ރައީސް މިއަދު ޗައިނާގެ އަސްކަރީ އިސް ބޭފުޅަކާއި އެ ގައުމުގެ ސަފީރާއެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ޗައިނާ

ރާއްޖެ-ޗައިނާ އަސްކަރީ އެއްބަސްވުމުގެ ދަށުން ތަމްރީނާއި ލީތަލް ނޫން ހަތިޔާރު ދޭނެ: ރައީސް

ރައީސް މިއަދު ވަނީ ޗައިނާގެ އަސްކަރީ އިސް ބޭފުޅަކާއި އެ ގައުމުގެ އެގްޒިމް ބޭންކްގެ ރައީސްއާ ބައްދަލު ކުރައްވާފައި

ދިވެހި ސަރުކާރުން ޗައިނާއާ އެކު އިއްޔެ ސޮއިކުރި އަސްކަރީ އެއްބަސްވުމުގެ ދަށުން އެ ގައުމުން ދިވެހި ސިފައިން ތަމްރީކޮށްދީ، ފުރާނައަށް ގެއްލުންނުވާ ޒާތުގެ (ނޮން-ލީތަލް) ހަތިޔާރު ރާއްޖެއަށް ހިލޭ ފޯރުކޮށްދޭނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަން ވަރުގަދަވާނެ ކަމަށް ރައީސް މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން ސޮއިކުރިކަން ޑިފެންސް މިނިސްޓްރީން ހާމަ ކުރި ނަމަވެސް، އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުދެ އެވެ. އެ އެއްބަސްވުމާ ގުޅޭ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ރައީސް މިރޭ ދެއްވީ ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީން ފޯރުކޮށްދިނުމާ އަދި ނޮން ލީތަލް [ނުވަތަ] ލީތަލް ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. އެހެންވީމަ، މީގެ ސަބަބުން ދިފާއީ ބާރަށް އެކި ކަހަލަ ތަމްރީންތަކާއި ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރެވިގެންދާނެ. އޭރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދިފާއީ ބާރު އިތުރަށް ވަރުގަދަ ކުރެވިގެންދާނެ،" މެދު ރާއްޖެތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

"މި މަސައްކަތްތައް ވެސް މި ކުރެވެނީ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި [އާއި] އަޅުގަނޑުމެންގެ މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި [އަދި] އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން."

ދ. މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - ރައީސް މިއަދު ވަނީ އެ އަސްކަރީ އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވި އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނެރަލް  ޖާންގް ބާއޯޗުންއާ މެންދުރުފަހު ރައީސް އޮފީހުގައި ބައްދަލު ކުރައްވާފަ އެވެ. އޭގެ އިތުރުން، ޗައިނާގެ އެގްޒިމް ބޭންކްގެ ރައީސް ރެން ޝެންގް ޖުންއާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ.

އެ ދެ ބޭފުޅުންނަކީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ޗައިނާގެ ސަރުކާރުން ރާއްޖެއަށް "ފޮނުވި ވަރަށް އިސް ދެ ބޭފުޅުން"ނެވެ. އަދި އެގްޒިމް ބޭންކުގެ ރައީސްއާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. 

"އަޅުގަނޑު އެ ބޭންކްގެ ރައީސްއާ މިއަދު ބައްދަލުކޮށްފައި ދެންނެވިން، އަޅުގަނޑުމެން ކަނޑައަޅާފައި މި އޮތް 30،000 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއުގައި ފައިސާ ހޯދުމުގައި ރައްޔިތުންނަށް އޭގެ ދުރު ރާސްތާގައި ލުއި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް. އެފަދަ މުހިންމު މަޝްވަރާތަކެއް މިއަދު ކުރެވިގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އޭގެ ފޮނިމީރުކަން ފެންނާނެ."

ޗައިނާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ވޭތުވެދިޔަ އެތައް އަހަރެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިނަމާލެ ބުރިޖާއި އެއާޕޯޓު ޓާމިނަލް އަދި ރަންވޭ އާއި ހުޅުމާލޭގެ ހައުސިން ޔުނިޓްތަކަކީ ވެސް އެ ބެންކުގެ އެހީތެރިކަމާއި ލޯނު ނަގައިގެން ހިންގި މަޝްރޫއުތަކެއް ކަމަށެވެ.

ކޮމެންޓް (1)

ފީލިންގ

6 މާރިޗު 2024
ސުބުހާނަﷲ އެމްޑީޕީގެ ވެރިކަމެއްގައި އިންޑިއާއާއި އެކު މިކަހަލަ އެއްބަސްވުމެއްގައި ސޮއިކޮށްލިނަމަ އަރުވާލާނެވަރު ހިތަށްމިއެރީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް