ރައީސް މުއިއްޒު ބ. ކެންދޫގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ އިގްތިސޯދު ސަލާމަތްކުރަން ފައިސާ ޗާޕު ކުރުމަކީ އޮޕްޝަނެއް ނޫން: ރައީސް

ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލައި ދައުލަތުގެ ކުންފުނިތައް ހަރުދަނާކޮށް ކުންފުނިތަކަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް

ރާއްޖޭގެ އިގްތިސޯދު ސަލާމަތް ކުރަން ފައިސާ ޗާޕުކުރުމަކީ އޮޕްޝަނެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ކެންދުއަށް ވަަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މައްސަލައިގެ ފެށުން - ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލައި  އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕްކުރުމުގެ ހުއްދަ ސަރުކާރަށް  ދިނެވެ.

އޭގެ ފަހުންް؛

  • އެ ހުއްދަ ވަނީ ދެ ފަހަރަކަށް މަޖިލީހުން އިތުރުކޮށްދީފައި

  • އެންމެ ފަހުން 2021 ވަނަ އަހަރު މަޖިލީހުން ވަނީ ފައިސާ ޗާޕްކުރެވޭ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް ހިފަހައްޓާފައި؛ އެއަށް ފަހު ވެސް ކޮންމެ އަހަރަކު އެ ހުއްދަ އައީ އިތުރުކުރަމުން

  • މިހާތަނަށް ޗާޕްކޮށްފައިވާ އަދަދުގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ބޮންޑަކަށް ބަދަލުކޮށްފައި

މި ސަރުކާރު އައިސް ވެރިކަމުގެ ފުރަތަމަ މަސް ތެރޭ، ފައިސާ ޗާޕުކުރުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. މިިދިޔަ ޑިސެމްބަރު މަހު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު  ޝަފީގު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އސިްތިސްނާ ކުރުން ނިމުމަކަށް ގެނެސްދެއްވައި މި ގާނޫނު ފުރިހަމައަށް އިޔާދަކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - ކެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ފައިސާ ޗާޕު ކުރުމަކީީ މި ރާއްޖޭގެ އިގްތިސޯދު ސަލާމަތް ކުރަންޏާ އޮޕްޝަނެއް ނޫން. އެކަން ކޮށްގެން ނުވާނެ. އިހުލާސްތެރިކަމާ އެކީގައި ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކުރަން ބޭނުންވަންޏާ އެއީ ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ފައިސާ ޗާޕު ކުރުން ހުއްޓާލައި، ދައުލަތުގެ ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުގެ ހިންގުން ވަރުގަދަކޮށް، ކުންފުނިތަކަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމަށް، އިގްތިސޯދަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުކޮށް ފުޅާކުރަމުން މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ޓޫރިޒަމާއި ކޮންސްޓްރަކްޝަން އަދި މަސްވެރިކަމުގެ ދާއިރާ އާއި އެކި ފަންނުތަކާ ގުޅުން ހުރި ދާއިރާތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށެވެ.

"އެއާޕޯޓުތައް ނިންމާ، އެއާޕޯޓުތައް ހުޅުވާ. މި މަސައްކަތްތަކަށް އިސްކަން މި ދެނީ އެހެންވެގެން. މި މަގުން މި މަސައްކަތްތައް މި ކުރަނީ އަވަސް ސްޕީޑެއްގައި ރަނގަޅު މަގަށް އަޅުވާފައި ބާރު ސްޕީޑުގައި އިގްތިސޯދު ކުރިއަށް ގެންގޮސް އިގްތިސޯދުގައި އަޅުގަނޑުމެން ދައްކަން ހުރި ދަރަނި ދެއްކޭނެ ބުންވަރު ޖެއްސުމަށްޓަކައި. އެ ސްޓްރެންތު، އެ ސްޓެމިނާ ގެނައުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

އިގްތިސޯދު ހަމައަކަށް އަޅުވަން ފަށާފައިވާ މަސައްކަތް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބަލައިގަނެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މި ގެންދެވެނީ އެންމެ ރަނގަޅު މަގުން. ކުރިއަށް އޮތީ މީގެ ނަތީޖާ ހެޔޮ ގޮތުގައި ފެންނަ ދުވަސްތައް،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް