އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)

އެމްޑީޕީ

އޭޖީގެ ބަޔާނުން އެނގެނީ ކަނޑު ގެއްލުންކަމަށް ބުނެ ހެދީ ދޮގުކަން: އެމްޑީޕީ

ކުރީ ސަރުކާރުން އެކަމުގައި އަމަލު ކުރި ގޮތް ގޯސްކަމަށް އޭޖީ އޮފީހުން ބުނެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށް އެ ޕާޓީން ބުނި
28 ފެބްރުއަރީ 2024
1

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ، އެ ސަރަހައްދު އަލުން ހޯދަން ކުރާ މަސައްކަތާ ބެހޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނުން، ކަނޑު ގެއްލުނުކަމަށް ބުނެ މި ސަރުކާރުން ދައްކަނީ ދޮގު ވާހަކަތަކެއްކަން އެނގޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ބަދަލުކުރެވިދާނެ ކަމަށް ކަމާ ބެހޭ ގާނޫނީ މާހިރުން ލަފާދީފައި ވާތީ، އެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހޯމަ ދުވަހު ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި އޭޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި:

  • ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް މުއާހަދާ)ގެ ދަށުން، ރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި 18 ޖޫން 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާ އެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް

  • މި މައްސަލަ އިޓްލޮސްގައި ކުރިޔަށް ދިޔައިރު އެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ނެގެން ހުރި ގިނަ ދިފާއުތަކެއް ނަގާފައެއް ނުވޭ

  • އޭރު ސަރުކާރުން އަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތުގެ ސަބަބުން އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދަން މިހާރު ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ބުނީ ކީކޭ؟ - އެ ބަޔާނާ ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭޖީ އޮފީހުގެ ނޫސްބަޔާނުން އެ މައްސަލަ އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަން ވެސް ސާފުނުވާ ކަމަށެވެ. އެ ޕާޓީން ބުނި ގޮތުގައި، އޭޖީގެ ބަޔާނުން:

  • ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނުކަމަށް ސިފާވާ ގޮތަށް ކެނޑިނޭޅި ދައްކަމުންދިޔަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ހާމަވޭ 

  • އަދިވެސް ސަރުކާރުން އެދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަން ސާފުކޮށް އެނގޭ

"28 އެޕްރީލް 2023ގައި އިޓްލޮސް އިން ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން އެ ދުވަހުން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ހުރިކަން ދައްކުވައިދޭ ކަމެއް އެ ހުކުމުގެ ފަހުން 10 މަސްދުވަސް މިހާރު ފާއިތުވެފައިވާއިރު ވެސް ދެއްކިފައެއް ނެތެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"ނޫސްބަޔާނުން އެނގޭ ގޮތުން ކުރެވުނުހާ ވެސް ކަމަކީ، 'ކަމާ ބެހޭ ތަޖުރިބާކާރުން' ކަމަށް ބުނާ، އެއީ ކޮން ބައެއްކަން ނޭނގޭ ބަޔެއްގެ ގާނޫނީ ލަފާ ހޯދުމެވެ."

އިދިކޮޅު އެންމެ ބޮޑު ޕާޓީން ފާހަގަކުރި ގޮތުގައި:

  • ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ އާޓިކަލް 296 އަށް ބަލާއިރު، އެ މުއާހަދާގެ ދަށުން އިހްތިސާސް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ، ނިންމުންތަކެއް

  • އިޓްލޮސްއަކީ އަންކްލޮސްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށް ވާއިރު، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެކަމަށް، އަދި އެ ނިންމުމަށް ދިވެހިރާއްޖެ އިން އަމަލުކުރުން ލާޒިމުކަމަށް ކުރީ ސަރުކާރުން އަބަދުވެސް ގެންދިޔައީ ބުނަމުން 

  • އަންކްލޮސްއަކީ 7 ސެޕްޓެންބަރު 2000 ގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމުން، އެ މުއާހަދާއަށް އަމަލުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް

މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ   ސަރުކާރުން އަމަލުކުރީ "ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް" ކަމަށް ނޫސް ބަޔާނުގައި ބުނާއިރު، އަދި ނެގެން ހުރި ގިނަ ދިފާއުތަކެއް ނަގާފައިނުވާކަމަށް ބުނާއިރު، މައްސަލައިގެ ނޯޓިސް ސަރުކާރަށް ލިބުމުން ސަރުކާރުން ވަނީ ކަމާ ގުޅޭ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލައި، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކުރި އެވެ.

މީގެ އިތުރުން:

  • 28 އެޕްރީލް 2023ގައި އިޓްލޮސްއިން ކުރި ހުކުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ހުކުމެއް ނޫން ކަމަށާއި، އެއީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއްކަމާ މެދު ސުވާލު އުފެދޭކަމަށް އޭޖީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫން

  • އިޓްލޮސްއަކީ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން އުފައްދާފައިވާ، މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ ހުކުމްތައް ކުރުމުގެ ބާރު ލިބިދީފައިވާ ޓްރައިބިއުނަލެއް

"މައްސަލަ މައުލޫއީ ގޮތުން ބެލުމުގެ މަރުހަލާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކޮށް، ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައިވާނީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ސަރަހައްދެއް ލިބޭނެ ފަދަ ގޮތަކަށް ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަން ދީގެންނެވެ. މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އިޓްލޮސްގައި ވާނީ އެންމެ ފުރިހަމައަށް ދިފާއު ހުށަހަޅާފައެވެ،" އެމްޑީޕީން ބުންޏެވެ.

އެ ދިފާއު ހުށަހެޅުމުގައި ބައިވެރިވި މާހިރުން ވަކިވަކިން ފާހަގަކޮށް، އެމްޑީޕީގެ ބަޔާނުގައި އެބޭފުޅުންގެ ގާބިލުކަމާއި ތަޖުރިބާގެ ފެންވަރު ތަފްސީލްކޮށްދީފައިވެ އެވެ.

"ކަންމިހެން އޮތްއިރު، އިޓްލޮސްގައި ރާއްޖެއިން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް މިހާރުގެ ސަރުކާރުން ބުނާއިރު، އެފަދައިން ބުނާ ސަބަބެއް ބުނެދެވިފައެއް ނުވެ އެވެ. އެފަދައިން ލަފާދިން "ހަބީރުން" ނަކީ ކޮބައިކަމެއް ނޭނގެ އެވެ. އެ މީހުންގެ ތައުލީމާއި ތަޖުރިބާ ސާފެއް ނޫނެވެ. އެމީހުން ބުނި އެއްޗެއް ވެސް މިހާރުގެ ސަރުކާރުން ހާމައެއް ނުކުރެ އެވެ،" އެމްޑީޕީން ބުންޏެވެ.

"ހަމައެކަނި ފެންނަނީ ސިޔާސީ ގޮތުން ނެރެފައިވާ ދިވެހި ބަހުން އޮތް ނޫސްބަޔާނެކެވެ. ސަރުކާރަށް ލަފާދިން 'ހަބީރުން'ގެ މައުލޫމާތާއި، އެ ފަރާތްތަކުން ތައްޔާރުކުރި ލިޔުން، އޮތް ގޮތަށް، އުނިއިތުރަކާނުލައި، ރައްޔިތުންނަށް ހާމަކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ."

ކޮމެންޓް (1)

ހިތަދު ހުސެން

29 ފެބްރުއަރީ 2024
ނޫނޭ އެމްޑީޕީ މީހުންނަށް ސާފު ވިޔަސް އެހެން މީހުނަކަށް ނުވޭ، އެއްޗެކޭ ކިޔަނީ ތިބެ،
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް