ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބަހަން ނިންމި ގޮތް ދައްކައިދޭ ޗާޓެއް.

ކަނޑުގެ މައްސަލަ ދިރާސާކުރި ބޭރުގެ މާހިރުން ބުނަނީ އިޓޮލޮސްގެ ނިންމުން ބަދަލުކުރެވޭނެ ކަމަށް

އޭޖީ އޮފީހުން ބުނީ އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށް. އަދި އެ ނިންމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ބަދަލުކުރެވިދާނެ ކަމަށް ކަމާ ބެހޭ ގާނޫނީ މާހިރުން ލަފާދީފައި ވާތީ، އެ މަސައްކަތް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ. 

ވީ ކިހިނެއް؟ -  ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ރާއްޖެ އާއި މޮރިޝަސްއާ ދެމެދު، ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ބައި ވަނީ މިދިއަ އަހަރުގެ ކުރީކޮޅު ބަހައިފަ އެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދަން މި ސަރުކާރުން މަސައްކަތް ފަށައި މިދިޔަ ޑިސެމްބަރުގައި ވަނީ ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފަ އެވެ. 

އެގޮތުން އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ހޯދައި އެ ލިޔެކިއުންތައް ދިރާސާކުރުމާއި އެ މައްސަލާގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު ގާނޫނީ ޕޮޒިޝަނާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން އޭރު ވަނީ ބުނެފަ އެވެ.

އެ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލް ހިއްސާކުރަން މިއަދު އެ އޮފީހުން އާންމުކުރި ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދަން އައްޔަންކުރި އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީއާ ބެހޭ މޯލްޓާގެ ކަމާ ބެހޭ ތަޖުރިބާކާރުގެ ލަފާ އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރަން ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ވެސް އެ އޮފީހަށް ލިބިފައިވާ ކަމަށް ބުންޏެވެ. ދެން ލަފާ ހޯދަނީ ކަނޑުތަކާ ބެހޭ ދިވެހި ތަޖުރިބާކާރެއް ކަމަށްވާ ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ފަރާތުންނެވެ. ނަމަވެސް އެ ލަފާ އަދި ނުލިބޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

ބުނީ ކީކޭ؟ - މިހާތަނަށް ލިބިފައިވާ ލަފާތަކުން ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި އެ ބަޔާނުގައި ބުނީ؛

  • ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް މުއާހަދާ)ގެ ދަށުން، ރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި 18 ޖޫން 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާ އެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް

  • މި މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު އެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ނެގެން ހުރި ގިނަ ދިފާއުތަކެއް ނަގާފައެއް ނުވޭ

  • އޭރު ސަރުކާރުން އަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތުގެ ސަބަބުން އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދަން މިހާރު ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

"އެ ދިފާއުތަކުގެ ސަބަބުންނާއި، އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިޓްލޮސްގެ ނިންމުން ބަދަލުކުރަން ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެ ނިންމުން އެ އޮތް ގޮތަށް ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ބޭރުގެ ހަބީރުން ވަނީ ލަފާދެއްވާފަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އިޓޮލޮސްގެ ނިންމުން ބަދަލުކުރެވިދާނެ ކަމަށް ބޭރުގެ މާހިރުން ލަފާދޭ ސަބަބެއް ކަމަށް ބަޔާނުގައި ބުނީ:

  • މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމަކަށް ނުވުން

  • މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ނުވުން

  • އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި، އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފޭ 

"އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކަމާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން، [އިޓްލޮސްގެ ނިންމުން] ބަދަލުކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަން ޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުންނެވެ،" އޭޖީގެ ބަޔާނުގައި ބުންޏެވެ.

މި މައްސަލަ ކުރިއަށް ގަންދަން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަން ޖެހޭ ކަންކަން، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ވަޒީރުންގެ މަޖިލީހަށް ހެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް އޭޖީ އޮފީހުން ބުންޏެވެ. ވަޒީރުން މަޖިލިހުން ނިންމާ ކަމެއް ހާމަކުރާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ކޮމެންޓް (1)

ހޔޅބ

26 ފެބްރުއަރީ 2024
ތިހެން ބުނާނެތާ. އެމީހުންނަށް ފައިސާދީގެން ބަޔާން ނެރުނީ. ނިކަން ފައިސާ ޚަރަދު ނުކޮށް ބަޔާނެއް ނެރުވަބަލަ. ހަޤީޤަތަކީ މީއޭ ކިޔާފަ .
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް