މިފްކޯގެ ބޯޓަކަށް މަސް ކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

މަސްވެރިން

މަސްވެރިންނަށް މިއަދާއި މާދަމާ 70 މިލިއަން، ހޯމަދުވަހު 30 މިލިއަން ދެނީ

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ދޫކުރުމުން ދެން ބާކީ ދައްކަން އޮންނާނީ 180 މިލިއަން
21 ފެބްރުއަރީ 2024

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ނުދީ އޮތް ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މިއަދާއި މާދަމާ މަސްވެރިންނަށް ދޫކޮށް، ހޯމަދުވަހުގެ ކުރިން އިތުރު 30 މިލިއަން ރުފިޔާ ދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު 'ދައުރު'އަށް އެކަން ކަށަވަރުކޮށްދެއްވާ ވިދާޅުވީ:

  • މިއަދާއި މާދަމާ 70 މިލިއަން ރުފިޔާ ދޫކުރާނެ؛ އެ ފައިސާ ދޫކުރަން މިހާރު ވަނީ ފަށާފައި

  • އަންނަ ހަފްތާގެ އާދިއްތަ ހިސާބުގައި އިތުރު 30 މިލިއަން ރުފިޔާ ދޫކުރާނެ

"އޭރުން 100 މިލިއަން ރުފިޔާ ދެވޭނެ 26 ފެބްރުއަރީ [އަންނަ ހޯމަ ދުވަހު]ގެ ކުރިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު މަސްވެރިންނަށް ދައްކަން އޮތީ 280 މިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން ދައްކާނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ މަޖިލީހުގައި ވެސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މަސް ކިރުމަށްފަހު ލިބެން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސް ވެގެން މަސްވެރިން ދަނީ އާދިއްތަ ދުވަހުން ފެށިގެން ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި އިހުތިޖާޖު ކުރަމުންނެވެ. ހޯމަ ދުވަހުން ފެށިގެން އައްޑޫ ހުޅުމީދޫގައި ހުންނަ މަސް ފެކްޓަރީގެ މަސައްކަތް ހުއްޓުވާ، އެރަށުގައި ވެސް މަސްވެރިންގެ މުޒާހަރާތައް ކުރިއަށްދެ އެވެ.

މަސްވެރިން ބުނަމުންދަނީ، އެމީހުންނަށް ލިބެންވާ ފައިސާ ސަރުކާރުން ދައްކާ ހަލާސްކުރުމުން ނޫނީ އިހުތިޖާޖު ނުހުއްޓާނެ ކަމަށެވެ.

އެނގުން މުހިއްމު - އެ މައްސަލާގައި ސުވާލު ކުރަން ޝިޔާމް އިއްޔެ މަޖިލީހަށް ހާޒިރުކުރުމުން، މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެން ގޮސް ހާލަތު މިހާ ގޯސްވީ، މިދިޔަ ސަރުކާރުގައި މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ފައިސާ ނުދީ، ސަރުކާރު ބަދަލުވި އިރު ބޮޑު ދަރަންޏެއް ވާރުތަވުމުގެ ސަބަބުން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

މާލީ ގޮންޖެހުންތަކާ އެކު ވެސް، ރޯދަ މަހުގެ ކުރިން މަސްވެރިންނަށް އެ ފައިސާ މުޅިން ދައްކާ ނިންމާލާނެ ކަމުގެ ޔަގީންކަން ޝިޔާމް މަޖިލީހަށް ދެއްވާފައިވެ އެވެ.

"އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ 5 މާޗުގެ ކުރިއަށް މަސްވެރިންނަށް ދައްކަން ހުރި ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ނިޔަތް އޮވެގެން އެކަމަށް މަސައްކަތް ވެސް ކުރަމުން،" އޭނާ ވިދާޅުވި އެވެ. އެގޮތުން:

  •  100 މިލިއަން ރުފިޔާ މިމަހުގެ 26 ވަަނަ ދުވަހުގެ ކުރިއަށް ދެއްކޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ ދަނީ މަސައްކަތް ކުރަމުން 

  • އެއަށް ފަހު ބާކީ އޮންނަ 180 މިލިއަން ރުފިޔާ 5 މާޗުގެ ކުރިއަށް ދެއްކޭތޯ އަމާޒު ހިފައިފާ ވާކަމަށް ވިދާޅުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް