މިފްކޯގެ ދޯންޏަކަށް މަސް ކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފި
މަސްވެރިނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން ޖެނުއަރީ 14ގެ ނިޔަލަށް ހުރި ބިލްތަކަށްވާ 105 މިލިއަން ރުފިޔާ އިއްޔެ ދައްކާ ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެކަން ހިއްސާކޮށްފައިވަނީ މިފްކޯގެ މީޑިއާ އޮފިސަރު އަހުމަދު ނަވާޒް ރަޝީދު ރޭ މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގަ އެވެ.
"މިކަމުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ލިބޭ އެއްބާރުލެއްވުމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖްމަންޓުގެ ފަރާތުން ޝުކުރުދަންނަވަން،" އެ މެސެޖުގައި އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.
ބުނީ ކީކޭ؟ - ނަވާޒް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ޖެނުއަރީ 8 އިން ފެށިގެން 14 އާ ދެމެދު ކިރާފައިވާ މަހުގެ ފައިސާގެ ގޮތުގައި 35 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް 'ދައުރު'އަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް ދައްކާނެ ކަމަށް ސަރުކާރުން ބުނެފައިވާ 100 މިލިއަން ރުފިޔާ ދައްކާ މިހާރު ހަލާކޮށްފައިވާ ކަމަށެވެ. އެ އަދަދުގެ އިތުރުން ވެސް 5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އެނގުން މުހިއްމު - ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 200 އެތައް މިލިއަނަކަށް އަރަ އެވެ.
އެ ފައިސާ ދެއްކުން ލަސްވެގެން މަސްވެރިން އިހުތިޖާޖު ކުރަމުން ދިޔައިރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ:
-
ދައްކަން އޮތް 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަަ ދުވަހުގެ ކުރިއަށް ދައްކައިދެއްވާނެ ކަމަށް
-
އެއަށްފަހު ބާކީ އޮންނާނެ 180 މިލިއަން ރުފިޔާ މާޗު 5ގެ ކުރިއަށް ދެއްކޭތޯ އަމާޒު ހިފައިފާވާ ކަމަށް ވިދާޅުވި
މަސްވެރިން ބާނާ މަހަށް މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ވީހާ އަވަހަކަށް ފުއްދަވައިދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި:
-
މި ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައި ދުވަހުން ފެށިގެން ކިރާ މަހަށް ހަފްތާއިން ހަފްތާއަށް މިފްކޯ އިން ފައިސާ ދައްކާނެ
-
މިއީ މާލީ ހާލަތު މިވަގުތު ހުރިގޮތުން އެންމެ އަވަހަށް ފައިސާ ދޫކުރެވެން އޮތް ގޮތް؛ ނަމަވެސް، އަމާޒަކީ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަދައިދިނުން
"ދޫކުރަން ޖެހޭ ފައިސާގެ އަދަދު ދާނީ އިތުރުވަމުން، މިހާރު ވެސް މިފްކޯއަށް މަސް ކިރާތީ،" މިހާރު މަސްވެރިންނަށް މިފްކޯ އިން ދޫކުރަން އޮތް ފައިސާގެ އަދަދާ ބެހޭ ގޮތުން ސުވާލު ކުރުމުން ނަވާޒް ވިދާޅުވި އެވެ.
"އެހެންވެ، މިފްކޯގެ ޕްލޭނަކީ މަސްވެރިންނާ މިހާރު ވާހަކަ ދެކެވި ޕްލޭން ކުރެވިފައިވާ ގޮތަށް ޕޭމަންޓުތައް ހަދަމުން ގެންގޮސް، ފަހުން ޕޭމަންޓް ދޫކުރާ ގޮތް އިތުރަށް ސްޓްރީމްލައިން ކުރުން."