އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާ 

  • އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ނުވަތަ 3 މަސް ތެރޭ ސަރުކާރުން އެމްއެމްއޭއަށް ދައްކަން ލާޒިމްވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް